ENGLISH
12 ޖުލައި 2026
ޖުވެނައިލް ޖަސްޓިސް ޓްރެއިނިން ޕްރޮގްރާމުން 287 މީހުން ތަމްރީނުކޮށްފި
12 ޖުލައި 2026
|
11 ވަނަ "ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގ ޕްރޮގްރާމް" ނިންމައި ބައިވެރިންނަށް ހަދާނީ ލިޔުން.
އެންމެ މަޤްބޫލު
ޖުވެނައިލް ޖަސްޓިސް ޓްރެއިނިން ޕްރޮގްރާމުން މިހާތަނަށް 287 މީހުން ތަމްރީނުކުރެވިފައިވާ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި، ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަލްއުސްތާޛު އަޙްމަދު ޞިއްދީޤު ވިދާޅުވެއްޖެއެވެ.
ޔޫ.އެން.އޯ.ޑީ.ސީގެ އެހީތެރިކަމާއެކު، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް (ޑީޖޭޖޭ) އިން ކުރިއަށްގެންދިޔަ 11 ވަނަ "ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގ ޕްރޮގްރާމް" ނިންމައި ބައިވެރިންނަށް ހަދާނީ ލިޔުން ދީފައިވަނީ މި މަހުގެ 9 ވަނަ ދުވަހުއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓަރ ޞިއްދީޤު ވިދާޅުވީ ދާޚިލީ ވުޒާރާގެ ދަށުން ހިންގަމުންދާ ޑީޖޭޖޭ އިން 2022 ވަނަ އަހަރުން ފެށިގެން ސިލްސިލާކޮށް ކުރިއަށްގެންދާ ޖުވެނައިލް ޖަސްޓިސް ޓްރެއިނިން ޕްރޮގްރާމުން މިހާތަނަށް ޖުމްލަ 287 ފަރާތެއް ތަމްރީނުކުރެވިފައިވާ ކަމަށެވެ.
"މި 287 ބައިވެރިންނަކީ މާދަމާގެ ޖީލަށް ނުވަތަ އަންނަން އޮތް ޖީލުތަކުގެ ކުދިންނަށް ރަނގަޅު ތަރުބިއްޔަތު ދިނުމަށްޓަކައި ޓްރެއިން ވެފައި ތިބި ބޭފުޅުން. ކުޑަކުދިންގެ އަދުލުގެ ޤާނޫނާއި އަދި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާއިދުގެ ތެރެއިން މިފަދަ ޓްރެއިނިނގް ކުރިއަށްގެންދިޔުމަށް ލާޒިމުކޮށްފައިވޭ. ޑީޖޭޖޭއަށް މަތިކޮށްފައިވާ މި ޒިންމާ އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރަމުންދާކަން އަޅުގަނޑު އުފަލާއެކީ ފާހަގަކުރަން،". ޞިއްދީޤު ވިދާޅުވިއެވެ.
ޞިއްދީޤު ވަނީ ޖުވެނައިލް ޖަސްޓިސް ޓްރެއިނިގ ޕްރޮގްރާމް ކުރިއަށްގެންދިޔުމުގަ ޔޫ.އެން.އޯ.ޑީ.ސީން ވެދީފައިވާ އެހީތެރިކަން ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފައެވެ.
" ރަނގަޅު ޖީލެއް ބިނާ ކުުރުމަށް ކުޑަކުދިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރެވިއްޖެކަމުގައި ވަނީނަމަ ނުވަތަ އެ ކުޑަދިންނަށް އަޅުގަނޑުމެންނަށް އަޅާލެއްވިޖެނަމަ މާދަމާގެ ޖީލަކީ ޝައްކެއްވެސް ނެތް ވަރަށްވެސް ރަނގަޅު ޖީލަކަށް ވެގެންދާނެ،". ޞިއްދީޤު ވިދާޅުވިއެވެ.
މި މަހުގެ 5 ވަނަ ދުވަހުން ފެށިގެން 9 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ ކުޑަކުދިންގެ އަދުލުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، މި ނިޒާމުގައި މަސައްކަތްކުރާ މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމެވެ.
އެގާރަ ވަނަ "ޖުވެނައިލް ޖަސްޓިސް ޓްރެއިނިން ޕްރޮގްރާމް"ގައި 29 ބައިވެރިން ވަނީ ތަމްރީނު ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކޮށްފައެވެ.