ENGLISH
12 ޖުލައި 2026
ފުރަތަމަ ފަހަރަށް ގައުމީ އެއާލައިނުގައި އައްޑޫއިން އުމްރާ ދަތުރުތައް
12 ޖުލައި 2026
|
ގައުމީ އެއާލައިނުގައި އުމްރާއަށް ފުރި އުމްރާވެރިން.
އެންމެ މަޤްބޫލު
އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުން ސީދާ ސައުދީ އަރަބިއްޔާއަށް އުމްރާ ދަތުރުތައް ފަށައިފިއެވެ.
ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ފެށި މި ދަތުރުތަކުގައި ބޭނުންކުރަނީ ގައުމީ އެއާލައިން މޯލްޑިވިއަނުގެ އޭ-330 މަރުކާގެ މަތިންދާބޯޓެވެ. މި ދަތުރަކީ އުމްރާ ދަތުރުގެ ހިދުމަތް ފޯރުކޮށްދޭ ޓްރެވެލް އެޖެންސީއެއް ކަމަށްވާ ދަ ޓްރެވެލާ އާއި ގައުމީ އެއާލައިން ގުޅިގެން ބޭއްވި ފްލައިޓެކެވެ. ފުރަތަމަ ފްލައިޓް ރޭ ފަތިހު 4:24 ގައި ފުރިއިރު އެ ފްލައިޓުގައި ކުޑަކުދިން ހިމެނޭހެން 260 މީހުން ވަނީ އުމްރާއަށް ފުރާފައެވެ.
މޯލްޑިވިއަނުން ފުރަތަމަ ފަހަރަށް އުމްރާ ދަތުރުތައް ފަށާފައިވަނީ، މިދިޔަ އަހަރުގެ ޖުލައި މަހުގެ 22 ގައެވެ.
މޯލްޑިވިއަނުން އުމްރާ ދަތުރުތައް ފަށާފައިވާއިރު މިދިޔަ ހައްޖު މޫސުމުގައި ހައްޖުވެރިން ސައުދީއަށް ގެންގޮސް އަދި އަނބުރައި ގެނަސްދިނުމަށްވެސް އެ އެއާލައިނުން ވަނީ ދަތުރުތައް ބާއްވާފައެވެ.
މީގެ އިތުރުން ދެކުނުގެ ހަތަރު އަތޮޅުގެ މެދުގައި ވައިގެ ދަތުރުފަތުރުކުރުމަށް ހާއްސަ ވިއުގައެއް ގައުމީ އެއާލައިނުންވަނީ ގާއިމުކޮށްފައެވެ. ސައުތު ކަނެކްޓިވިޓީ ނެޓްވޯކުގެ ނަމުގައި ގާއިމުކުރި ވިއުގައިގެ ތެރެއިން އައްޑޫއާއި ފުވައްމުލަކާއި ހުވަދު އަތޮޅުގެ ތިން ބުރީގެ މެދުގައި ޝެޑިއުލު ދަތުރުތައް މިހާރު ވަނީ ފަށާފައެވެ.
މި ދަތުރުތަކުގެ ސަބަބުން ދެކުނުގެ އަތޮޅުތަކާއި އައްޑޫ ގަން އެއާޕޯޓު ގުޅުވައިލެވި އެ އެއާޕޯޓަކީ ދެކުނުގެ ވައިގެ ދަތުރުފަތުރުގެ މައި މަރުކަޒަށް ބަދަލުވެފައިވެއެވެ.