ENGLISH
13 ޖުލައި 2026
ޤަޠަރުގެ ކުރީގެ އަމީރު އަހަވާރުވުމާ ގުޅިގެން ދިވެހި ދިދަ އެއް ދުވަހަށް ބައިދަނޑިއަށް ތިރިކުރައްވަން ނިންމަވައިފި
13 ޖުލައި 2026
|
ޤަޠަރުގެ ކުރީގެ އަމީރު ޙަމަދު ބިން ޚަލީފާ އާލް ޘާނީ
އެންމެ މަޤްބޫލު
ޤަޠަރުގެ ކުރީގެ އަމީރު ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީ އަވަހާރަވުމުގެ ހިތާމާގައި ދިވެހި ދިދަ އެއް ދުވަހަށް ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
މިއަދު ރައީސް އޮފީހުން ބުނެފައިވަނީ ޝައިޚް ޙަމަދު ބިން ޚަލީފާ އާލްޘާނީގެ ޛިކުރާގައި ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސް ނިންމެވީ 13 ޖުލައި 2026 ވަނަ ދުވަހުގެ މެންދުރު 12:00 އިން ފެށިގެން 14 ޖުލައި 2026 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ކަމަށެވެ.
މި ނިންމެވުމަކީ ރާއްޖެއާއި ޤަޠަރާ ދެމެދު ޒަމާނުއްސުރެ އޮތް ގާތް ރަޙުމަތްތެރި ގުޅުމާއި، ޝައިޚް ޙަމަދު އެ ޤައުމުގެ އަމީރުކަމުގައި ހުންނެވި ދުވަސްވަރު ރާއްޖެއާމެދު ބެހެއްޓެވި ގާތްކަމާއި، ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް ދެއްވި ދީލަތި އެހީތެރިކަމާއި އެއްބާރުލުމުގެ އަގުވަޒަންކުރެއްވުމުގެ ގޮތުން ނިންމެވި ނިންމެވުމެއް ކަމަށް ރައީސް ވިދާޅުވިކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
އިއްޔެ ޝައިޚް ޙަމަދު ރަސްމީ ޢިއްޒަތުގައި ފަސްދާނުލާފައިވާއިރު އެމަނިކުފާނު އަވަހާރަވުމާ ގުޅިގެން މިއަދު ޤަޠަރުގައި ކުރިއަށްގެންދާ ރަސްމީ ހިތާމަފާޅުކުރުމާއި ތައުބީނުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ.މުޢިއްޒު މިއަދު ހެނދުނު އެ ޤައުމަށް ފުރާވަޑައިގެންފައިވެއެވެ.
ނަވާރަސަތޭކަ ނުވަދިހަ ފަހަކުން 2013 އަށް ޤަޠަރުގެ ވެރިކަން ކުރެއްވި ޝައިޚް ޙަމަދަކީ، ހަކަތައިގެ ގޮތުން މުއްސަނދި އެ ގައުމަށް އައި އާދަޔާހިލާފު ކުރިއެރުމުގެ ބާނީއެވެ. އެމަނިކުފާނުގެ ޒައާމަތުގައި ޤަޠަރަށް ވަނީ އިގްތިސާދީ، އިޖުތިމާއީ އަދި ސަގާފީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބި، ބައިނަލްއަގުވާމީ މައިދާނުގައި އެ ގައުމުގެ ގަދަރު އުފުލިގެން ގޮސްފައެވެ.
މިއަދު އުތުރު އެފްރިކާއާއި، މެދުއިރުމައްޗާއި އޭޝިއާ ސަރަހައްދުތަކަށް ޤަޠަރުގެ ސިޔާސީ ނުފޫޒު ފެތުރިފައިވާއިރު، މިއީ އެމަނިކުފާނު ފެއްޓެވި މަސައްކަތްޕުޅުގެ ނަތީޖާއެވެ. މީގެ އިތުރުން، 2022 ވަނަ އަހަރު ބޭއްވުނު ފީފާ ވޯލްޑް ކަޕް ޤަޠަރުގައި ބޭއްވުމުގެ ބިންގަލަކީވެސް އެމަނިކުފާނުގެ ދުރުވިސްނުންފުޅެވެ. ވެރިކަމާ ދުރުގައި ހުންނެވި ނަމަވެސް، ވޯލްޑް ކަޕް ހުޅުވުމުގެ ރަސްމިއްޔާތަށް އެމަނިކުފާނު ވަޑައިގެންނެވިއެވެ. މިހާރު މީޑިއާގައި ނުފޫޒު ގަދަ "އަލް ޖަޒީރާ" އަކީ ވެސް ހަމަދުގެ ވެރިކަމުގައި 1996 ވަނަ އަހަރު ނެރުއްވި ގަރާރެއްގެ ދަށުން އުފެއްދި ނެޓްވޯކެކެވެ.
އެމަނިކުފާނު ވެރިކަމުން އިސްތިއުފާ ދެއްވީ 2013 ވަނަ އަހަރު، ދަރިކަލުން އަދި މިހާރުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދު އަލްޘާނީއާ ވެރިކަން ހަވާލުކުރެއްވުމަށްފަހުގައެވެ.
ޝައިޚް ޙަމަދް ބިން ޚަލީފާ އާލްޘާނީއަކީ ރާއްޖެއަށް ވެސް އެކި ދާއިރާތަކުން އެތައް އެހީއެއް ދެއްވި ބޭފުޅެކެވެ. އެގޮތުން ލ. ގަމުގައި ހުންނަ ޝައިޚް ހަމަދު ބިން ޚަލީފާ އާލް ޘާނީ ސުކޫލު ބިނާކޮށްދެއްވުން ހިމެނެއެވެ. މި ސްކޫލަކީ ޤަތަރު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ބިނާކުރެވިފައިވާ ދިވެހި ސަރުކާރުގެ ސުކޫލެކެވެ. މި ސްކޫލުގައި ކިޔަވައިދޭން ފަށާފައިވަނީ 1998 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ. މީގެ އިތުރަށް މަސްޖިދުލް ޝައިޚް ޤާސިމް ބިން އަލްޘާނީ ނުވަތަ ހުޅުމާލެ ބޮޑު މިސްކިތް އިމާރާތްކޮށްދެއްވުމުގައިވެސް ޝައިޚް ޙަމަދުގެ އެހީތެރިކަން ބޮޑެވެ.