ENGLISH

13 ޖުލައި 2026

Advertisement

ވަޒީރުގެ އަމާޒަކީ 10 ނިންމާ ކުދިންގެ 70 އިންސައްތަ މަތީ ސާނަވީ މަރުހަލާއަށް ގެންދިއުން

13 ޖުލައި 2026

|

އައިމިނަތު ޝަފާ

ވަޒީރު ޝަފީއު، ނާއިބު ރައީސާއެކު..

މަތީ ސާނަވީގައި ކިޔަވާ ދަރިވަރުންގެ އަދަދު ފާއިތުވި ދެ އަހަރު ދުވަހު ކުރި މަސައްކަތުން 48 އިންސައްތައަށް މަތިކުރެވިފައިވާ ކަމަށް ތައުލީމާއި މަތީތައުލީމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.

މަތި އަރުތަވެރިންގެ އިނާމު ދިނުމަށް ކުރިއަށް ގެންދިޔަ ހަފުލާގެ ހަތަރުވަނަ ދަންފަޅީގައި ވާހަކަ ދައްކަވުން ވަޒީރު ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވީ، މަތީ ސާނަވީއަށް ކިޔަވަމުން ދިޔަ އަދަދު 34 އިންސައްތައިން 48 އިންސައްތައަށް ފާއިތުވި ދެ އަހަރުގެ ތެރޭގައި ގެންދެވުމަކީ އެއީ ވަރަށްބޮޑު ކުރިއެރުމެއް އަދި ކާމިޔާބެއް ކަމަށެވެ.

"މަތި ސަނާވީ މަރުހަލާގައި ކިޔެވުމަކީ ކިހާ މުހިންމުކަމެއްކަން ވިސްނައިދިނުމާއި ސިޔާސަތުތަކަށް ގެނައި ބަދަލުތަކާއެކުގައި ﷲ ގެ ވާގިފުޅާއެކު 48 އިންސައްތަ ދަރިވަރުން މިހާރު ދަނީ މަތީ ސާނަވީ މަރުހަލާގައި ކިޔަވަމުން. އަޅުގަނޑުގެ ހިތުން މިއީ ވަރަށް ބޮޑު ކުރިއެރުމެއް ކާމިޔާބެއް" ވަޒީރު ވިދާޅުވިއެވެ. 

މަތީ ސާނަވީއަށް ވަންނަ ކުދިންގެ އަދަދު ރާއްޖެއިން ބޭރުގެ ޤައުމުތަކުގައި ހުރި މިންވަރަށް އިޝާރާތް ކުރައްވައި، އެމަނިކުފާނު ވިދާޅުވީ، އޯއީސީޑީގެ ޤައުމުތަކަށް ބަލާއިރު އެ އަދަދު ހުރީ އެވްރެޖްކޮށް 56 އިންސައްތައިގައި ކަމަށާއި ފިންލެންޑްގައި އެ އަދަދު 50 އިންސައްތައާ ހަމައަށް ނުދާ ކަމަށެވެ. އެހެން ނަމަވެސް އޯއީސީޑީ ފަދަ ކުރިއަރާފައިވާ ގައުމުތަކުގައި އެ ޤައުމުތަކުގެ މަތި ސާނަވީގެ މުޅި ޖުމްލައަށް ބަލާލައިފިކަމުގައ ވަނީނަމަ 100 އިންސައްތައާ ގާތްކުރާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، މި ފަހަކާ ޖެހެންދެން ރޭއްޖޭގައި ބައްޓަން ކުރެވިފައި އޮތީ "އެކަޑަމިކް ޕާޓްވޭ" އެކަނި ކަމަށާއި ވަކިމިންވަރެއް ހާޞިލްނުކުރެވޭ ކުއްޖާ ބާކީވާފަދަ ގޮތަކަށް ނިޒާމެއް ކަމަށެވެ.

މިދިޔަ އަހަރު ކުރި އެންމެ މުހިންމު މަސައްކަތަކީ މަތީ ސާނަވީގައި ލާނިން ޕާތްވޭސްތައް އުފެއްދުންކަން ބަޔާން ކުރައްވައި މިނިސްޓަރު ޑރ. އިސްމާއިލް ވިދާޅުވީ، ވޮކޭޝަނަކް ހައިސްކޫލް ޕާތްވޭގެ އިތުރުން ވޯކްބޭސްޑް އެޕްރެންޓިސްޝިޕް ޕާތްވޭ ވަނީ އެކުލަވާލާފައި ކަމަށެވެ. މިދިޔަ އަހަރު މާލޭގެ ވޮލޭޝަނަލް ހައިސްކޫލް އުފައްދައި އެތަނުގައި ދަރިވަރުން އެދަނީ ކިޔަވަމުން ކަމަށާއި މާލޭ ވޮކޭޝަނަލް ހައި ސްކޫލަށް މުޅިން އާ އިމާރާތެއް އެޅުމަށް މަސައްކަތް އޮގަސްޓް މަހުގެ ތެރޭގައި ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާނެކަން ވަޒީރު އިއުލާން ކުރެއްވިއެވެ.

ވޮކޭޝަނަލް ހައި ސްކޫލުގެ މަސައްކަތް ވަޒީރު ސިފަކުރެއްވީ، މީގެ ސާޅިއެތައް އަހަރެއް ކުރިން އުފެއްދި ސީއެޗްއެސްއަށެވެ. އެ ސްކޫލުން ފެށީ 40 ދަރިވަރުންނާއެކު ނަމަވެސް މިއަދު ހުޅުމާލެ އަދި މާލޭގައި ހުރި އެ ދެ ސްކޫލުގައި 3000 ދަރިވަރުން ކިޔަވަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އެންމެން ކުރާ މަސައްކަތުން ވޮކޭޝަނަލް ޕާތްވޭއާއި ވޯކްބޭސްޓް އެޕްރެންޓިސްޝިޕް ފުޅާކުރެވިއްޖެނަމަ ކައިރި މުސްތަގުބަލެއްގައި ގުރޭޑް 10 އެއް ނިންމާ ކުދިންގެ  70 އިންސަ ކުދިން މަތީ ސާނަވީގައި ކިޔަވަން ފަށާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އޭރުން، އުނގެނުމުގައި، ވަޒީފާއަކަށް ތައްޔާރުވުމުގައި، ކޮންމެ ކުއްޖަކީ ވެސް ހުނަރެއް ލިބިފައިވާ ކުއްޖަކަށް ވާނެ ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު