ENGLISH

21 އޭޕްރީލު 2025

Advertisement

ބަނގުރާ ކައްކަމުންދިޔަ ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް

28 ޑިސެމްބަރު 2024

|

އާމިނަތު މައިހާ

މި މައްސަލައާ ގުޅިގން ހައްޔަރުކުރި ތިން މީހުން -- ފޮޓޯ: ޕޮލިސް

ހުޅުމާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ބަނގުރާ ކައްކަމުންދިޔަ ތަނެއް ބަލައި ފާސްކޮށް ތިން މީހަކު ހައްޔަރުކޮށްފިއެވެ. 

މި މީހުން ހައްޔަރުކޮށްފައިވަނީ މި ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ތިން ރައްޔިތުން ކަމަށްވާ އެމްޑީ އަހަންނާން (51އ) އާއި ތުހިންމިއާ (34އ) އާއި މުހައްމަދު ޝަޖަލާލް (33އ) އެވެ.

ފުލުހުން މަޢުލޫމާތުދޭ ގޮތުގައި އެމްޑީ އަހަންނާން ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފޭސް ތިނަކުން ފޮށިގަނޑެއް ހިފައިގެން ދާތަން ފެނުމުން އޭނަގެ ހަރަކާތްތައް ބަލަމުންދަނިކޮށް ފޭސް ތިނެއްގެ އަތިރިމަތީގައި ފޮށިގަނޑު ފޮރުވާފައި ދަނިކޮށެވެ. އަދި އޭނާ ހުއްޓުވަން އުޅުމުން ވަނީ ފުލުހުންނަށް ފިލަން ދުވަން މަސައްކަތްކޮށް، މާރާމާރީ ވެސް ހިންގާފައެވެ. 

އޭނާ ގެންގުޅުނު ފޮށިގަނޑު ބަލައި ފާސްކުރިއިރު ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 500 އެމްއެލްގެ 30 ފުޅި ފެނިފައިވެއެވެ. 

މި މައްސަލައާ ގުޅިގެން އަނެއް ދެމީހުން ހައްޔަރުކުރީ ފުލުހުން ސައިޓަށް ދިއުމާއެކު ފިލަން ދުވަން މަަސައްކަތްކުރުމުންކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. އެމީހުން މަސައްކަތްކުރާ ސައިޓުގެ ބަދިގެ ބަލައިފާސްކުރިއިރު އެވަގުތު ބަނގުރާ ކެއްކުމުގެ މަސައްކަތްކުރަމުންދިޔަކަން ވަނީ ފާހަގަކުރެވިފައެވެ. އަދި އެތަން ބަލައިފާސްކުރިއިރު ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 500 އެމްއެލްގެ 72 ފުޅިއާއި ބަނގުރާ ފުޅިއެއް ފެނިފައިވެއެވެ. މީގެއިތުރުން ބަދިގެ ތެރެއިން ބަނގުރާ ކެއްކުމަށް ބޭނުންކުރާ ތަކެތި ވެސް ވަނީ ފެނިފައިވެއެވެ.

މި ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 10 ދުވަހުގެ މުއްދަތެއް ދީފައިވާ އިރު މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު