ENGLISH

12 ޖުލައި 2026

Advertisement

މެޗުތައް ކުޅޭ މިންވަރު މަދުކޮށްދޭނަމަ، ޤައުމީ ޓީމުގައި ދެމިހުރުމަށް ކޯޓުއާ ތައްޔާރު

12 ޖުލައި 2026

|

އިސްމާއިލް ޝާހު

ވޯލްޑް ކަޕުގައި ސްޕެއިނާ ދެކޮޅަށް ކުޅުނު މެޗަށްފަހު ބެލްޖިއަމްގެ ގޯލްކީޕަރު ތިބައޫ ކޯޓުއާ --- ފޮޓޯ: ރޮއިޓަރސް

ބައިނަލްއަގުވާމީ ފުޓްބޯޅަ ކުޅުން ކުރިއަށް ގެންދަން ބޭނުންވި ނަމަވެސް، ކުރިއަށް އޮތް ދުވަސްތަކުގައި ޤައުމީ ޓީމަށް ނުކުޅެ މަޑުކޮށްލަން ބޭނުންވާ ކަމަށް ބެލްޖިއަމްގެ ގޯލްކީޕަރު ތިބައޫ ކޯޓުއާ ބުނެފިއެވެ.

ފީފާ ވޯލްޑް ކަޕް 2026 ގެ ކުއާޓާ ފައިނަލުގައި ސްޕެއިން އަތުން ބެލްޖިއަމް ބަލިވި މެޗުގައި، ބަހުސްތަކެއް އުފެދޭ ގޮތަށް ބަދަލުކުރި ކޯޓުއާ މުބާރާތުގެ ތެރޭގައި ބުނެފައިވަނީ، ޤައުމީ ޓީމަށް ކުޅުން ހުއްޓާލުމާ މެދު ވިސްނަމުންދާ ކަމަށެވެ. ނަމަވެސް 2011 ވަނަ އަހަރު ޤައުމީ ޓީމަށް ކުޅެން ފަށައި، މިހާތަނަށް 115 މެޗު ކުޅެދީފައިވާ 34 އަހަރުގެ ކީޕަރު މިހާރު ހުރީ، މެޗުތައް ކުޅޭ މިންވަރު މަދުކޮށްދޭނަމަ ޤައުމީ ޓީމުގައި މަޑުކުރާ ގޮތަށެވެ.

ކޯޓުއާ ބުނީ އޭނާގެ އަނިޔާއިން މުޅިން ރަނގަޅުވުމަށް ސަމާލުކަން ދިނުމުގެ ގޮތުން، ޔުއެފާ ނޭޝަންސް ލީގު ކުރިއަށްދާއިރު މެޑްރިޑުގައި މަޑުކޮށްލައި، ހަމަޖެހިގެން އަހަރެއް ހޭދަކުރަން ބޭނުންވާކަން ކުރިންވެސް ހާމަކޮށްފައިވާނެ ކަމަށެވެ. އަދި އޭނާ ނެތް ވަގުތުތަކުގައި ސެން ލަމެންސް، މައިކް ޕެންޑާސް ނުވަތަ މާޓެން ވަންޑެވޯޑް ފަދަ ކީޕަރުންނަށް ފުރުސަތު ދެވިދާނެ ކަމަށް އޭނާ ފާހަގަކުރިއެވެ.

"ބެލްޖިއަމްގެ ފަރާތުން އެކަން ގަބޫލުކުރާނަމަ، އަހަރެން ޤައުމީ ޓީމުގައި ދެމިހުރުމަށް ތައްޔާރު،" ކޯޓުއާ ބުންޏެވެ. ސްޕެއިނާ ދެކޮޅަށް ކުޅުނު މެޗުގައި ކޯޓުއާ ބަދަލުކުރީ ފައިގެ މަސްގަނޑަށް އެރި ތަދަކާ ގުޅިގެންނެވެ. އޭނާގެ ބަދަލުގައި ކުޅެން އެރި ލަމެންސް އަތުން ބޯޅަ ދޫވުމުގެ ފުރުސަތު ބޭނުންކޮށްގެން، ސްޕެއިނުން މެޗުގެ 88 ވަނަ މިނެޓުގައި މޮޅުވި ލަނޑު ކާމިޔާބުކުރިއެވެ.

މިކަމާ ގުޅޭގޮތުން ކޯޓުއާ ބުނީ، އެފަދަ ޚާއްސަ މެޗެއްގައި ދަނޑުން ފައިބަން ޖެހުމަކީ ދެރަވި ކަމެއް ކަމަށެވެ. "މެޗުގެ ދެވަނަ ހާފުގައި އަހަރެން ހުރީ ވަރަށް ފޯމުގައި. މުހިންމު ސޭވްތަކެއްވެސް ކުރެވުނު. އެފަދަ ވަގުތެއްގައި ކޮންމެ ކުޅުންތެރިއަކުވެސް ބޭނުންވާނީ ދަނޑުމަތީގައި ހުންނަން. ނަމަވެސް ދެވަނަ ފަހަރަށް ގޯލް ކިކް ޖެހި ވަގުތު ފައިގެ ފަލަމަސްގަނޑަށް ތަދުވި. އެހެންވެ ދުރު ރޭންޖަށް ބޯޅަ ނުޖެހޭނެކަން ޓީމަށް އެންގިން،" އޭނާ ނޫސްވެރިންނަށް ކިޔައިދިނެވެ.

ކޯޓުއާ އިތުރަށް ބުނީ އޭނާ ބޭނުންވިނަމަ ގޯލުގައި ހުރެވުނީސް ކަމަށެވެ. ނަމަވެސް ކޯޗު ރޫޑީ ގާސިއާ ބުނީ ކުޅުންތެރިޔާ 100 އިންސައްތަ ފިޓު ނޫންނަމަ ބަދަލުކުރަން ބޭނުންވާ ކަމަށެވެ. "ފުރަތަމަ އަހަރެން ބޭނުންވީ ކުޅުން ކުރިއަށް ގެންދަން. އެކަމަކު ކޯޗު ބޭނުންވީ އަހަރެން ބަދަލުކުރަން. އެއީ މައްސަލައެއް ނޫން، ކޮންމެ ވަގުތަކުވެސް އެންމެ ފުރަތަމަ އަންނާނީ ޓީމު،" އޭނާ ބުންޏެވެ.

ޓީމު ބަލިވުމުގެ ޒިންމާ ބައެއް ފަރާތްތަކުން 24 އަހަރުގެ ލަމެންސްގެ ބޮލުގައި އަޅުވަމުންދާތީ، ކޯޓުއާ ވަނީ އޭނާއަށް ހިތްވަރުދީފައެވެ. އޭނާ ބުނީ ލަމެންސް އަތުން އެ ބޯޅަ ހިފަހައްޓާނުލެވުމަކީ ދެރަވި ކަމެއް ނަމަވެސް، އެއީ ފުޓްބޯޅައިގައި ކަންކަން ހިނގާނެ ގޮތް ކަމަށެވެ. އަދި ލަމެންސް އަކީ މޮޅު ކީޕަރެއް ކަމަށާއި، މިފަދަ ކަންކަމުން ކުޅުންތެރިޔާ އިތުރަށް ވަރުގަދަވާނެ ކަމަށް ކޯޓުއާ ބުންޏެވެ.

ބެލްޖިއަމްގެ ނޭޝަންސް ލީގު ކެމްޕެެއިން ފެށުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 25 ގައި ރޯމްގައި އިޓަލީއާ ދެކޮޅަށް ކުޅޭ މެޗުންނެވެ.

ކިޔުންތެރިންގެ ހިޔާލު