ENGLISH
13 ޖުލައި 2026
އައްސޭރި ޖަލު ބަލައި ފާސް ކުރުމުގެ އޮޕަރޭޝަނެއް ފަށައިފި
13 ޖުލައި 2026
|
އައްސޭރި ޖަލު - ފޮޓޯ: މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
އެންމެ މަޤްބޫލު
ކ. ހިންމަފުށީ އައްސޭރި ޖަލަށް މަނާތަކެތި ވެއްދުން ހުއްޓުވުމަށްޓަކައި، އެ ޖަލު ބަލައި ފާސްކުރުމުގެ ޚާއްޞަ އޮޕަރޭޝަނެއް މިއަދު ފަށައިފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން ކުރިއަށްގެންދާ މި ހަރަކާތާ ގުޅޭގޮތުން ކަރެކްޝަންސް އިން ބުނީ، މިއީ ޖަލަށް މަނާތަކެތި ވެއްދުން ހުއްޓުވުމަށް ފެށި އޮޕަރޭޝަނެއް ކަމަށެވެ. ނަމަވެސް، މިހާރު ކުރިއަށްދާ މި މަސައްކަތާ ގުޅޭ އިތުރު ތަފުސީލެއް އެ އިދާރާއިން އަދި ހާމައެއް ނުކުރެއެވެ.
ޖަލުތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް ބަލަހައްޓަމުން ދިޔަ ނަމަވެސް، ޖަލަށް ފޯނާއި މަސްތުވާތަކެތި ފަދަ މަނާތަކެތި ވެއްދުމުގެ މައްސަލަ ވަނީ ބޮޑުވެފައެވެ. އެގޮތުން، ޖަލަށް މަސްތުވާތަކެތި ވެއްދުމުގައި އެހީތެރިވިކަމުގެ ތުހުމަތުގައި 2024 ވަނަ އަހަރު ކަރެކްޝަންސްގެ 18 މުވައްޒަފެއްގެ މައްޗަށް ދައުވާ އުފުލާފައިވެއެވެ. ފުލުހުންގެ ތަހުގީގުން ހާމަވިގޮތުގައި، މި މުވައްޒަފުންގެ ބޭންކް އެކައުންޓުތަކަށް ޖުމްލަ 73 މިލިއަން ރުފިޔާ ޖަމާކޮށްފައިވެއެވެ.
މިފަދަ ނުރަނގަޅު އަމަލުތައް ހުއްޓުވުމަށްޓަކައި ސަރުކާރުން އަންނަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން، މާފުށީ ޖަލަށް ވަންނަ މީހުން ފާސްކުރުމަށްޓަކައި މި އަހަރު ވަނީ ބޮޑީ ސްކޭނިންގ މެޝިނެއް ބަހައްޓައި ބޭނުންކުރަން ފަށާފައެވެ.
މީގެ އިތުރުން، މިދިޔަ މަހުގެ 22 ވަނަ ދުވަހު މާފުށީ ޖަލުގައި ވެސް ފުލުހުންނާއި ކަރެކްޝަންސް ގުޅިގެން މިފަދަ ބޮޑު އޮޕަރޭޝަނެއް ހިންގާފައިވާކަން ފާހަގަކޮށްލެވެއެވެ.