ENGLISH

12 ޖުލައި 2026

Advertisement

ސްވިޒަލެންޑް ބަލިކޮށް، ސެމީގެ ފަހު ޖާގަ ޗެމްޕިއަން އާޖެންޓީނާއަށް

12 ޖުލައި 2026

|

އިސްމާއިލް ޝާހު

ވޯލްޑް ކަޕުގައި ސްވިޒަލެންޑް ކޮޅަށް ލަނޑު ޖެހުމަށްފަހު އާޖެންޓީނާގެ ކުޅުންތެރިން އުފާފާޅުކުރަނީ --- ފޮޓޯ: އޭޕީ

ފީފާ ވޯލްޑް ކަޕް 2026 ގެ ކުއާޓާ ފައިނަލް މެޗުގައި ސްވިޒަލެންޑުގެ އެއް ކުޅުންތެރިއަކު މަދުވުމުގެ ފައިދާ ނަގައި، 3-1 ގެ ނަތީޖާއަކުން މޮޅުވެ، މުބާރާތުގެ ސެމީ ފައިނަލުގެ ފަހު ޖާގަ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއިން ހޯދައިފިއެވެ.

އެމެރިކާގެ ކެންސަސް ސިޓީ ސްޓޭޑިއަމުގައި މިއަދު ކުޅުނު މެޗުގެ 10 ވަނަ މިނެޓުގައި ކެޕްޓަން ލިއޮނެލް މެސީ ނެގި ކޯނަރަކުން މެކް އެލިސްޓާ ވަނީ ލަނޑެއް ޖަހައިދީފައެވެ.

މެޗުގެ ދެވަނަ ހާފުގެ މެދުތެރެއިން ސްވިޒަލެންޑުގެ ޑެން އެންޑޯއީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކުރި ނަމަވެސް، އޭގެ ކުޑައިރުކޮޅެއް ފަހުން އެ ޓީމަށް ބޮޑު ނުތަނަވަސްކަމެއް ކުރިމަތިވިއެވެ. އެއީ ބްރީލް އެމްބޯލޯ ރެފުރީއަށް އޮޅުވާލަން އުޅުމުގެ ސަބަބުން ދެއްކި ދެވަނަ ރީނދޫ ކާޑާއެކު ދަނޑުން ފޮނުވާލުމެވެ.

ވޯލްޑް ކަޕުގައި އާޖެންޓީނާ އާއި ސްވިޒަލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އެއްވަރުވެފައި އޮތުމުން، ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގައި ސްވިޒަލެންޑުން ވަނީ އާޖެންޓީނާގެ ހަމަލާތައް ވަރަށް ވަރުގަދައަށް ދިފާއުކޮށްފައެވެ. ނަމަވެސް 112 ވަނަ މިނެޓުގައި ހޫލިއަން އަލްވަރޭޒް ފޮނުވާލި ހިތްގައިމު ހަމަލާއަކުން އާޖެންޓީނާ އަލުން ކުރިހޯދިއެވެ. އަދި މެޗު ނިމެން ކައިރިވެފައިވަނިކޮށް ލައުޓާރޯ މާޓިނޭޒް ވަނީ ތިންވަނަ ލަނޑެއް ޖަހައި ކާމިޔާބީ ކަށަވަރުކޮށްދީފައެވެ.

ލިއޮނެލް ސަކަލޯނީގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ އާޖެންޓީނާއިން ހޯދި މި ކާމިޔާބީއާއެކު، މި އަހަރުގެ މުބާރާތުގެ ސެމީ ފައިނަލުގައި ވާދަކުރާނީ ފީފާ ރޭންކިންގެ ގަދަ ހަތަރު ޓީމެވެ. އާޖެންޓީނާ މިހާރު ވަނީ ވޯލްޑް ކަޕުގައި ބަލިނުވެ ޖެހިޖެހިގެން 12 މެޗު ހަމަކޮށްފައެވެ. އެ ޓީމުގެ އަމާޒަކީ 1962 ވަނަ އަހަރު ބްރެޒިލުން ހެދި ރިކޯޑަށްފަހު، ޖެހިޖެހިގެން ދެ ފަހަރު ވޯލްޑް ކަޕް ކާމިޔާބުކުރާ ފުރަތަމަ ޓީމަށް ވުމެވެ.

މި މުބާރާތުގެ ގްރޫޕް ސްޓޭޖް ފަސޭހަކަމާއެކު ކާމިޔާބުކުރި ނަމަވެސް، ކާބޯ ވާޑޭ އަދި މިސްރާ ދެކޮޅަށް ކުޅުނު މެޗުތަކުގައި އާޖެންޓީނާއަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. އެގޮތުން މިއަދުގެ މެޗަކީވެސް ފުރަތަމަ ފަހަރަށް ސެމީ ފައިނަލަށް ދިއުމަށް އުންމީދުކުރި ސްވިޒަލެންޑާ ދެކޮޅަށް ކުޅުނު އުނދަގޫ މެޗެކެވެ.

ވޯލްޑް ކަޕުގައި އާޖެންޓީނާ އާއި ސްވިޒަލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ

މެޗުގެ ފުރަތަމަ ލަނޑު އާޖެންޓީނާއަށް ކާމިޔާބުކޮށްދިނީ މެސީ ނެގި ކޯނަރަކުން މެކް އެލިސްޓާ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ. މިއީ މެސީ ހަ ވޯލްޑް ކަޕެއްގައި ހެދި 10 ވަނަ އެސިސްޓެވެ. އަދި އޭނާ މިހާރު ހުރީ 8 ލަނޑާއެކު ރަން ބޫޓުގެ ރޭހުގެ ކުރީގައެވެ.

ދެވަނަ ހާފުގެ 67 ވަނަ މިނެޓުގައި ސްވިޒަލެންޑުގެ އެންޑޯއީ ލަނޑެއް ޖަހައި އުއްމީދު އައުކޮށްދިން ނަމަވެސް، އޭގެ އިރުކޮޅެއް ފަހުން އެމްބޯލޯއަށް ދެއްކި ރަތް ކާޑާއެކު އެ ޓީމު އުނދަގޫ ހާލަތަކަށް ވެއްޓުނެވެ. އާޖެންޓީނާގެ ލިއަންޑްރޯ ޕަރެޑޭސް އެންމެ ފުރަތަމަ ފައުލްކުރި ކަމަށް ނިންމައި އޭނާއަށް ރީނދޫ ކާޑެއް ދެއްކި ނަމަވެސް، ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ބެލުމަށްފަހު އެމްބޯލޯ ޑައިވް ކުރީ ކަމަށް ނިންމައި، އޭނާއަށް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާފައެވެ.

މެޗުގެ އިތުރު ވަގުތުގެ ދެވަނަ ހާފުގައި އަލްވަރޭޒް އާއި މާޓިނޭޒް ކާމިޔާބުކުރި ލަނޑުތަކާއެކު އާޖެންޓީނާ ސެމީއަށް ދަތުރުކުރިއިރު، ސެމީގައި އެ ޓީމު ބައްދަލުކުރާނީ ނޯވޭ ބަލިކުރި އިންގްލެންޑާއެވެ.

ވޯލްޑް ކަޕުގައި ސްވިޒަލެންޑާ ދެކޮޅަށް ކުޅުނު މެޗަށްފަހު އާޖެންޓީނާގެ ކެޕްޓަން މެސީ އުފާފާޅުކުރަނީ --- ފޮޓޯ: އޭޕީ

އިންގްލެންޑާއި އާޖެންޓީނާގެ މެޗަކީ އަބަދުވެސް ފޯރިގަދަ އަދި ތާރީޚީ ގޮތުން ވާދަވެރިކަން ބޮޑު މެޗެކެވެ. ޚާއްސަކޮށް ފޯލްކްލެންޑް ޖަޒީރާތަކާ ގުޅިގެން އޮންނަ ސިޔާސީ ޚިލާފުތަކާއި، 1986 ވަނަ އަހަރު ލެޖެންޑް ޑިއޭގޯ މަރަޑޯނާ ޖެހި "ހޭންޑް އޮފް ގޯޑް" ލަނޑަކީ މި ދެ ޓީމުގެ ކުރިމަތިލުންތަކުގެ ތާރީޚުގައި ފާހަގަކޮށްލެވޭ ކަންކަމެވެ.

އަންނަ ބުދަ ދުވަހުގެރޭ އެމެރިކާގެ އެޓްލާންޓާގައި ކުޅޭ ސެމީ ފައިނަލް މެޗަކީ ފުޓްބޯޅަ އާއިލާއިން ވަރަށް ބޮޑަށް އިންތިޒާރުކުރާ ކުރިމަތިލުމަކަށް ވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު