ENGLISH
13 ޖުލައި 2026
މި އަހަރުގެ ފުރަތަަމަ 6 މަސްދުވަހު ބޭރުފައިސާއިން ލިބުނު އާމްދަނީ %9.6 އިތުރުވެއްޖެ
13 ޖުލައި 2026
|
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ލިބުނު ބޭރު ފައިސާގެ އާމްދަނީ އިތުރުވި
އެންމެ މަޤްބޫލު
މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ދައުލަތަށް ޑޮލަރުން ލިބުނު އާމްދަނީ ނިމުނު އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 9.6 އިންސައްތަ އިތުރުވެފައިވާކަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މީރާއިން މަހަކު އެއްފަހަރު އާއްމުކުރާ މާލީ ހިސާބުތަކަަށް ބަލާއިރު 2026 ވަނަ އަހަރުގެ ޖަނަވަރީން ފެށިގެން ޖޫން މަހުގެ ނިޔަލަަށް 867.9 މިލިއަން ޑޮލަރު މީރާއަށް އާމްދަނީގެ ގޮތުގައި ލިބިފައިވެއެވެ. 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނީ 791.3 މިލިއަން ޑޮލަރެވެ. އެހެންކަމުން މި އަހަރު ޑޮލަރުން ލިބުނު އާމްދަނީވަނީ 9.6 އިންސައްތަ އިތުރުވެފައެވެ. އެއީ 76.6 މިލިއަން ޑޮލަރުގެ އިތުރުވުމެކެވެ.
ޖަނަވަރީން ފެށިގެން ޖޫން މަހުގެ ނިޔަލަށް ޓެކުހުގެ ގޮތުގައި 667.8 މިލިއަން ޑޮލަރު ލިބުނެވެ. އެއީ 2025 ވަނަ އަހަރު ލިބުނު 609.09 މިލިއަން ޑޮލަަރަށްވުރެ 58.71 މިލިއަން ޑޮލަރު އިތުރު އަދަދެކެވެ.
ވަކިވަކި ޓެކުސްތަކަށް ބަލާއިރު އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި ނިމުނު އަހަރު 77 މިލިއަން ޑޮލަރު ލިބުނުއިރު މި އަހަރު އެ އަދަދު 88.1 މިލިއަން ޑޮލަރަށް އިތުރުވިއެެ. އަދި ގްރީން ޓެކުހުގެ ގޮތުގައި ނިމުނު އަހަރުގެ އެ މުއްދަތުގައި 73 މިލިއަން ޑޮލަރު ލިބުނުއިރު މި އަހަރު 79.05 މިލިއަން ޑޮލރު ލިބުނެވެ.
ޑޮލަރން އެންމެ ގިނައިން އާމްދަނީ ލިބުނީ ފަތުރުވެރިކަމުގެ މުދަލާއި ހިދުމަތުން ނަގާ ޓެކުސް ނުވަތަ ޓީޖީއެސްޓީންނެވެ. ޓީޖީއެސްޓީގެ ގޮތުގައި 2026 ވަނަަ އަހަރުގެ ފުރަތަަމަ ހަ މަސްދުވަހު 431.4 މިލިއަން ޑޮލަރު ލިބުނެވެ. ނިމުނު އަހަރު ލިބުނީ 399.7 މިލިއަން ޑޮލަރެވެ.
ޓެކުސް ނޫން ގޮތްގޮތުން ލިބުނު ބޭރު ފައިސާގެ އާމްދަނީއަށް ބަލާއިރު މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ޓެކުސް ނޫން ގޮތްގޮތުން 200.1 މިލިއަން ޑޮލަރު ލިބުނެވެ. ނިމުނު އަހަރު ލިބުނީ 182.2 މިލިއަން ޑޮލަރެވެ. އެއީ %9.8 އިންސައްތައިގެ އިތުރުވުމެކެވެ.
ނިމުނު އަހަރާ އަޅާބަލާއިރު އެންމެ ބޮޑަށް އިތުރުވީ ޓޫރިޒަމް ބޭނުމަށް ކުއްޔަށް ދޫކުރާ ބިންތަކުގެ އިކުއިޒިޝަން ކޯސްޓުގެ ގޮތުގައި ލިބުނު ބޭރު ފައިސާއެވެ. ނިމުނު އަހަރުގެ ފުރަތަމަ ހަ މަހު 6.6 މިލިއަން ޑޮލަރު ލިބުނުއިރު މި އަހަރު 39.8 މިލިއަން ޑޮލަރު ލިބުނެވެ.
ޖޫން މަހު ބޭރު ފައިސާއިން ލިބުނު އާމްދަނީއަށް ބަލާއިރު އެ މަހުގައި އެކަނި 118.5 މިލިއަން ޑޮލަރު ލިބިފައިވެއެވެ. އަދި ޖުމްލަ 2.92 ބިލިއަން ރުފިޔާގެ އާމްދަނީއެއް ޖޫން މަހު ލިބުނެވެ. އެއީ އެ މަހު ލިބޭނެކަމަށް ކުރިން އަންދާޒަކުރި މިންވަރަށްވުރެ 14.7 އިންސައްތަ އިތުރު އަދަދެކެވެ.
ޑޮަލަރުން ލިބޭ އާމްދަނީ އިތުރުކުރުމަށް ސަރުކާރުންވަނީ ޓެކުހާ ގުޅޭ ގަވާއިދުތަކަށް ބައެއް ބަދަލުތައް ގެނެސް، ބޭރުފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކާއި ފަރުދުން ރުފިޔާއިން ދައްކަމުންއައި ބައެއް ޓެކުސްތައް ބޭރުފައިސާއިން ދެއްކުން ލާޒިމުކޮށްފައެވެ.