ENGLISH
12 ޖުލައި 2026
އުނދަގޫ ހާލަތުގައިވެސް ކެތްތެރިކަމާއެކު ކުރިމަތިލުމަށް މިހާރު ވަނީ ފަރިތަވެފައި: ސްކަލޯނީ
12 ޖުލައި 2026
|
ވޯލްޑް ކަޕުގައި ސްވިޒަލެންޑާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން އާޖެންޓީނާގެ ކޯޗު ލިއޮނެލް ސްކަލޯނީ --- ފޮޓޯ: ރޮއިޓަރސް
އެންމެ މަޤްބޫލު
ފީފާ ވޯލްޑް ކަޕް 2026 ގެ ކުއާޓާ ފައިނަލުގައި އިތުރު ވަގުތުގެ ދެ ހާފު ކުޅެގެން ސްވިޒަލެންޑް އަތުން 3-1 ގެ ނަތީޖާއަކުން މޮޅުވި މެޗަކީ، އުނދަގޫ ހާލަތްތަކުގައިވެސް ކެތްތެރިކަމާއެކު ކުރިމަތިލުމަށް އެ ޓީމު މިހާރު ފަރިތަވެފައިވާކަމުގެ ހެއްކެއް ކަމަށް އާޖެންޓީނާގެ ކޯޗު ލިއޮނެލް ސްކަލޯނީ ބުނެފިއެވެ.
ގަދަ 16 ގެ މެޗުގައި މިސްރު އަތުން 2-0 ގެ ނަތީޖާއަކުން ބަލިވަމުން ދަނިކޮށް ފަހަތުން އަރައި 3-2 ގެ ނަތީޖާއަކުން މޮޅުވި މެޗަށްފަހު، ސްވިޒަލެންޑާ ދެކޮޅަށް ކުޅުނު މެޗުގައިވެސް އާޖެންޓީނާގެ ޓީމަށް ވަނީ ބޮޑު ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. ނަމަވެސް ޕްރެޝަރު ބޮޑުވި ވަގުތު ހިތްވަރު ދޫނުކޮށް، އިތުރު ވަގުތުގެ ދެވަނަ ހާފުގައި ޖެހި ދެ ލަނޑާއެކު އެ ޓީމު ވަނީ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދާފައެވެ.
ސްކަލޯނީ ގަބޫލުކުރާ ގޮތުގައި، އުނދަގޫ ހާލަތްތަކުގައިވެސް އުއްމީދު ކަނޑާނުލައި މަސައްކަތްކުރުމަކީ މިހާރު އެ ޓީމުގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައެވެ. "އަހަރެމެންނަށް އެނގޭ މިއީ އުނދަގޫވާނެ މެޗެއްކަން. މިފަދަ ހާލަތްތަކާ ކުރިމަތިލުމަކީ އަހަރެމެންގެ ލޭގައި ހުރި ކަމެއް. މިއީ އަހަރެމެންގެ ފުޓްބޯޅައިގެ ބައެއް، އެކަމުގެ ސަބަބުން އަހަރެމެންނަށް ނަފުސާނީ ހަމަޖެހުން ލިބޭ،" ކޯޗު ބުންޏެވެ.
މި މުބާރާތުގައި އާޖެންޓީނާ ސެމީ ފައިނަލާ ހަމައަށް ކުރި ދަތުރަކީ ފަސޭހަ ދަތުރެއް ނޫނެވެ. ދެވަނަ ބުރުގައި ކާބޯ ވާޑޭ އަތުން ދެ ފަހަރަށް ލީޑު ގެއްލި، އުނދަގުލުން 3-2 ގެ ނަތީޖާއަކުން މޮޅުވިއިރު، ގަދަ 16 ގައި މިސްރާ ދެކޮޅަށް ކުޅުނު މެޗުގެ 79 ވަނަ މިނެޓާ ހަމައަށް އޮތީ 2-0 ގެ ނަތީޖާއަކުން ބަލިވެފައެވެ.
ސްކަލޯނީ ބުނި ގޮތުގައި 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕް ކާމިޔާބުކުރުމުން ލިބުނު ތަޖުރިބާގެ ސަބަބުން، މިފަދަ ނާޒުކު ދަނޑިވަޅުތަކުގައި ކުޅުންތެރިންނަށް ކެތްތެރިކަން އިސްކުރަން އެނގެއެވެ. "ގަތަރުގައި އަހަރެމެންނަކީ އެހާ ތަޖުރިބާކާރު ބައެއް ނޫން. އަހަރެން ހިމެނޭހެން އެފަދަ ހާލަތްތައް އޭރު ވަރަށް އުނދަގޫވި. އެކަމަކު މިހާރު އަހަރެމެންނަށް އެނގޭ އިދިކޮޅު ޓީމުން މެޗު ކޮންޓްރޯލް ކުރާއިރު ނުވަތަ އެއްވަރުކުރާ ވަގުތު ކަންތައް ކުރަންޖެހޭނެ ގޮތް. އެހެންވެ މިއަދުވެސް ޓީމުން ވަނީ ވަރަށް ކެތްތެރިކަމާއެކު ހަމަޖެހިލައިގެން ކުޅެފައި،" އޭނާ ބުންޏެވެ.
ވޯލްޑް ކަޕުގައި ސްވިޒަލެންޑް ކޮޅަށް ލަނޑު ޖެހުމަށްފަހު އާޖެންޓީނާގެ ކުޅުންތެރިން އުފާފާޅުކުރަނީ --- ފޮޓޯ: ރޮއިޓަރސް
މެޗުގެ 67 ވަނަ މިނެޓުގައި ސްވިޒަލެންޑުން ލަނޑެއް ޖަހައި ނަތީޖާ އެއްވަރުކުރުމުން އާޖެންޓީނާއަށް ނުރައްކާވި ނަމަވެސް، ހޫލިއަން އަލްވަރޭޒް އަދި ލައުޓާރޯ މާޓިނޭޒް ޖެހި ލަނޑުތަކުން އެ ޓީމު ވަނީ ކުރިހޯދާފައެވެ. ސްކަލޯނީ ބުނި ގޮތުގައި ސްވިޒަލެންޑަކީ ބަލިކުރަން އުނދަގޫ ޓީމެކެވެ. "އެމީހުންނަކީ ވަރަށް ވަރުގަދަ ބައެއް. ދަނޑުގެ ހުރިހާ ސަރަހައްދެއްގައިވެސް އެމީހުން ވަނީ އަހަރެމެންނަށް ވަރަށް ބޮޑަށް ހުރަސްއަޅާފައި،" އޭނާ ފާހަގަކުރިއެވެ.
އާޖެންޓީނާގެ ފަރާތުން އެންމެ ރަނގަޅު ކުޅުން ނުފެނުނު ކަމުގައި ވިޔަސް، ޓީމުގެ ބެންޗުގައި ތިބި ކުޅުންތެރިންނާއި މުޅި ޓީމުގެ ގުޅުން ވަރުގަދަކަން ސްކަލޯނީ ފާހަގަކުރިއެވެ. "އަހަރެމެންގެ ބެންޗުގައި އެބަތިބި މެޗުގެ ނަތީޖާ ބަދަލުކޮށްލެވޭނެ ފަދަ ކުޅުންތެރިން. ކޮންމެ ހާލަތެއްގައިވެސް އަހަރެމެންނަށް ހައްލެއް ހޯދޭ،" އޭނާ ބުންޏެވެ.
މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްކަލޯނީ އެންމެ ބޮޑަށް އަލިއަޅުވާލީ ޓީމުގެ އެއްބައިވަންތަ ކަމަށެވެ. މީގެ އިތުރުން ސެޓް ޕީސްތަކުން ލަނޑު ޖެހުމަށް ކުރާ މަސައްކަތް ކުރިއަރަމުންދާކަން ފާހަގަކޮށް، ލިއޮނެލް މެސީ ނެގި ކޯނަރަކުން ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިން އެލެކްސިސް މެކް އެލިސްޓާއަށް އޭނާ ވަނީ ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ.
މި މޮޅާއެކު އާޖެންޓީނާ ވަނީ އެންމެ ފަހުން ކުޅުނު ބޮޑު ހަ މުބާރާތުގެ ތެރެއިން ހަވަނަ ފަހަރަށް ސެމީ ފައިނަލުން ޖާގަ ހޯދާފައެވެ.