ENGLISH
26 މޭ 2026
އެބޯލާގެ ނުރައްކާތެރި ބާވަތަކަށް ހާއްސަ ވެކްސިނެއް ތައްޔާރު ކުރަނީ
26 މޭ 2026
|
ވެކްސިން ތަހުލީލުކުރުމުގައި-- ފޮޓޯ: ބީބީސީ
އެންމެ މަޤްބޫލު
ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ އެބޯލާ ބަލީގެ ނުރައްކާތެރި ބާވަތެއް ކަމަށްވާ "ބުންޑިބުގްޔޯ" އަށް ޚާއްޞަ ވެކްސިނެއް ތައްޔާރުކުރުމުގެ މަސައްކަތް އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަރސިޓީގެ ސައިންސްވެރިން ފަށައިފި އެވެ.
މިހާރު ފެތުރެމުންދާ މި ބަލީގައި މިހާތަނަށް 750 މީހުންނަށް ބަލިޖެހިފައިވާ ކަމަށް ޝައްކުކުރެވޭއިރު، 177 މީހުން ވަނީ މަރުވެފަ އެވެ. "ބުންޑިބުގްޔޯ" އަކީ އެބޯލާގެ ވަރަށް މަދުން ފެންނަ ބާވަތެކެވެ. މި ބަލި ޖެހޭ މީހުންގެ ތެރެއިން ތިންބައިކުޅަ އެއްބައި މީހުން މަރުވާކަމަށް ރިޕޯޓުތަކުން ދައްކަ އެވެ. ނަމަވެސް، މި ބާވަތަށް މިހާތަނަށް އެއްވެސް ވެކްސިނެއް އުފެއްދިފައެއް ނުވެ އެވެ.
އޮކްސްފޯޑްގެ ސައިންސްވެރިން ބުނި ގޮތުގައި، ކުރިއަށް އޮތް ދެ މަހެއް ނުވަތަ ތިން މަހެއްގެ ތެރޭގައި މި ވެކްސިން އިންސާނުންނަށް ބޭނުންކޮށްގެން ޓެސްޓުކުރުމަށް ނުވަތަ ކްލިނިކަލް ޓްރަޔަލްތަކަށް ތައްޔާރުކުރެވޭނެ އެވެ. މި ވެކްސިން އުފެއްދުމުގައި ބޭނުންކުރަނީ ކޮވިޑް-19 ގެ ވެކްސިން އުފެއްދުމަށް ބޭނުންކުރި "ChAdOx1" ޓެކްނޮލޮޖީ އެވެ. މިއީ ވަރަށް އަވަހަށް ބަދަލުތައް ގެނެސް، ތަފާތު ބަލިތަކަށް ފަރުވާދިނުމަށް ބޭނުންކުރެވޭ ފަދަ ވަރުގަދަ ޓެކްނޮލޮޖީއެކެވެ.
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން ވަނީ ކޮންގޯގައި މި ބަލީގެ ނުރައްކާ އޮތް މިންވަރު "ހައި" އިން "ވެރީ ހައި" އަށް މަތިކޮށްފަ އެވެ. އަދި މިދިޔަ އާދީއްތަ ދުވަހު ވަނީ ބައިނަލްއަގުވާމީ ފެންވަރުގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފަ އެވެ. ނަމަވެސް މިއީ މުޅި ދުނިޔެއަށް ފެތުރިފައިވާ އާލަމީ ވަބާއެއް ނޫންކަން އެ ޖަމްއިއްޔާއިން ފާހަގަކޮށްފައިވެ އެވެ.
އޮކްސްފޯޑް ވެކްސިން ގްރޫޕުގެ ޕްރޮފެސަރު ލޭމްބް ބުނީ، ބަލި ފެތުރުން ކޮންޓްރޯލް ނުވެ ހާލަތު އިތުރަށް ގޯސްވެދާނެ ކަމަށް ބަލައި، ވެކްސިން ތައްޔާރުކުރުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރަމުން އަންނަ ކަމަށެވެ. މިހާރު އޮކްސްފޯޑްގައި ޖަނަވާރުން ބޭނުންކޮށްގެން މި ވެކްސިން ޓެސްޓުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ވެކްސިން ކާމިޔާބުވުމާއެކު އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން ގިނަ އަދަދަކަށް މި ވެކްސިން އުފެއްދުމަށް ވަނީ ހަމަޖެހިފަ އެވެ.
އެބޯލާގެ ބާވަތްތަކުގެ ތެރެއިން "ޒަޔަރ" އެބޯލާ އަށް މިހާރުވެސް ވެކްސިން ބޭނުންކުރެވެމުންދެ އެވެ. ނަމަވެސް "ބުންޑިބުގްޔޯ" އަށް މިފަދަ ވެކްސިނެއް ލިބުމަކީ މި ބަލި ކޮންޓްރޯލް ކުރުމަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް މާހިރުން ގަބޫލުކުރެ އެވެ. މި ވެކްސިން ބޭނުންކުރާނީ ކޮވިޑް ވެކްސިން ފަދައިން މުޅި އާބާދީއަށް ދިނުމުގެ ބަދަލުގައި، ބަލިޖެހޭ މީހުންނާ ގާތްކޮށް އުޅޭ މީހުންނާއި ސިއްހީ ޚިދުމަތްތެރިންނަށް އެކަނި ދޭ "ރިންގް ވެކްސިނޭޝަން" އުސޫލުން ކަމަށް އޮކްސްފޯޑް އިން ބުނެފައިވެ އެވެ.