ENGLISH

12 ޖުލައި 2026

Advertisement

""އުފެދޭ ނުތަނަވަސްކަމުން ހަގީގީ އުނގެނުމުގެ ވެއްޓަކަށް ސްކޫލުތައް ބަދަލުކުރަން ޖެހޭ"

12 ޖުލައި 2026

|

އައިމިނަތު ޝަފާ

ތައުލީމީ ވަޒީރު، ޑރ. އިސްމާއިލް ޝަފީޢު

އުފެދޭ ނުތަނަވަސްކަމުން ހަޤީޤީ އުނގެނުމުގެ ވެއްޓަކަށް ސްކޫލުތައް ބަދަލުކުރަން ޖެހޭ ކަމަށާއި އެކަން ކުރުމަށް ބެލެނިވެރިންނާއި ސްކޫލާއި މުދައްރިސުން ގުޅިގެން މަސައްކަތްކުރަން ޖެހޭ ކަމަށް ތައުލީމީ ވަޒީރު، ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ފާއިތުވި އަހަރުގެ މަތީ އަރުތަވެރިންގެ އިނާމު ދިނުމަށް މިއަދު ފެށި ރަސްމިއްޔާތުގެ ދެވަނަ ދަންފަޅީގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، ދިވެހިން ވެސް ގަބޫލުކުރަނީ މަންމަގެ އުނގަކީ ކުޑަކުއްޖެއްގެ ފުރަތަމަ މަދަރުސާ ކަމަށާއި، އެންމެ ފުރަތަމަ މުދައްރިސަކީ މަންމަ ކަމަށެވެ.

އެއިން އެނގެނީ ތައުލީމު ފޯރުކޮށްދިނުމުގައި، ކުއްޖަކު ބައްޓަން ކުރުމާއި ދިރިއުޅުމަށް ތައްޔާރުކުރުމުގައި މައިންބަފައިންގެ އިސްދައުރު، ކަމަށާއި މުދައްރިސުންނާއި ބެލެނިވެރިން އަދި ސްކޫލުގެ އެންމެ އިސްވެރިން ހިމެނޭހެން އެންމެން ގުޅިގެން ކާމިޔާބުކަމާއެކު މަސައްކަތްކުރެވިއްޖެނަމަ އެކަމުގެ ފޮނިނަތީޖާ ފެނިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ގޭތެރެއިން ދަރިވަރުންނަށް ދޭ ވިސްނުމުން، މުދައްރިސުންނަށް ގަދަރާއި އިހުތިރާމްކުރުމާއި ސްކޫލްތަކުގައި ހަދާފައި ހުންނަ ގަވާއިދާއި އުޞޫލުތަކަށް ހުރުމަތްތެރިކޮށް ހިތުމާއި ކިޔެވުމަށް ޝައުގުވެރިކަން އާލާކޮށްދޭ. އަދި މިއާއެކު، ކިޔެވުމުގެ މަތީގައި ދެމިހުރުމުގެ ވިސްނުން ފޯރުކޮށްދިނުމުގެ އެންމެ މުހިންމު މަރުކަޒަކީ، އެންމެ މުހިންމު ތަނަކީ، އެންމެ މުހިންމު މަދަރުސާއަކީ ވެސް ކޮންމެ ކުއްޖެއްގެވެސް ގެ" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ސްކޫލެއްގެ ތެރެއިން މަދު ވަގުތުކޮޅެއްގެ ތެރޭގައި މުދައްރިސުންގެ ހުނަރާ ގާބިލުކަމުން ކުއްޖަކު ވަކި މާއްދާއަކަށް ޝައުގުވެރިވާގޮތަށް ބައްޓަން ކުރެވިދާނެ ކަމަށާއި މުދައްރިސުން ކުރާކަންކަން ދެމެހެއްޓެނެވިގޮތެއްގައި ކުރިއަށް ދާނީ، ގޭތެރެއިން ބެލެނިވެރިންނާއި އާއިލާގެ ފަރާތުން ކުއްޖާއަށް ލިބޭ އެހީތެރިކަމާއި އެހީތެރިކަމުންކަމަށެވެ.

ވަޒީރު ވިދާޅުވީ، 1960 ވަނަ އަހަރުގެ ތެރޭގައި އެމެރިކާގެ ޗައިލްޑް ރައިޓްސް އެކްޓް ފާސްކުރުމާ ގުޅިގެން ކުރެވުނު ވަރަށް މަޝްހޫރު ދިރާސާއެއްގައި، ދަރިވަރުންގެ ނަތީޖާއަށް އެންމެ ބޮޑަށް އަސަރުކުރަނީ ކޮންކަމެއްތޯ ބެލިކަމަށެވެ. އެތައް ހާސް ސްކޫލެއްގައި އެތައްލައްކަ ކުދިން ބޭނުންކޮށްގެން ކުރި، ކޯލްމަން ރިޕޯޓްގެ ގޮތުގައި މަޝްހޫރުވި މި ދިރާސާއިން އެނގިގެން ދިޔައީ، ކުއްޖާގެ ނަތީޖާއަށް އެންމެ ބޮޑު ތަފާތު ކަމެއް ގެނުވާ ތަނަކީ ކުއްޖާ ގެ ކަމަށެވެ.

އެ ދިރާސާއަށްފަހު، ކުއްޖާގެ ނަތީޖާ މަތިކުރުމަށްޓަކައި ސްކޫލުތަކަށް ކުރެވޭނީ ކޮންކަމެއްތޯ ބެލުމަށް އެތައް ދިރާސާއެއް ކުރިކަމަށާއި އެގޮތުން ހެދި ދިރާސާއިން ފާހަގަވީ ހަތްކަމެއް ސްކޫލެއްގައި ޤާއިމްކުރެވިއްޖެ ނަމަ ކޮންމެ ދަރިވަރަކަށްވެސް ކާމިޔާބީއާ ހަމައަށް ދެވިދާނެކަން ކަމަށެވެ.

އޭގެ ތެރެއިން ވަޒީރު ޑރ. އިސްމާއިލް ފާހަގަ ކުރެއްވީ އެންމެ ކަމެކެވެ. އެއީ، ސްކޫލާ ބެލެނިވެރިންނާ ދޭތެރޭ އޮންނަ ގުޅުމެވެ. މި ގުޅުން ހަރުދަނާ ކުރެވިއްޖެ ކަމުގައިވަނީނަމަ މުދައްރިސުންނަށް އޮންނަ ލޯތްބާއި ގަދަދު އިތުރުވެގެންދާނެކަމެވެ. ދަރިވަރަށް ދިމާވާ އެކި ކަންކަމުގައި ސްކޫލާ ބެލެނިވެރިންނާ ގުޅިގެން އެއް އަމާޒަކަށް މަސައްކަތް ކުރުމުގެ ޝައުޤުވެރިކަން އިތުރުވެގެންދާނެއެވެ. ތައުލީމުގެ މުހިންމުކަން ދަރިވަރުންނަށް ވިސްނައިދިނުމުގެ ކަންކަން މާ ފުރިހަމައަށް ކުރެވިގެންދާނެއެވެ. އަދި ކުއްޖާ ތަރުބިއްޔަތު ކުރުމުގައި ބެލެނިވެރިންނަށް ކާމިޔާބު މަސައްކަތެއް ކުރެވޭނެއެވެ.

"ބެލެނިވެރިންނާއި ސްކޫލާއި މުދައްރިސުން ގުޅިގެން ކުރާ މަސައްކަތުން ކުއްޖާއަށް މަތީ ނަތީޖާއާ ހަމައަށް ވާޞިލްވެވެނީ.  ކުއްޖެއްގެ މުސްތަގުބަލަށް އުޖާލާކުރުމަށްޓަކައި މިހާރަށްވުރެ ބޮޑަށް ވާހަކަދައްކަން އެބަޖެހޭ. ގޮންޖެހުންތައް ހައްލުކުރަންޖެހޭ. ސްކޫލުގެ ތެރޭގައި އުފެދޭ އެކިއެކި ނުތަނަވަސްކަން ހަގީގީއުނގެނުމުގެ ވެއްޓަކަށް ބަދަލުކުރަން އެބަޖެހޭ. މިއީ މިއަދު އަޒުމް އާލާކުރަން ޖެހޭ ކަމެއް. މި މަގަށް މުޅި ނިޒާމު ބައްޓަން ވާން ޖެހޭ،" ބެލެނިވެރިންނާއި ސްކޫލާ އޮންނަ ގުޅުން ހަރުދަނާ ކުރުމަށް، ޕްރިންސިޕަލުންނާއި ބެލެނިވެރިންނަށް ބާރުއަޅުއްވަމުން ވަޒީރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު