ENGLISH

12 ޖުލައި 2026

Advertisement

ބޭންކް އޮފް މޯލްޑިވްސްއިން ވޭތުވެދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި ރެކޯޑް އަދަދަކަށް ޑޮލަރު ދޫކޮށްފި

12 ޖުލައި 2026

|

އާމިނަތު ނުޒްލާ

ބޭންކް އޮފް މޯލްޑިވްސް - ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވޭތުވެދިޔަ ދެ އަހަރާއި ބައިގެ މުއްދަތުގައި ކަސްޓަމަރުންގެ އެކި ބޭނުންތަކަށް ރެކޯޑް އަދަދަކަށް ޑޮލަރު ވިއްކާފައިވާކަން ހާމަކޮށްފިއެވެ.

ބީއެމްއިލް އިން މައުލޫމާތު ދިން ގޮތުގައި މީގެ ތެރޭގައި ކާޑު މުއާމަލާތްތަކާއި، ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ)، ތައުލީމު، ބޭސްފަރުވާ އަދި ދަތުރުފަތުރުގެ ބޭނުންތަކަށް ވިއްކި ޑޮލަރު ހިމެނެއެވެ.

ބީއެމްއެލް އިން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، 2024 ވަނަ އަހަރުގެ ޖަނަވަރީން ފެށިގެން 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ބޭންކުން ވަނީ ޖުމްލަ 1.7 ބިލިއަން ޑޮލަރު ކަސްޓަމަރުންނަށް ފޯރުކޮށްދީފައެވެ. ނުވަތަ މިއީ 77 އިންސައްތައިގެ އިތުރުވުމެކެވެ. ކުރީގެ އެ މުއްދަތުގައި ވިއްކާފައިވަނީ 957 މިލިއަން ޑޮލަރެވެ.

ކަސްޓަމަރުންގެ އެކި ބޭނުންތަކަށް ޑޮލަރު ވިއްކި މިންވަރު :

- ކާޑު މުއާމަލާތްތައް: ވޭތުވެދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި ދިވެހި ރުފިޔާ އެކައުންޓުތަކުން ކުރި ކާޑު މުއާމަލާތްތަކަށް 870 މިލިއަން ޑޮލަރު ވަނީ ދޫކޮށްފައެވެ. މިއީ ކުރީގެ ދެ އަހަރާއި ބައިގެ މުއްދަތާ އަޅައިބަލާއިރު ދެގުނަ އިތުރު އަދަދެކެވެ. 2021 ވަނަ އަހަރު މަހެއްގެ މައްޗަށް އެވްރެޖްކޮށް 10.7 މިލިއަން ޑޮލަރު ދޫކުރިއިރު، މިއަހަރު އެ އަދަދު ވަނީ މަހަކު 37.8 މިލިއަން ޑޮލަރަށް އުފުލިފައެވެ.

- ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ): 2023 ވަނަ އަހަރު ޓީޓީ ފޮނުވުމަށް މަހަކު އެވްރެޖްކޮށް 10.2 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، މިއަހަރު އެ އަދަދު ވަނީ މަހަކު 28 މިލިއަން ޑޮލަރަށް އިތުރުވެފައެވެ.

- ތައުލީމާއި ބޭސްފަރުވާ: މި ދާއިރާއަށް ބޭނުންވާ ބޭރު ފައިސާ ވިއްކި މިންވަރުވެސް ވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެފައެވެ. އެގޮތުން 2023 ވަނަ އަހަރު މަހަކު 2.9 މިލިއަން ޑޮލަރު ވިއްކިއިރު، 2024 ގައި ހަތަރު މިލިއަން އަދި 2025 ގައި ފަސް މިލިއަން ޑޮލަރަށް އެ އަދަދު ވަނީ އަރާފައެވެ. މި އަހަރު ބޭންކުން ދަނީ މަހަކު އެވްރެޖްކޮށް 5.8 މިލިއަން ޑޮލަރު މި ބޭނުންތަކަށް ދޫކުރަމުންނެވެ.

- ދަތުރުވެރިންނަށް ވިއްކި ޑޮލަރު: ޖަނަވަރީ 2021 އިން ޑިސެންބަރު 2023 އަށް ދަތުރުވެރިންނަށް ނަގުދު ފައިސާގެ ގޮތުގައި 155 މިލިއަން ޑޮލަރު ދޫކޮށްފައިވާއިރު، ޖަނަވަރީ 2024 އިން ޖޫން 2026 އަށް އެ އަދަދު ވަނީ 264 މިލިއަން ޑޮލަރަށް އިތުރުވެފައެވެ. މިއީ ގާތްގަނޑަކަށް 70 އިންސައްތައިގެ އިތުރުވުމެކެވެ.

ޖުމްލަ ގޮތެއްގައި ބަލާއިރު، ފާއިތުވި ފަސް އަހަރުގެ ތެރޭގައި ބޭންކުން މަހެއްގެ މައްޗަށް ބޭރު ފައިސާ ވިއްކާ މިންވަރު ވަނީ ހަތަރު ގުނަ އިތުރުވެފައެވެ. 2021 ވަނަ އަހަރު މަހަކު އެވްރެޖްކޮށް 21 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި މި އަދަދު ވަނީ މަހަކު 80 މިލިއަން ޑޮލަރަށް އުފުލިފައެވެ.

ބީއެމްއެލްއިން ހާމަކުރި ގޮތުގައި، މި ތަފާސްހިސާބުތަކުން ދައްކައިދެނީ ރާއްޖޭގެ ބޭރު ފައިސާގެ ބޭނުންތައް ފުއްދައިދިނުމުގައި ބޭންކުން ބަހައްޓާ ސާބިތުކަމެވެ. ބޭރު ފައިސާއަށް އޮންނަ ޑިމާންޑް އިތުރުވަމުންދާ މި ދަނޑިވަޅުގައިވެސް، ކަސްޓަމަރުންގެ އަސާސީ ބޭނުންތަކަށް ޑޮލަރު ފޯރުކޮށްދިނުމަށް ބޭންކުން އަބަދުވެސް ހާއްސަ އިސްކަމެއް ދޭނެކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު