ENGLISH
21 އޭޕްރީލު 2025
ކުރީ ސަރުކާރުން ފަޅުން ދޫކުރި ގޯތިތަކުގެ މައްސަލަ ހައްލުކޮށްދޭނީ މި ސަރުކާރުން: ކެލާ ދާއިރާގެ މެންބަރު
27 ޑިސެމްބަރު 2024
|
ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފް އެމްއެމްޓީވީ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަނީ.
ކަނޑު ފަޅުން ގޯތި ދޫކުރިކަމަށް ލިޔުން ދިނަސް މާލޭގެ ރައްޔިތުންނަށް ގޯތި ލިބުނު ކަމުގައި ނުވާނެ ކަމަށާއި، ފަޅުން ދޫކުރި ގޯތިތަކުގެ މައްސަލަ ހަޤީޤީ މާނާގައި ހައްލުކޮށްދޭނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފް ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޝަރީފު ވިދާޅުވީ ކުރީ ސަރުކާރުން ހުޅުމާލެ އާއި ގުޅިފަޅާއި ގިރާވަރު ފަޅުން ގޯތި ދޫކުރިއިރު، ސަރުކާރުން ބޭނުންވާ ވަކި ބަޔަކަށް، ހުޅުމާލޭގައި ހިއްކާފައި އޮތް ބިމުން ގޯތި ދޫކޮށްފައިވާކަމަށް ބެލެވޭ ކަމަށެވެ. އަދި ހުޅުމާލެއިން ގޯތި ދޫކުރުމުގެ ސަބަބުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ވަރަށް ބޮޑު މާލީ ބުރައަކަށް ވެފައިވާކަމަށް އެނާ ވިދާޅުވިއެވެ.
"ފަޅުން ގޯތި ދިނީމަ ގޯތި ދެވުނީކީނޫން، އަޅުގަނޑު މާނަ ކުރަނީ ގޯތި ހިއްކާ، ފެނާއި ކަރަންޓާއި އަސާސީ ހިދުމަތްތައްދީ، އަދި އިތުރަށް އެތަން ހަދާނެ ލުއިލޯނު ދީ، އެކަން ކޮށްދޭނީ މި ސަރުކާރުން، މި ސަރުކާރުން ރައްޔިތުންގެ އިހުސާސްތަކަކާއި ނުކުޅޭނެ،" ޝަރީފް ވިދާޅުވިއެވެ.
ދެ ގަޑިއެއްހާއިރަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމްގައި ޝަރީފް ވަނީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ ސަރުކާރުގައި ހިނގާފައިހުރި ކަމަށް ތުހުމަތުކުރެވޭ ވައްކަންތަކާއި ކޮރަޕްޝަނާއި ގުޅޭ ގޮތުން ވަރަށް ދިގުކޮށް ވާހަކަ ދައްކަވައިފައެވެ. އޭނާ ވިދާޅުވީ އެ ވާހަކަތައް ރައްޔިތުންގެ މަޖިލީހާއި އެނޫން ތަންތަނުގައި އެންމެ ފުރަތަމަ ދެއްކީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވެސް ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކަމަށެވެ.
"އެބޭފުޅުން ކެއްނުވުގެން ނުކުމެ އެބޭފުޅުން ދެއްކީ ވައްކަމުގެ ވާހަކަ، 19 ވަނަ މަޖިލީހުގެ މެންބަރުން އެ ބޭފުޅުންގެ ސަރުކާރުގެ ވައްކަމުގެ ވާހަކަ ވަރަށް ފުޅާކޮށް ދެއްކި، ސަޕްލިމެންޓަރީ ބަޖެޓުގެ ވާހަކަ ވެސް ހުރިހާ ކުންފުނިތަކުން ކުރަމުންދިޔަ ވައްކަމުގެ ވާހަކަވެސް އެބޭފުޅުންދެއްކީ،" އޭނާ ވިދާޅުވިއެވެ.
ކޮވިޑް-19 ގެ ދުވަސްވަރު، ބޭހާއި ސެނަޓައިޒާފަދަ ތަކެތި ހަމަ އަގަށްވުރެ އެތައް ގުނައެއް އަގު ބޮޑުކޮށް ސަރުކާރަށް ގަނެފައިވާ ކަމާއި، އޭރު ހިނގައިދިޔަ ވެންޓިލޭޓަރުތަކުގެ ވައްކަމުގެ މައްސަލަ ޝަރީފް ފާހަގަކުރެއްވިއެވެ. އޭރުގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާ މެދު އެ މިނިސްޓްރީގެ މުވައްޒަފުން އޭރުގެ ރައީސްއާ ހަމައަށް ގެންދިޔަ ބަދުއަހުލާޤީ މައްސަލައާ ގުޅިގެން ސޯލިހު ކީރިތި ކުރެއްވި ނަމަވެސް، އަލީ ވަހީދު ސަލާމަތްކޮށްދިނީ ސޯލިހު ކަމަށް ވިދާޅުވިއެވެ.
މިދިޔަ ސަރުކާރުގެ ދުވަސްވަރު އެންމެ ބޮޑެތި ވައްކަންތަކެއް ހިންގީ ފެނަކަ ކޯޕަރޭޝަން މެދުވެރިކޮށް ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ ތިޖޫރި ތިން ފަހަރަށް ފަޅާލުމަކީވެސް ކުރީގެ ސަރުކާރުގައި ހިންގައި ފިޔަވަޅު ނާޅާ އޮތް ކަމެއްކަން ޝަރީފް ފާހަގަ ކުރެއްވިއެވެ.
ޝަރީފް ވިދާޅުވީ ކުރީގެ ސަރުކާރާއި ގާތް ފަރާތްތަކަށް ބަދަލުގެ ގޮތުގައި އެތަން މިލިއަން ރުފިޔާއެއް ދިންއިރު، އާންމު ނިކަމެއްޗަކަށް ބަދަލުގެ ގޮތުގައި ކުޑަވެސް މިންވަރެއް ލިބިފައިނުވާކަމަށެވެ.
ކޮވިޑްގެ ދުވަސްވަރު ލިބުނު ހިލޭ އެހީއަށް ވީގޮތެއް ނޭނގޭއިރު، ނެގިލޯނާއި ޗާޕުކުރި ފައިސާއާއެކު، ފަސް ދޮޅަސް ބިލިއަން ރުފިޔާއިން ދަރަނިވެރިވުން ނޫންކަމެއް ކުރީގެ ސަރުކާރަށް ކުރެވިފައިނުވާކަމަށް ޝަރީފް ވިދާޅުވިއެވެ.