ENGLISH
11 ޖުލައި 2026
ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ހަދަން ތެލެސީމިއާ ހަ ކުއްޖަކު އިންޑިއާއަށް ފުރަނީ
11 ޖުލައި 2026
|
މިއަދު އޮތް އިވެންޓް --
އެންމެ މަޤްބޫލު
ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް މާލީގޮތުން ޤާބިލުކަން ނެތް ތެލެސީމިއާ ހަ ކުއްޖަކު، ޒަކާތު ފަންޑުގެ މާލީ އެހީތެރިކަމާއެކު ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް އިންޑިއާއަށް ފުރުމަށް ހަމަޖެހިއްޖެ އެވެ.
މިއީ މިގޮތުން މި އަހަރުގެ ތެރޭގައި ރާއްޖޭން ބޭރުން މި ފަރުވާ ހޯދުމަށް ފުރާ ތެލަސީމިއާ ކުދިންގެ ފުރަތަމަ ގްރޫޕެވެ. މީގެ އިތުރުން، އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ނިމުމުން، އިތުރު ހަތަރު ކުއްޖަކު ފުރުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ފުރަތަމަ ގްރޫޕް ފުރުމުގެ މުނާސަބަތު ގައި މިއަދު ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ ގީލާ ޢަލީ އާއި، މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އައްޝައިޚް އިމްތިޠާއު ޢައްބާހާއި، މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް) ގެ ޗީފް އެގްޒެކެޓިވް އޮފިސަރު އިބްރާހީމް ޢަބަދުއްރައްޒާޤު ޙަލީމް، ތިން އިދާރާ އާއި ތެލަސީމިއާ ސެންޓަރުގެ އިސްވެރިންގެ އިތުރުން ފުރަން ހަމަޖެހިފައިވާ ކުދިންގެ އާއިލާތަކުން ބައިވެރިވި އެވެ.
މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރާއި މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ ވާހަކަފުޅު ދެއްކެވި އެވެ. އަދި ޒަކާތު ފަންޑުން ފޯރުކޮށްދޭ މާލީ އެހީތެރިކަމާ ގުޅޭގޮތުން ޒަކާތު ހައުސްއިން ޑިރެކްޓަރ ޖެނެރަލް ވަނީ މައުލޫމާތު ދެއްވާފަ އެވެ.
ޝަރުތު ހަމަވާ ތެލެސީމިއާ ކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓްގެ ޚަރަދު ހަމަޖެއްސުމަށްޓަކައި، ޒަކާތު ފަންޑުން 2.5 މިލިއަން ރުފިޔާ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންއެސްޕީއޭ) އަށް ޒަކާތު ހައުސް އިން މިދިޔަ މަހު ވަނީ ޖަމާކޮށްފަ އެވެ. މި އެހީ ފޯރުކޮށްދިނީ 21 ފެބްރުއަރީ 2024 ގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އާއި މިނިސްޓްރީ އޮފް ހެލްތާ ދެމެދު ސޮއިކުރެވުނު ފަހުމުނާމާގެ ދަށުންނެވެ. މި ފަހުމުނާމާ ގައި ސޮއިކުރުމުގެ ކުރިންވެސް، 2014ވަނަ އަހަރުން ފެށިގެން އެކި ފަހަރުމަތިން ޒަކާތު ފަންޑުން ވަނީ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
ބޯންމެރޯ ޓްރާންސްޕްލާންޓަކީ މުޅި އުމުރަށް ލޭ އެޅުމާއި މެޑިކަލް ފަރުވާ ބޭނުންވާ، ވާރުތަވާ ލޭގެ ބައްޔެއް ކަމަށްވާ ތެލެސީމިއާއަށް މިވަގުތު އޮތް ހަމައެކަނި ދާއިމީ ފަރުވާ އެވެ. މި ޚާއްޞަ ފަރުވާގައި ބަލިމީހާގެ ބަލިޖެހިފައިވާ ބޯންމެރޯގެ ބަދަލުގައި، ގުޅޭ ޑޯނަރެއްގެ ދުޅަހެޔޮ ސްޓެމް ސެލްސް ލައްވައި، ހަށިގަނޑުގައި ދުޅަހެޔޮ ލޭގެ ސެލްތައް އުފެއްދުމަށް މަގުފަހިކޮށްދެ އެވެ. މި ފަރުވާ ކާމިޔާބުވުމުން ގަވާއިދުން ލޭ އެޅުން ހުއްޓާލެވި، ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ، ބަލީގެ ސަބަބުން ކުރިމަތިވާ ދިގު މުއްދަތުގެ އުނދަގޫތަކުން ބަލިމީހާ ސަލާމަތްވެވެ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ހިއްސާކުރި މައުލޫމާތަށް ބަލާއިރު، ޖުމުލަ 10 ކުއްޖަކު ވަނީ އެޗްއެލްއޭ ޑޯނަރ މެޗިންގ މަރުހަލާ ފުރިހަމަކޮށް، 2026 ވަނަ އަހަރު ފަރުވާއަށް ރާއްޖޭން ބޭރަށް ދިއުމުގެ ހުއްދަ ލިބިފަ އެވެ. ފުރަތަމަ ބުރުގައި ހަ ކުއްޖަކު ފުރާއިރު، ބާކީ ތިބި ހަތަރު ކުދިން އާސަންދައިގެ ދަށުން އެމްޕަނެލްވެފައިވާ އިންޑިއާގެ ހޮސްޕިޓަލްތަކަށް ފޮނުވުމުގެ އެންމެ ފަހުގެ އިންތިޒާމުތައް މިހާރު ދަނީ ކުރެވެމުންނެވެ.
2024 ވަނަ އަހަރުން ފެށިގެން، ރާއްޖޭން ބޭރުން ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަންޝަރުތު ހަމަވާ ހުރިހާ ކުދިންނަށް، އެކުދިންގެ ފުރާނަ ސަލާމަތްކޮށްދީ ދިރިއުޅުން ފަސޭހަކޮށްދޭ، މި ފަރުވާ ހޯދައިދިނުމަށް އެހީވުމަށް ޒަކާތު ފަންޑުން 23 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ސީދާ ގޮތުން ޚަރަދުކޮށްފަ އެވެ.