ENGLISH
13 ޖުލައި 2026
ފެނާއި ނަރުދަމާގެ ހިދުމަތަަކީ ސަރުކާރަށް ފައިދާއެއް ހޯދުމަށް ދޭ ހިދުމަތްތަކެއް ނޫން: ވަޒީރު
13 ޖުލައި 2026
|
ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބު، ފޮޓޯ: ރައްޔިތުންގެ މަޖިލިސް
އެންމެ މަޤްބޫލު
ސަރުކާރުން ފޯރުކޮށްދޭ ފެނާއި ނަރުދަމާގެ ޚިދުމަތަކީ އެ ޚިދުމަތްތަކުން ސަރުކާރަށް ފައިދާ ހޯދުމަށް ފޯރުކޮށްދޭ ޚިދުމަތްތަކެއް ނޫންކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގައި ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު މައުރޫފު ޛާކިރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ ފެނާއި ނަރުދަމާގެ ނިޒާމުތައް ގާއިމުކުރުމަށް ހިނގާ ހަރަދަކީ ރައްޔިތުންނަށް ފޯރުކުރާ ހަރަދެއް ނޫން ކަމަށެވެ. ފެނުގެ ނިޒާމު ގާއިމުކުރުމަށް ހިނގާ ހަރަދު ފެން ބިލުތައް ހެދުމުގައި ނުހިމަނާ ކަމަށެވެ.
ވަޒީރު ވިދާޅުވި ގޮތުގައި ފެނާއި ނަރުދަމާގެ ހިދުމަތް ދެކޮޅުޖެހޭ ގޮތެއްގައި ނުވަތަަ ފީޒަބަލް ގޮތެއްގައި ފޯރުކޮށްދެވެނީ ވަރަށް ބޮޑަށް ގެސްޓުހައުސް ފަތުރުވެރިކަން ކުރިއަރާފައިވާ ރަށްރަށުގައެވެ. އެގޮތުން މާފުށި ފަދަ ބައެއް ރަށްރަށުން ފެނުގެ ހިދުމަތުން ފައިދާއެއް ލިބުނު ނަމަވެސް ގިނަ ރަށްރަށުގައި އާއްމުންނަށް ހިދުމަތް ފޯރުކޮށްދެނީ ވިޔަފާރިތަކުން ލިބޭ ފައިސާއިން ކްރޮސް-ސަަބްސިޑައިޒްކޮށްގެން ނުވަތަ އާއްމުންގެ ބިލުގެ އަސްލު އަގުން ބައެއް ވިޔަފާރިތަކުން ލިބޭ ފައިސާއިން ހަމަޖައްސައިގެން ކަމަށް ވަޒީރު ވިދާޅުވިއެވެ.
"މާލެވިޔަސް، އަދި އަލަށް ހިއްކާ ސަރަހައްދުތައް މިސާލަކަށް ހުޅުމާލެވިޔަސް، ގިރާވަރުވިޔަސް ގުޅީފަޅުވިޔަސް، ސަރުކާރުން ހިދުމަތް ދޭން ފެށުމުގެ ކުރިން އެކަމަށް ކުރަންޖެހޭ ކެޕެކްސް ނުވަތަ އިންފްރަސްޓްރަކްޗާ ހަރަދު ސަރުކާރުން ކޮށްފައިހުންނާނީ އެއީ ރިކަވާކުރާ އެއްޗެއް ނޫން. ރައްޔިތުންނަށް ޗާޖުކުރާ އެއްޗެެއް ނޫން،" ޑރ.މުއްތަލިބު ވިދާޅުވިއެވެ.
ޑރ.މުއްތަލިބު ވިދާޅުވީ ސަރުކާރުން ފޯރުކޮށްދޭ ފެނުގެ ހިދުމަތަށް ނަގާ އަގަކީ ފެން އުފެއްދުމަށާއި، ގޭބީސީތަކާ ހަމައަށް ފެން ފޯރުކޮށްދިނުމަށް ދާ ހަރަދަށް ބަލައިގެން ނަގާ އަގެކެވެ. އިތުރަށް އޭނާ ފާހަގަކުރެއްވީ ނަރުދަމާގެ ހިދުމަތް ސަރުކާރުން ފޯރުކޮށްދެނީ އެއްވެސް އަގެއް ނުނަގާ ގޮތަށް ކަމެވެ.
ވަޒީރު ވިދާޅުވި ގޮތުގައި މި ހިދުމަތްތަަކަކީ ގާނޫނުއަސާސީން ރައްޔިތުންނަށް ފޯރުކޮށްދިނުން ލާޒިމުކުރާ އަސާސީ ހިދުމަތެއްކަމަަށްވާތީ، އެ ހިދުމަތްތައް ފޯރުކޮށްދެނީ އިޖުތިމާއީ ހިދުމަތެއްކަމަށް ބަލައިގެން އެއްވެސް ގޮތަކަށް ފައިދާއެއް ނެގުމުގެ ވިސްނުމެއް ނެތިއެވެ.