ENGLISH
13 ޖުލައި 2026
ޕެރޯލްއަށް ޝަރުތު ހަމަވާ ގައިދީންނާ މާފުށި ޖަލުގައި އިންޓަވިއު ކޮށްފި
12 ޖުލައި 2026
|
ޕެރޯލް ބޯޑުގެ މެންބަރުން މާފުށީ ޖަލުގައި ކުރިއަށް ގެންދިޔަ ބައްދަލުވުމުގެ ތެރެއިން. ފޮޓޯ: ކަރެކްޝަން
އެންމެ މަޤްބޫލު
ޕެރޯލް އަށް އެދި ހުށަހަޅާފައިވާ ގައިދީންގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއުކޮށް، އެ ފަރާތްތަކާ މެދު ގޮތެއް ނިންމުމަށްޓަކައި ޕެރޯލް ބޯޑުގެ ހާއްސަ ބައްދަލުވުންތަކެއް މާފުށި ޖަލުގައި ބާއްވައިފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، މި ދަތުރުގެ ތެރެއިން ޕެރޯލް ބޯޑުގެ މެންބަރުން ވަނީ މާފުށި ޖަލުގައި ގައިދީންނަށް އަމާޒުކޮށްގެން ހިންގޭ ތަފާތު ރިހެބިލިޓޭޝަން ޕްރޮގްރާމްތަކާއި ކޯސްތައް ކުރިއަށްދާ ވޮކޭޝަނަލް ސައިޓަށް ޒިޔާރަތްކޮށްފައެވެ. އަދި އެ ތަނުގެ މަސައްކަތްތައް ހިނގާގޮތް ބޯޑުގެ މެންބަރުން ވަނީ ގާތުން ބައްލަވާލައްވާފައެވެ.
ކަރެކްޝަންސްގެ ތަފާސްހިސާބުތަކަށް ބަލާއިރު، ފާއިތުވި 2025 ވަނަ އަހަރު ޕެރޯލް އަށް އެދި 241 ގައިދީއަކު ހުށަހަޅާފައިވެއެވެ. އޭގެ ތެރެއިން ޝަރުޠު ހަމަވި 189 މީހުންގެ ތެރެއިން 86 މައްސަލައެއް ޕެރޯލް ބޯޑަށް ހުށަހެޅުނެވެ. އަދި ބޯޑުން ނިންމައިގެން 27 ގައިދީއަކު ވަނީ ޕެރޯލްގެ ދަށުން މުޖުތަމައުއަށް ދޫކޮށްލާފައެވެ.
ޕެރޯލްގެ ފުރުސަތު ދެވެނީ ޖަލުގައި ހޭދަކުރާ މުއްދަތުގައި އަހުލާގު ރަނގަޅުކޮށް، ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ފުރިހަމަކުރާ ގައިދީންނަށް ކަމަށް ކަރެކްޝަންސްއިން ފާހަގަކުރެއެވެ. މި ވަގުތުވެސް ޕެރޯލް ބޯޑުން ދަނީ ކުރިއަށްގެންދިޔަ އިންޓަވިއުތަކުގެ މައްޗަށް ބިނާކޮށް، ޕެރޯލް އަށް އެދިފައިވާ ގައިދީންނާ މެދު ގޮތެއް ނިންމުމުގެ މަސައްކަތް ކުރަމުންނެވެ.