ENGLISH
12 ޖުލައި 2026
ސެނެގޯލްގެ ކޯޗުގެ މަގާމުން ތިއޯ ވަކިކޮށްފި
12 ޖުލައި 2026
|
ސެނެގޯލްގެ ކޯޗުގެ މަގާމުން ވަކިކުރި ޕާޕޭ ބޫނާ ތިއޯ --- ފޮޓޯ: ރޮއިޓަރސް
އެންމެ މަޤްބޫލު
ފީފާ ވޯލްޑް ކަޕް 2026 ގައި ސެނެގޯލުން ނެރުނު ދަށް ނަތީޖާތަކާ ގުޅިގެން އެ ޓީމުގެ ކޯޗުގެ މަގާމުން ޕާޕޭ ބޫނާ ތިއޯ ވަކިކޮށްފިއެވެ.
މިދިޔަ ޖެނުއަރީ މަހު ބޭއްވި އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ފައިނަލުގައި މޮރޮކޯ ބަލިކޮށް ތަށި ހޯދުމާ ގުޅިގެން، ސެނެގޯލުން ވޯލްޑް ކަޕާ ކުރިމަތިލީ މުބާރާތުގެ ގަދަ ބާރެއްގެ ގޮތުގައެވެ. އެކަމަކު މިފަހަރުގެ މުބާރާތް އެ ޓީމަށް ނިމިގެންދިޔައީ ވަރަށް މާޔޫސްކުރުވަނިކޮށެވެ. ގްރޫޕް ސްޓޭޖުގެ ފުރަތަމަ ދެ މެޗުން ފްރާންސާއި ނޯވޭ އަތުން ބަލިވި ނަމަވެސް، އިރާގު ބަލިކޮށް ދެވަނަ ބުރަށް ދަތުރުކުރިއެވެ.
އެކަމަކު ދެވަނަ ބުރުގައި ބެލްޖިއަމާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު ފަސް މިނެޓަށް ވީއިރު 2-0 ގެ ނަތީޖާއަކުން ކުރީގައި އޮތް ނަމަވެސް، މެޗުގެ އިތުރު ވަގުތުގައި 3-2 ގެ ނަތީޖާއަކުން ބަލިވެ، އެ ޓީމު ވަނީ މުބާރާތުން ކަޓާފައެވެ.
އުމުރުން 45 އަހަރުގެ ތިއޯއަށް، 2027 ވަނަ އަހަރުގެ އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ކޮލިފައިން ފެށުމަށް ހަމަޖެހިފައިވާ ސެޕްޓެމްބަރު މަހުން ފެށިގެން ފަސް މެޗުގެ ސަސްޕެންޝަނަކާ ކުރިމަތިލާން ވަނީ ޖެހިފައެވެ. މި ސަސްޕެންޝަނަކީ އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ފައިނަލް މެޗުގައި މޮރޮކޯއަށް ދިން ޕެނަލްޓީއަކާ ހިތްހަމަނުޖެހިގެން، ކުޅުންތެރިން ގޮވައިގެން ދަނޑުން ފޭބި މައްސަލައިގައި އޭނާއަށް ދީފައިވާ އަދަބެކެވެ.
ސެނެގޯލްގެ ކޯޗުގެ މަގާމުން ތިއޯ ވަކިކުރިކަން އިއުލާންކޮށް އިއްޔެ އެ ޤައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވޯލްޑް ކަޕުގައި ނެރުނު ނަތީޖާތަކާ ގުޅިގެން، އެ ޓީމުގެ ކޯޗު ބަދަލުކުރަން ޖެހިފައިވާ ކަމަށެވެ. އަދި އިތުރު މައުލޫމާތު ދިނުމަށް ސެނެގޯލްގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ މާދަމާ ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށްވެސް ނިންމާފައެވެ.
ފްރާންސްގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ސެނެގޯލަށް އުފަން، ފްރާންސާއެކު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ޕެޓްރިކް ވިއޭރާއަކީ މި މަޤާމާ ހަވާލުވުމަށް އެންމެ ބޮޑަށް ބެލެވޭ އެކަކެވެ.