ENGLISH
12 ޖުލައި 2026
އެމްބޯލޯއަށް ދެއްކި ރަތް ކާޑާ ގުޅިގެން އަމަލުކުރީ ބަލައިގަނެވޭނެ ގަވާއިދަކަށް ނޫން: ޔަކިން
12 ޖުލައި 2026
|
ވޯލްޑް ކަޕުގައި އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ސްވިޒަލެންޑުގެ ކޯޗު މުރާތު ޔަކިން --- ފޮޓޯ: ރޮއިޓަރސް
އެންމެ މަޤްބޫލު
ފޯވާޑް ބްރީލް އެމްބޯލޯއަށް ދެއްކި ރަތް ކާޑާ ގުޅިގެން އަމަލުކުރި ގަވާއިދަކީ "ބަލައިގަނެވޭނެ" ކަމެއް ނޫން ކަމަށް ބުނެ ސްވިޒަލެންޑުގެ ކޯޗު މުރާތު ޔަކިން ފާޑުކިޔައިފިއެވެ.
ފީފާ ވޯލްޑް ކަޕް 2026 ގެ ކުއާޓާ ފައިނަލުގައި މިއަދު ކުޅުނު މެޗުގެ އިތުރު ވަގުތުގައި އާޖެންޓީނާއިން ދެ ލަނޑު ޖަހައި، 3-1 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކުރުމާ އެކު، ސްވިޒަލެންޑުން މި މުބާރާތުގައި ދެއްކި އާދަޔާޚިލާފު ކުޅުމަށް ވަނީ ނިމުން އައިސްފައެވެ.
މެޗުގެ 72 ވަނަ މިނެޓުގައި އެމްބޯލޯއަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދެއްކީ، އޭނާ "ޑައިވް" ކުރި ކަމަށް ނިންމުމަށްފަހުއެވެ. މިއީ އެލެކްސިސް މެކް އެލިސްޓާ އާޖެންޓީނާއަށް ލަނޑެއް ޖަހައިދީފައި ވަނިކޮށް، ޑޭން އެންޑޯއީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކުރިތާ ފަސް މިނެޓު ފަހެވެ. އެ ވަގުތަކީ މެޗުގައި ސްވިޒަލެންޑުން ނުރައްކާތެރި ކުޅުމެއް ދައްކަމުން ދިޔަ ވަގުތެކެވެ.
މި ހާދިސާގައި ރެފުރީ ފުރަތަމަ ރީނދޫ ކާޑު ދެއްކީ އާޖެންޓީނާގެ މިޑްފީލްޑަރު ލެއަންޑްރޯ ޕަރެޑޭސް އަށެވެ. ނަމަވެސް ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ބެލުމަށްފަހު ނިންމީ އެމްބޯލޯއަށް ފައުލް ކޮށްފައި ނުވާ ކަމަށެވެ.
ވޯލްޑް ކަޕުގައި އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުގައި ސްވިޒަލެންޑުގެ އެމްބޯލޯއަށް ރަތް ކާޑު ދައްކަނީ --- ފޮޓޯ: ރޮއިޓަރސް
"އެ ހާލަތުގައި ރީނދޫ ކާޑެއް ދައްކަންޖެހޭ އެއްވެސް ސަބަބެއް ނެތް،" ޔަކިން ބުންޏެވެ. "އެއީ މެޗުގެ އާދައިގެ ހާލަތެއް. ރެފުރީއަށް އޮތީ ކުޅުން ކުރިއަށް ގެންދަން ފުރުސަތު ދިނުން. އަހަރެމެންނަށް މި އަދަބު ލިބުނީ ބަލައިގަނެވޭނެ ފަދަ ގަވާއިދަކުން ނޫން. އަހަންނަށް އެކަން ފަހުމެއް ނުވޭ. ބޭނުމެއް ނެތް ގޮތުގައި ވީއޭއާރް މެދުވެރިކޮށް ކަންކަމާ ތަދައްޚުލުވުމަކީ ވަރަށް ބޮޑު ދެރައެއް. އެއީ ފުޓްބޯޅައާ ގުޅުންހުރި ގަވާއިދެއްވެސް ނޫން."
ޔަކިން އިތުރަށް ބުނި ގޮތުގައި މި ނިންމުމުގެ ސަބަބުން ސްވިޒަލެންޑުގެ މުޅި މެޗު ހަލާކުވެގެން ދިޔަ ކަމަށެވެ. އަދި ނަތީޖާ ގަބޫލުކުރަން ޖެހުނު ނަމަވެސް، މިފަދަ ގޮތަކަށް ބަލިވުމަކީ ވަރަށް ވޭންދެނިވި ކަމެއްކަން އޭނާ ފާހަގަކުރިއެވެ.
މެޗުގެ 112 ވަނަ މިނެޓާ ހަމައަށް ސްވިޒަލެންޑުން ހިފަހައްޓާލި ނަމަވެސް، ހޫލިއަން އަލްވަރޭޒް ފޮނުވާލި ހިތްގައިމު ދުރު ހަމަލާއަކުން އާޖެންޓީނާ ކުރި ހޯދިއެވެ. އަދި އޭގެ ނުވަ މިނެޓު ފަހުން ލައުޓާރޯ މާޓިނޭޒް ވަނީ އާޖެންޓީނާގެ ތިންވަނަ ލަނޑު ޖަހައިދީފައެވެ.
މި ބައްޔާއެކު، 1954 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލުގައި ވާދަކުރި ސްވިޒަލެންޑަށް ވަނީ ސެމީ ފައިނަލަށް ދިޔުމަށް އޮތް ފުރުސަތު ގެއްލިފައެވެ. ޔަކިން ބުނި ގޮތުގައި މެޗުގެ 10 ވަނަ މިނެޓުގައި އާޖެންޓީނާއިން ލަނޑު ޖަހާފައި ވަނިކޮށް، އޭނާގެ ޓީމުން މެޗުގެ ކޮންޓްރޯލް ހޯދަމުން ދަނިކޮށް އެމްބޯލޯއަށް ދެއްކި ރަތް ކާޑުގެ ސަބަބުން މުޅި މެޗު ބަދަލުވެގެން ދިޔައީއެވެ.
ރަތް ކާޑު ދެއްކުމުން އެމްބޯލޯ ދަނޑުމަތީގައި ވަރަށް ބޮޑަށް ދެރަވެ ރޮއި ހެދި --- ފޮޓޯ: ރޮއިޓަރސް
"މުޅި ޓީމަށް އަހަރެން ތައުރީފުކުރަން ބޭނުން. ދުނިޔޭގެ ޗެމްޕިއަނުން އަތުން ލަނޑެއް ފަހަތުގައި އޮވެ، އަލުން މެޗުގެ ތެރެއަށް ވަދެ، މެޗު ޑޮމިނޭޓުކޮށް ކޮންޓްރޯލް ކުރަމުން ދަނިކޮށް އަހަރެމެންނަށް މި އަދަބު ލިބުނީ. މި ޓީމުގެ ކުޅުންތެރިންނަކީ ހަގީގީ ބަތަލުން،" ޔާކިން ބުންޏެވެ.
ސްވިޒަލެންޑުގެ މިޑްފީލްޑަރު ރެމޯ ފްރޫލާވެސް ވަނީ ވީއޭއާރުގެ ނިންމުމާ މެދު ސުވާލު އުފައްދައި، ފީފާއިން އެކަން ތަފްސީލުކޮށްދިނުމަށް އެދިފައެވެ. "ޓީމާ މެދު އަހަރެން ފަޚުރުވެރިވަން. އަހަރެމެން ސަތޭކަ އިންސައްތަ މަސައްކަތް ކުރިކަން އެންމެންނަށްވެސް ފެންނާނެ. ވީއޭއާރުން މިފަދަ ނިންމުމެއް ނިންމި ގޮތެއް އަހަންނަކަށް ނުވިސްނޭ،" އޭނާ ބުންޏެވެ.
ރަތް ކާޑު ދެއްކުމުން އެމްބޯލޯ ދަނޑުމަތީގައި ވަރަށް ބޮޑަށް ދެރަވެ ރޮއި ހެދިއެވެ. ޔަކިން ބުނީ އެމްބޯލޯ ހުރީ ވަރަށް ބޮޑަށް މާޔޫސްވެފައި ކަމަށާއި، އެއީ އޭނާގެ ކުށެއް ނޫން ކަމަށެވެ. "އޭނާއަށް މެޗުގައި ވަރަށް ގިނަ ފަހަރު ފައުލްކުރި. އޭނާ ހުރީ ޓީމަށް އެހީތެރިނުވެވޭތީ ވަރަށް ދެރަވެފައި. އެއީ ރެފުރީއަށް ހެދުނު ގޯހެއް،" ޔަކިން އިތުރަށް ބުންޏެވެ.
ނިންމާލަމުން ޔަކިން ބުނީ ހަމައެކަނި އާޖެންޓީނާ މެޗުގައި ނޫން ކަމަށާއި، މުޅި މުބާރާތުގައިވެސް ސްވިޒަލެންޑުން ދެއްކި ކުޅުމާ މެދު އޭނާ ފަޚުރުވެރިވާ ކަމަށެވެ. މިއީ ފާއިތުވި 70 އަހަރު ތެރޭގައި ސްވިޒަލެންޑުން ވޯލްޑް ކަޕެއްގައި ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ.