ENGLISH

13 ޖުލައި 2026

Advertisement

ޒުވާން ޚަތީބުން ތަމްރީނުކުރުމުގެ ފަސްވަނަ ބުރުގެ އޮޑިޝަން ފަށައިފި

13 ޖުލައި 2026

|

އާމިނަތު ނުޒްލާ

ޒުވާން ޚަތީބުން ތަމްރީނު ކުރުމުގެ ފަސްވަނަ ބުރުގެ އޮޑިޝަން ފެށިގެން ކުރިއަށް - ފޮޓޯ: އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާ

ޒުވާން ޚަޠީބުން ތަމްރީނުކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމުގެ ފަސްވަނަ ބުރުގެ އޮޑިޝަންތައް ފަށާފައިވާކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

މި ޕްރޮގްރާމުގެ ފަސްވަނަ ބުރުގައި ބައިވެރިވުމަށް 160 ފަރާތަކުން ފޯމު ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން 140 ފަރާތެއްގެ އިންޓަވިއު މިއަދު ވަނީ ފަށާފައެވެ. ރާއްޖޭގެ ހުރިހާ އަތޮޅަކުން ކުދިން ބައިވެރިވެފައިވާ މި ޕްރޮގްރާމުގައި، މާލެއާއި އައްޑޫ ސިޓީ ފިޔަވައި އެހެން ރަށްރަށުގެ ކުދިންގެ އިންޓަވިއުތައް ކުރިއަށްގެންދާނީ އޮންލައިންކޮށެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މާލެ ސަރަޙައްދުގެ އޮޑިޝަންތައް މި މަހުގެ 12 އިން 20 އަށް ކުރިއަށްދާނެއެވެ. އަދި އަތޮޅުތެރޭގެ އޮޑިޝަންތައް މި މަހުގެ 15 އިން 20 އަށް ކުރިއަށްގެންދާއިރު، ތަމްރީނު ޕްރޮގްރާމް އޮންނާނީ މި މަހުގެ 23 އިން 30 އަށެވެ. އަތޮޅުތަކުން ބައިވެރިވާ ކުދިންގެ ތަމްރީނުތައްވެސް ކުރިއަށްދާނީ އޮންލައިންކޮށެވެ.

މި ބުރުގައި ބައިވެރިވުމަށް އެންމެ ގިނަ ކުދިން ހުށަހަޅާފައިވަނީ މާލެ ހިމެނޭހެން ކ. އަތޮޅުންނެވެ. އެއީ 28 ކުދިންނެވެ. މީގެ އިތުރުން ނ. އަތޮޅުން 15 ކުދިން، ސ. އަތޮޅުން 14 ކުދިން އަދި ށ. އަތޮޅުން 11 ކުދިން ބައިވެރިވެފައިވެއެވެ.

ޒުވާން ޚަޠީބު ތަމްރީނު ޕްރޮގްރާމަކީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހިންގާ އެންމެ ކާމިޔާބު އެއް މަޝްރޫޢެވެ. މިހާތަނަށް ހަތަރު ބުރު ނިމި، 621 ޒުވާން ޚަޠީބުން ވަނީ ތަމްރީނުކޮށްފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން ކުރިއަށްގެންދާ މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ، ރަށްރަށުގައި ޚަޠީބުން މަދުވުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދިނުމާއި، ޒުވާން ޖީލަށް ދީނީ ދާއިރާއިން ކުރިއަށްދިއުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.

ކިޔުންތެރިންގެ ހިޔާލު