ENGLISH

12 ޖުލައި 2026

Advertisement

ޓުޗެލްގެ ފާޑުކިޔުންތަކާ ގުޅިގެން، އިންގްލެންޑުގެ ކުޅުންތެރިންގެ ދިފާއުގައި ބެލިންހަމް

12 ޖުލައި 2026

|

އިސްމާއިލް ޝާހު

ވޯލްޑް ކަޕުގައި ނޯވޭއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން އިންގްލެންޑުގެ ކޯޗު ޓުޗެލް އާއި ބެލިންހަމް --- ފޮޓޯ: ރޮއިޓަރސް

ފީފާ ވޯލްޑް ކަޕް 2026 ގެ ކުއާޓާ ފައިނަލުގައި ނޯވޭ ބަލިކޮށް، ސެމީ ފައިނަލަށް އިންގްލެންޑް ދަތުރުކުރި މެޗުގައި ކުޅުންތެރިން ކުރި ބުރަ މަސައްކަތާމެދު ޖޫޑް ބެލިންހަމް ފާޅުކުރި ޝުއޫރުތަކަށް އެއްބަސްވި ނަމަވެސް، ޓީމުގެ ކުޅުން މިއަށްވުރެ ބޮޑަށް ރަނގަޅު ކުރަންޖެހޭ ކަމަށް ކޯޗު ތޯމަސް ޓުޗެލް ބުނެފިއެވެ.

ނޯވޭއިން ލަނޑެއް ޖަހައި ކުރިހޯދާފައި ވަނިކޮށް، 2-1 ގެ ނަތީޖާއަކުން އިންގްލެންޑް މޮޅުވީ ބެލިންހަމް ކާމިޔާބުކޮށްދިން ދެ ލަނޑުންނެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދުމަށްފަހު ދަނޑުު މަތީގައި ހުރެ ދިން އިންޓަވިއުއެއްގައި ބެލިންހަމް ބުނީ، "ކޮންމެއަކަސް، ދަނޑުމަތީގައި ކަންތައްތައް ހުންނަނީ ވަރަށް އުނދަގޫކޮށް. ހުރިހާ ކުޅުންތެރިންވެސް ވަރަށް ބުރަ މަސައްކަތެއް ކުރި. އެހެންކަމުން، އަހަރެންގެ ފުރިހަމަ ތައުރީފާއި ޝުކުރު އޮތީ ދަނޑުމަތީގައި އެ ބުރަ މަސައްކަތް ދެއްކި ކުޅުންތެރިންނަށް،" ކަމަށެވެ.

އިންގްލެންޑުގެ ކުޅުން މިއަށްވުރެ ބޮޑަށް ރަނގަޅު ކުރަންޖެހޭ: ޓުޗެލް

ނޫސްވެރިންގެ ބައްދަލުވުމުގައި ޓުޗެލްއާ ކުރިމަތިވި ފުރަތަމަ ސުވާލަކީ ބެލިންހަމްގެ މި ވާހަކަތަކަށް އޭނާ އެއްބަސްވޭތޯއެވެ.

ޓުޗެލް ބުނީ، "މުޅިން އެއްބަސްވަން، އެކަމާ އެއްވެސް ޝައްކެއް ނެތް. ކުޅުންތެރިން ދެއްކި ހިތްވަރާއި، ޓީމު ރޫހާއި، ނުގުޑާ އަޒުމަކާއެކު މެޗު ކާމިޔާބުކުރުމަށް ކުރި މަސައްކަތަކީ އެންމެ މަތީ ފަންތީގެ މަސައްކަތެއް. އެކަމަށް އެ ކުޅުންތެރިންނަށް ކިތަންމެ ތައުރީފެއް ކުރިޔަސް މަދުވާނެ،" ކަމަށެވެ.

ވޯލްޑް ކަޕުގައި ނޯވޭއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން އިންގްލެންޑުގެ ކޯޗު ޓުޗެލް އުފާފާޅުކުރަނީ --- ފޮޓޯ: ރޮއިޓަރސް

"އެކަމަކު އަހަރެންނަކީ ފުޓްބޯޅަ ކޯޗެއް. އަހަރެން ދެކޭގޮތުގައި އަދި މިއަށްވުރެ މާ ރަނގަޅަށް ކުޅެވިދާނެ. ޖުމްލަ ގޮތެއްގައި މިއީ އެންމެ މަތީފަންތީގެ ކުޅުމެއް ފެނިގެންދިޔަ މެޗެއް ނޫން،" ޖަރުމަނަށް ނިސްބަތްވާ ކޯޗު އިތުރަށް ބުންޏެވެ.

މި މުބާރާތުގައި އިންގްލެންޑުން ޖެހި 13 ލަނޑުގެ ތެރެއިން 12 ލަނޑު ކާމިޔާބުކޮށްދީފައިވަނީ ބެލިންހަމް އާއި ކެޕްޓަން ހެރީ ކޭންއެވެ. 

"އެހެން ކުޅުންތެރިންނަށްވެސް ފުރުސަތުތައް ތަނަވަސްކޮށްދިނުމަށްޓަކައި، އެޓޭކިންގް ގޭމް މިއަށްވުރެ ވަރުގަދަކުރަން އެބަޖެހޭ. އެކަމަކު ބެލިންހަމް އާއި ކޭން އަކީ ނަތީޖާ ނެރެދޭ ކުޅުންތެރިން. އެ މީހުން ޒިންމާ ނަގަން ލޯބިކުރޭ. އަދި ބޭނުންވާ މުހިންމު ވަގުތުތަކުގައި އެކަން ސާބިތުކޮށްދޭ. އެހެންކަމުން އެކަމުގައި މައްސަލައެއް އޮތް ކަމަކަށް ނުދެކެން،" ޓުޗެލް ބުންޏެވެ.

މިފަދަ މުހިންމު މޮޅަކަށްފަހުވެސް ހިތްހަމަނުޖެހިފައި ހުރީ ކީއްވެގެންތޯ ސުވާލުކުރުމުން ޓުޗެލް ބުނީ، އޭނާ ހިތްހަމަނުޖެހެނީ ނަތީޖާއާ މެދު ނުވަތަ ޓީމާ މެދު ނޫން ކަމަށެވެ.

"އަހަރެމެން ބޭނުންވަނީ އެންމެ ފުރިހަމަ ކުޅުން ދައްކަން. ސަބަބަކީ އެންމެ މަތީ ފަންތީގެ ކުޅުމަކީ މެޗުތަކުން މޮޅުވުމަށް އެހީތެރިވެދޭނެ ކަމެއް. އެހެންކަމުން، ކުޅުނު ގޮތާމެދު އަހަރެންގެ ސިކުނޑި ސަތޭކަ އިންސައްތަ ހިތްހަމައެއް ނުޖެހޭ. އަދިވެސް އަހަރެން މިހުރީ އެގޮތުގައި،" ޓުޗެލް ބުންޏެވެ.

ބެލިންހަމްގެ ރައްދު: "ފަހަރުގައި ކޯޗަށް ނޭނގެނީ އެފަދަ މާހައުލެއްގައި ކުޅުމަކީ ކިހާ އުނދަގޫ ކަމެއްކަން"

ވޯލްޑް ކަޕުގައި ނޯވޭއާ ދެކޮޅަށް ލަނޑު ޖެހުމަށްފަހު އިންގްލެންޑުގެ ބެލިންހަމް އުފާފާޅުކުރަނީ --- ފޮޓޯ: ރޮއިޓަރސް

ނޫސްވެރިންގެ ބައްދަލުވުމުގައި ޓުޗެލް ދެއްކި ވާހަކަތަކާ ގުޅިގެން، ނޫސްވެރިން ވަނީ މިކްސް ޒޯނުގައި ބެލިންހަމާ އިތުރަށް ސުވާލުކޮށްފައެވެ. ކޯޗުގެ ފާޑުކިޔުންތަކާ ގުޅޭގޮތުން ސުވާލުކުރުމުން ބެލިންހަމް ބުނީ، "ފަހަރުގައި ކޯޗަށް ނޭނގެނީ ކަމަށްވެސް ވެދާނެ އެފަދަ މާހައުލެއްގައި އާލިން ހާލަންޑް، މާޓިން އޮޑެގާޑް، އެންޓޯނިއޯ ނޫސާ އަދި އެލެގްޒެންޑާ ސޯލޮތު ފަދަ ކުޅުންތެރިންނާ ދެކޮޅަށް ކުޅުމަކީ ކިހާ އުނދަގޫ ކަމެއްކަން،" ކަމަށެވެ.

މި މުބާރާތުގައި މިހާތަނަށް 6 ލަނޑު ޖަހާފައިވާ ބެލިންހަމް ބުނީ، "އެއީ ފަސޭހަ ޓީމެއް ނޫން. އަހަރެމެންގެ ކުޅުންތެރިންނަށް ހަމަ ތައުރީފު ހައްގު. ކޮންމެ މެޗަކީ 1000 ޕާސް ޖަހައިގެން މޮޅުވެވޭނެ މެޗެއް ނޫން. ބައެއް ފަހަރު އުނދަގޫ ހާލަތްތަކުގައިވެސް މޮޅުވާން ޖެހޭނެ، މިއަދު އަހަރެމެން އެކަން ކުރިން."

މި މުބާރާތުގެ ސެމީ ފައިނަލުގައި އަންނަ ބުދަ ދުވަހުގެރޭ އެމެރިކާގެ އެޓްލާންޓާގައި އިންގްލެންޑް ބައްދަލުކުރާނީ އާޖެންޓީނާއާއެވެ.

ކިޔުންތެރިންގެ ހިޔާލު