ENGLISH

12 ޖުލައި 2026

Advertisement

ކޮންގްރެސް ޕާޓީއަކީ ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ހިނގާ ހަރުދަނާ ޕާޓީއެއްކަން ސާބިތުކޮށްދީފި: ޝިޔާމް

12 ޖުލައި 2026

|

އައިމިނަތު ޝަފާ

ވަޒީރު ޝިޔާމް ޕީއެންސީގެ ޕޯޑިމެއްގައި ވާހަކަފުޅު ދައްކަވަނީ. ފޮޓޯ؛ ޕީއެންސީ.

ނިމިދިޔަ އެތެރޭގެ އިންތިހާބާއެކު ކޮންގްރެސް ޕާޓީއަކީ ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ހިނގާ ހަރުދަނާ، ވަރުގަދަ  ޕާޓީއެއްކަން ރައްޔިތުންނަށް ސާބިތުކޮށްދެވިއްޖެ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. 

އެމަނިކުފާނު މިފަދައިން ވިދާޅުވީ ކޮންގްރެސް ޕާޓީގެ ދާއިރާތަކާއި ސްޓިއަރިން ކޮމިޓީތަކުގެ އިންތިހާބު ކާމިޔާބު ކުރެއްވި ބޭފުޅުންނަށް މަރުހަބާ ވިދާޅުވެ ކުރެއްވި ޕޯސްޓެއްގައެވެ. 

ވަޒީރު ވިދާޅުވީ ކޮންގްރެސް ޕާޓީއަކީ މިވަގުތު ދިވެހިރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއަށްވެފައި، ޕާޓީގެ އެތެރޭގެ އިންތިހާބެއްގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 80 އިންސައްތައަށްވުރެ ގިނަ އަދަދެއްގެ ރައްޔިތުން ނިކުމެ ވޯޓުލުމަކީ ޕާޓީއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްކަމަށެވެ.

"މި ނަންބަރުތަކުން ބުނެދެނީ ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހަރުދަނާ ސިޔާސަތުތަކަށާއި، އެމަނިކުފާނު ސަރުކާރު ހިންގަވާ ގޮތާމެދު ޕާޓީގެ ރައްޔިތުން ރުހޭކަމާއި، ޕާޓީގެ އާންމު މެންބަރުންގެ ފުރިހަމަ އިތުބާރާއި ތާއީދު އެމަނިކުފާނަށް އޮތްކަން. މި އިންތިޚާބުން ސާބިތުކޮށްދިނީ ކޮންގްރެސް ޕާޓީއަކީ ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ހިނގާ ހަރުދަނާ، ވަރުގަދަ ޕާޓީއެއްކަން،". ވަޒީރު ވިދާޅުވިއެވެ.

ކޮންގްރެސް ޕާޓީއަކީ އާންމު މެންބަރުންގެ ޝާމިލުވުމާއި ބައިވެރިވުމާއެކީ ހިންގަމުން އަންނަ ޕާޓީއެއްކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. 

މި އިންތިހާބު ކާމިޔާބު ކުރެއްވި ކޮންމެ ބޭފުޅަކީ ވެސް 2028 އަހަރުގެ ރިޔާސީ އިންތިހާބު ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒަށް ކާމިޔާބު ކޮށްދެއްވައި އަނެއްކާވެސް ޕާޓީގެ ވެރިކަމެއް ގެނައުމަށް މަސައްކަތް ކުރާނެ ބޭފުޅެއްކަން ޝިޔާމް ފާހަގަކުރެއްވިއެވެ. ޝިޔާމް ވިދާޅުވީ ޕާޓީގެ މަގާމުތަކަށް އިންތިހާބުވި ބޭފުޅުންނާއެކު ޕާޓީގެ ހަރަކާތްތައް މިހާރަށްވުރެ އަދި މާބާރަށް ކުރިއަށްދާނެކަމަށެވެ. 

ކޮންގްރެސް ޕާޓީގެ ހުރިހާ ބޭފުޅުންގެ މަސައްކަތްތަކާއެކު 2028 ގައި ރައީސް ޑރ. މުއިއްޒު ދެވަނަ ރިޔާސީ ދައުރަކަށް އިންތިހާބުކުރާނެކަމުގައި ވަޒީރު ވިދާޅުވިއެވެ. 

ނިމިގެންދިޔަ ކޮންގްރެސް ޕާޓީގެ ސްޓިއަރިން ކޮމިޓީތަކާއި ދާއިރާތަކުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 85 އިންސައްތަ މީހުން ވޯޓުލިއެވެ. އެތެރޭގެ އިންތިހާބެއްގައި 2،000 އަށްވުރެ ގިނަ ކެންޑިޑޭޓުން ވާދަކޮށް، 40،000 މީހުންގެ 85 އިންސައްތައެއްހައި މީހުން ވޯޓުގައި ބައިވެރިވުމަކީ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާއަށާއި ޕާޓީގެ ސަރުކާރަށް ރައްޔިތުންގެ އޮތް އިތުބާރުގެ ރަމްޒެއް ކަމަށް ޕާޓީގެ ލީޑަރޝިޕުން ދެކެއެވެ. 

ކިޔުންތެރިންގެ ހިޔާލު