ENGLISH

12 ޖުލައި 2026

Advertisement

އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމަށް މަލްޑިނީ

12 ޖުލައި 2026

|

އިސްމާއިލް ޝާހު

އިޓަލީގެ މަޝްހޫރު ފުޓްބޯޅަ ލެޖެންޑް ޕައޮލޯ މަލްޑިނީ --- ފޮޓޯ: ރޮއިޓަރސް

އިޓަލީގެ މަޝްހޫރު ފުޓްބޯޅަ ލެޖެންޑް ޕައޮލޯ މަލްޑިނީ، އެ ޤައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމަށް ހަމަޖައްސައިފިއެވެ. މިއީ ވިދިވިދިގެން ތިންވަނަ ފަހަރަށް ފީފާ ވޯލްޑް ކަޕަށް ކޮލިފައިނުވެ، އިޓަލީގެ ފުޓްބޯޅައަށް ކުރިމަތިވެފައިވާ ހީނަރުކަމުން އަރައިގަނެ، ޤައުމީ ޓީމު އަލުން ކޮޅަށް ޖެހުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ނިންމި ނިންމުމެކެވެ.

އިޓަލީގެ ޤައުމީ ޓީމަށް 126 މެޗު ކުޅެދީފައިވާ ކުރީގެ ޑިފެންޑަރު މަލްޑިނީއަކީ މީގެ ކުރިން އޭސީ މިލާންގައިވެސް ހަތަރު އަހަރު ދުވަހު މި މަގާމު އަދާކޮށްފައިވާ ފަރާތެކެވެ. މުޅި ކުޅިވަރު ހަޔާތް ހޭދަކުރި އޭސީ މިލާނާއެކު އޭނާ ވަނީ އިޓާލިއަން ލީގުގެ ހަތް ތަށި ކާމިޔާބުކޮށްފައެވެ.

މަލްޑިނީ މި މަގާމަށް އައްޔަންކޮށްފައިވަނީ، މިދިޔަ ފެބްރުއަރީ މަހު ބޭއްވި މިލާނޯ ކޮރްޓީނާ ވިންޓަރ އޮލިމްޕިކްސް އިންތިޒާމުކުރި ކޮމިޓީގެ އިސްވެރިޔާ ޖިއޮވާނީ މަލާގޯ، މިދިޔަ މަހު އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސްކަމަށް އިންތިޚާބުވުމާ ގުޅިގެންނެވެ.

އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުގެން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފެޑެރޭޝަންގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމާ ހަވާލުވުމަށް މަލްޑިނީ އެއްބަސްވެފައިވާކަން ރައީސް މަލާގޯ އުފަލާއެކު އިއުލާންކުރައްވާ ކަމަށެވެ.

މީގެ އިތުރުން އޭސީ މިލާންގައި މަލްޑިނީއާއެކު ކުޅުނު ބްރެޒިލްގެ ލިއޮނާޑޯ، އެޑްވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރާނެ ކަމަށްވެސް އެ ފެޑެރޭޝަނުން ބުނެއެވެ. އިޓަލީގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި، އުމުރުން 58 އަހަރުގެ މަލްޑިނީ ސޮއިކޮށްފައިވަނީ 2028 ވަނަ އަހަރުގެ ނިޔަލަށެވެ.

އިޓަލީގެ ޤައުމީ އޮލިމްޕިކް ކޮމިޓީގެ ކުރީގެ ރައީސް މަލާގޯ މި މަގާމާ ހަވާލުވީ، މިދިޔަ އޭޕްރިލް މަހު ވޯލްޑް ކަޕް ކޮލިފައިންއިން ކެޓުމާ ގުޅިގެން ސަޕޯޓަރުންނާއި ސިޔާސީ ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެ، ކުރީގެ ރައީސް ގަބްރިއަލް ގްރަވީނާ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

މަލްޑިނީގެ އެންމެ ފުރަތަމަ މަސައްކަތަކަށް ވާނީ އިޓަލީގެ ޤައުމީ ޓީމަށް އައު ކޯޗަކު ހޯދުމެވެ. މިދިޔަ މާރިޗު މަހު ބޭއްވި ވޯލްޑް ކަޕް ޕްލޭއޮފްގައި ޕެނަލްޓީ ޖަހައިގެން ބޮސްނިއާ އެންޑް ހެރްޒެގޮވިނާ އަތުން ބަލިވެ، އިޓަލީއަށް މުބާރާތުން ފުރުސަތު ގެއްލުމާ ގުޅިގެން، ކޯޗު ޖެނާރޯ ގަޓޫސޯ ވަނީ މަގާމުން ވަކިވެފައެވެ. މިއީ ހަތަރު ފަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ އިޓަލީ، ވިދިވިދިގެން ތިންވަނަ ފަހަރަށް ފުޓްބޯޅައިގެ އެންމެ ބޮޑު މުބާރާތުން ބޭރުވި ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު