ENGLISH

13 ޖުލައި 2026

Advertisement

މާލޭގެ މަގުތައް ތަރައްގީކުރަން އިދިކޮޅު މެމްބަރުން ހުރަސްއަޅާކަމުގެ ތުހުމަތާއިއެކު ވަޒީރުގެ ކަންބޮޑުވުން

13 ޖުލައި 2026

|

އައިމިނަތު ޝަފާ

ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް

މާލޭގެ މަގުތައް ތަރައްގީކުރަން ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކަށް އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުން ހުރަސްއަޅާކަމަށް ތުހުމަތުކުރައްވައި ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. 

އެމަނިކުފާނު މިފަދައިން ކަންބޮޑުވުން ފާޅުކުރެއްވީ ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ސަބަބުން ރައްޔިތުންނަށް ފައިދާއެއް ނުވާކަމަށް ދޭހަވާފަދަ މޭރުމަކުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ވާހަކަފުޅު ދެއްކެވުމާ ގުޅިގެންނެވެ. 

" ބޮޑުތަކުރުފާނު މަގާއި މާލޭގެ މަގުތައް ފުޅާކޮށްގެން ރައްޔިތުންނަށް އެ ލިބޭ ފައިދާ ނުލިބުމަށް މާލޭގެ އިއްޒަތްތެރި މެމްބަރަކު އެދިވަޑަައިގަންނަވާތީ އަޅުގަނޑު ހައިރާންވޭ، ހަގީގަތުގައި މި މަގު ތަރައްގީކުރުމަކީ ރައްޔިތުންނަށް އެތައް ގޮތަކުން ލުއިފަސޭހަވެގެންދާނެ ކަމެއް،" ވަޒީރު ވިދާޅުވިއެވެ. 

ވަޒީރު ވިދާޅުވީ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ހަދަން ނިންމީ އެމަގުގެ ކާރޫބާރޫ ބޮޑުވެ ރައްޔިތުންނަށް އެކަމުގެ ތަކުލީފް އުފުލަންޖެހިފައިވާތީކަމަށެވެ. 

މަގު ފުޅާކޮށްފައިވަނީ ފަޅުން ބައެއް ހިއްކައިގެން ކަމަށްވާތީ އެކަމުގެ ތަކުލީފު އެ ސަރަހައްދަށް ވަންނަ ކަނޑު އުޅަނދުފަހަރަށް ކުރާނެ ކަމަށް ވިދާޅުވެ މެމްބަރު ކުރެއްވި ސުވާލުގެ ޖަވާބުގައި ވަޒީރު ވިދާޅުވީ މަގު ތަރައްގީކޮށްފައިވާ ގޮތުން ކުރިއަށް ވުރެ ކީވޯލްގެ ދިގުމިން މިހާރު އިތުރުވާނެކަމަށާއި އެއީ ފަޅުގެ ބައެއް ހިއްކައިގެން ހެދި ޕާކިން ސަރަަހައްދުގެ ވަށައިގެން ވެސް ލޯންޗް ފަހަރު އެޅޭނެ ގޮތް ހަދާފައިވާތީކަމަށެވެ.

"އެ ތިން ފަރާތަށް ވެސް ލޯންޗު ކައިރި ކުރެވޭ ގޮތަށް ހަދާފައި އިންނާނީ. އެހެންވީމަ އޭގެ ސަބަބުން އެތަނަށް ވަދެ ނުކުމެ އުޅޭ ފަރާތްތަކަށް އުނދަގޫވެ އެކަހަލަ ކަމެއް ނުހިނގާނެ. މިއަކީ ބޮޑެތި އާގުބޯޓު ފަހަރު މަސް ދޯނި ފަހަރު ވައްދާކަށް ހަދާ ތަނެއް ނޫން، އެހެންވީމަ ފަޅު ހަނިވެގެން އޮޑިފަހަރު ބޭނުންކުރާ ފަރާތްތަކަށް ދައްޗެއް ވާނެ ކަމަކަށް ގަބޫލެއް ނުކުރަން. އޭގެ ބަދަލުގައި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ،" ވަޒީރު ވިދާޅުވިއެވެ. 

ވަޒީރުގެ ވާހަކަފުޅާ ވިދިގެން މެމްބަރު ވިދާޅުވީ ބޮޑުތަކުރުފާނުމަގު ފުޅާކޮށްގެން މާލޭގެ ތޮއްޖެހުމަށް ހައްލު ލިބޭނެކަމަށް ގަބޫލުނުކުރައްވާކަމަށެވެ. 

މެމްބަރުގެ އެ ވާހަކަފުޅުތަކާ ގުޅިގެން ވަޒީރު އެދިވަޑައިގެންނެވީ އެންމެ ބާރުބޮޑުވާ ވަގުތު ބާޒާރުމައްޗަށް ވަޑައިގެން، މަގު ފުޅާވުމުގެ ސަބަބުން ވާ ފަސޭހަ ބައްލަވާލެއްވުމަށެވެ. އަދި އެމަގުތައް ހެދުމުން ރައްޔިތުންނަށް ފަަސޭހަ ނުވާނަމަ، މަގު ހެދުމުގެ މަސައްކަތް ޖެހޭނީ ހުއްޓާލަން ކަމަށް ވަޒީރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު