ENGLISH
12 ޖުލައި 2026
ވޯލްޑް ކަޕުން ނޯވޭ ކެޓި ނަމަވެސް، ދެއްކި ހިތްވަރާއި ކުޅުމަށް ކޯޗުގެ ތާރީފު
12 ޖުލައި 2026
|
ވޯލްޑް ކަޕުގައި އިންގްލެންޑާ ދެކޮޅަށް ކުޅުނު މެޗަށްފަހު ނޯވޭގެ ކޯޗު ސްޓޭލް ސޯލްބަކެން --- ފޮޓޯ: ރޮއިޓަރސް
އެންމެ މަޤްބޫލު
ފީފާ ވޯލްޑް ކަޕް 2026 ގެ ކުއާޓާ ފައިނަލުން އިނގިރޭސިން އަތުން ބަލިވެ، މުބާރާތުން ވަކިވާން ޖެހުމުން ނޯވޭގެ ކޯޗު ސްޓޭލް ސޯލްބަކެން ފަޚުރުވެރިކަމާއެކު އަސަރުގަދަ ޝުއޫރުތަކެއް ފާޅުކޮށްފިއެވެ. އިތުރު ވަގުތުގެ ދެ ހާފު ކުޅެގެން 2-1 ގެ ނަތީޖާއަކުން ނޯވޭ ބަލިވި ނަމަވެސް، މި މުބާރާތުގައި އެ ޤައުމުން ދެއްކި ކުޅުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ފުޓްބޯޅަ ސަޕޯޓަރުންގެ ހިތްތައް އަތުލައިގަތް ކުޅުމެކެވެ.
ގްރޫޕް ސްޓޭޖުގައި ވަރުގަދަ ކުޅުމެއް ދެއްކުމަށްފަހު، ގަދަ 16 ގައި ބްރެޒިލް ބަލިކޮށް، ނޯވޭއިން ކުއާޓާ ފައިނަލްގެ ޖާގައެއް ކަށަވަރުކުރީ އިނގިރޭސިންނާ ދެކޮޅަށެވެ. މެޗުގެ ކުރީކޮޅު އަންޑްރެސް ޝެލްޑްރަޕުގެ ލަނޑުން ނޯވޭއަށް ކުރިލިބުނު ނަމަވެސް، ހާފު ނިމުމުގެ ކުރިން ޖޫޑް ބެލިންހަމް ނަތީޖާ ހަމަހަމަކޮށްދިނެވެ. އަދި އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ބެލިންހަމް ކާމިޔާބުކުރި ދެވަނަ ލަނޑާއެކު ނޯވޭ މުބާރާތުން ވަކިވާން ޖެހުނީއެވެ.
މެޗަށްފަހު ވާހަކަދައްކަމުން ކޯޗު ސޯލްބަކެން ބުނީ، "އަހަރެމެން ކުޅުނީ އެންމެ މަތީ ފެންވަރުގައި. ނަސީބު މިފަހަރު އެހީތެރިއެއް ނުވި، އެކަމަކު އެއީ ދިރިއުޅުމުގެ އާދަ. މިވަގުތު ބޭނުންވަނީ ކުޑަކޮށް ހަމަޖެހިލަން،" ކަމަށެވެ.
ވޯލްޑް ކަޕުގައި އިންގްލެންޑާ ދެކޮޅަށް ލަނޑު ޖެހުމަށްފަހު ނޯވޭގެ ކުޅުންތެރިން އުފާފާޅުކުރަނީ --- ފޮޓޯ: ރޮއިޓަރސް
އާލިން ހާލަންޑުގެ ހިތްގައިމު ލަނޑުތަކާއި، ސަޕޯޓަރުންގެ މެދުގައި މަގުބޫލުވި "ރޯވިން ސެލެބްރޭޝަން" އާއެކު، ނޯވޭއިން ވަނީ މި މުބާރާތުގައި ވިދާލާފައެވެ. މިއީ 1998 ވަނަ އަހަރު ސޯލްބަކެން ކުޅުންތެރިއެއްގެ ގޮތުގައި ހުރިއިރު ނޯވޭއިން ވޯލްޑް ކަޕުގައި ވާދަކުރި ފަހުން، އެ ޤައުމުން މި މުބާރާތުގައި ކުޅުނު ފުރަތަމަ ފަހަރެވެ.
އުމުރުން 58 އަހަރުގެ ކޯޗު އިތުރަށް ބުނީ، "މިއީ އެންމެ މަތީ ފެންވަރުގެ ކުޅިވަރު. މިއަށްވުރެ މަތީ ދަރަޖައެއް ނޯންނާނެ. މެޗުގެ ފުރަތަމަ 20 މިނެޓު ތެރޭގައި ދަތިތަކެއް ދިމާވި ނަމަވެސް، ކުޅުންތެރިން ދެއްކި ހިތްވަރަށް އަހަރެން ސާބަސްދެން،" ކަމަށެވެ.
މެޗުގެ ފުރަތަމަ ހާފުގައި ބެލިންހަމް ލަނޑު ޖެހުމުގެ ކުޑައިރުކޮޅެއް ކުރިން، ދަނޑުމަތީގައި ދަމާފައިވާ ކެމެރާ ކޭބަލެއްގައި ބޯޅަ ޖެހުނު ކަމަށް ބެލެވޭ ހާދިސާ ހިނގާފައިވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ނޯވޭގެ ކީޕަރު އޮރްޔަން ނީލަންޑް ޖެހި ބޯޅައެއް އިންގްލެންޑްގެ ކުޅުންތެރިއެއްގެ ފައިބުޑަށް ވެއްޓުމާ ގުޅިގެންނެވެ. އެ ބޯޅައިން އުފެއްދި ފުރުސަތުގައި ބެލިންހަމް ވަނީ އިންގްލެންޑަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
ހާފު ނިމުމުން ސޯލްބަކެން ވަނީ އޮފިޝަލުންގެ ގާތުގައި މިކަމާ ގުޅޭގޮތުން ޝަކުވާކޮށް، ދަނޑުމަތީގައި ހަރަކާތްތެރިވާ ކެމެރާ ސިސްޓަމްގެ ކޭބަލްތަކަށް އިޝާރާތްކޮށްފައެވެ. ނަމަވެސް ރެފުރީއަށް އެ މަންޒަރު ފެނިފައިނުވާ ކަމަށާއި، ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) އިންވެސް އެފަދަ އެންގުމެއް އައިސްފައިނުވާ ކަމަށް އޮފިޝަލުން ބުނެފައިވެއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ސޯލްބަކެން ބުނީ، ބޯޅަ މަތިން ތިރިއަށް ފޭބި ގޮތުން އޭގެ މިސްރާބު ބަދަލުވިކަން އެނގޭ ކަމަށެވެ. "މީގެ ސަބަބުން އަހަރެމެންގެ ކުޅުންތެރިންނަށް އޮޅުންތަކެއް އެރި، އަދި މިއީ ވަރަށް ނާޒުކު ވަގުތެއްގައި ދިމާވި ކަމެއް. އެކަމަކު މިހާރު ކުރެވޭނެ ކަމެއް ނެތް. މެޗު އަލުން ކުޅޭނެ ކަމަކަށް ނުބަލަން. މިއީ ފުޓްބޯޅައިގެ ހަގީގަތް،" އޭނާ ބުންޏެވެ.
ވޯލްޑް ކަޕުގައި އިންގްލެންޑާ ދެކޮޅަށް ކުޅުނު މެޗަށްފަހު ނޯވޭގެ ކޯޗު އެ ޓީމުގެ ކުޅުންތެެރިންނަށް ހިތްވަރު ދެނީ --- ފޮޓޯ: ރޮއިޓަރސް
މިކަމާ ގުޅިގެން ފީފާއިން މެޗުގެ ތެރޭގައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބޯޅަ މަތީގައިވާ ކޭބަލްގައި ޖެހި މިސްރާބު ބަދަލުވިކަމުގެ އެއްވެސް ހެއްކެއް ފެންނަން ނެތް ކަމަށެވެ. އަދި އިންގްލެންޑުން ލަނޑު ޖެހުމުގެ ކުރިން ބޯޅައިގައި ހަރުކޮށްފައިވާ ސެންސަރުން އެފަދަ އެއްވެސް އަސަރެއް ދައްކާފައިނުވާ ކަމަށްވެސް ފީފާއިން ބުނެފައިވެއެވެ.
ސޯލްބަކެން ބުނި ގޮތުގައި އޭނާއަށް އަމިއްލައަށް ބޯޅައިގެ މިސްރާބު ބަދަލުވިތަން ނުފެނުނު ކަމުގައިވިޔަސް، ކުޅުންތެރިންނާއި ޓީމުގެ އޮފިޝަލުންނަށް އެ މަންޒަރު ފެނުނެވެ. "ބޯޅައިގައިވާ ޗިޕުން އެއްވެސް އަޑެއް ނުވަތަ ސިގްނަލެއް ނުލިބޭނަމަ އަހަރެން ދައްކާނެ ވާހަކައެއް ނެތް. އެކަމަކު ބޯޅަ ވެއްޓުނު ގޮތުން އެއްޗެއްގައި ޖެހުނުކަން ވަރަށް ސާފު. މިއީ ވަރަށް އާދަޔާ ޚިލާފު ކަމެއް،" އޭނާ އިތުރަށް ބުންޏެވެ.
ސޯލްބަކެން ބުނީ މި ފަހަރުގެ ވޯލްޑް ކަޕުގައި އެ ޓީމުން ދެއްކި ހިތްވަރުގެ ވާހަކަ މި ހާދިސާގެ ސަބަބުން ފަނޑުވާން ބޭނުންނުވާ ކަމަށެވެ. "އަހަރެން ބަލިވުމުގެ އިލްޒާމް މީގެ ބޮލަކަށް ނާޅުވާނަން. އެކަމަކު ބެންޗުގައި ތިބި އެންމެންނަށްވެސް އެކަން ފާހަގަވި. މިއީ ހިތާމަވެރި ކަމެއް ނަމަވެސް މިއާއެކު އުޅެން މިވަނީ މަޖުބޫރުވެފައި،" އޭނާ ފާހަގަކުރިއެވެ.
މީގެ އިތުރުން ސޯލްބަކެން ވަނީ އިނގިރޭސިންނަށް ކުރިއަށް އޮތް މެޗުތަކުގައި ކާމިޔާބީއަށް އެދޭ ކަމަށްވެސް ބުނެފައެވެ.