ENGLISH

11 ޖުލައި 2026

Advertisement

ޕީއެންސީގެ އެތެރޭގެ އިންތިހާބު ކާމިޔާބު؛ %85 އަށްވުރެ ގިނަ މީހުން ވޯޓުލި

11 ޖުލައި 2026

|

ޝިފްޒާން އަޙްމަދު

ކޮންގްރެސް ޕާޓީގެ ލީޑަރޝިޕުން އިންތިޚާބުގެ ވޯޓުލުން ފެށުމުގެ ކުރިން ތައްޔާރީތައް ބައްލަވާލައްވަނީ. ފޮޓޯ: ޕީއެންސީ ސެކްރިޓޭރިއެޓް

މިއަދު ކުރިއަށްގެންދިޔަ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ސްޓިއަރިން ކޮމިޓީތަކާއި ދާއިރާތަކުގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ 85 އިންސައްތަ މީހުން ވޯޓުލައިފިއެވެ. 

އިންތިޚާބުގެ ވޯޓުލުން ނިންމައިލުމަށްފަހު އެ ޕާޓީގެ ލީޑާޝިޕުން ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ މިއަދު 119 ރަށެއްގައި އިންތިޚާބު ބޭއްވިއިރު، 2،400 އެއްހައި ބޭފުޅުން އިންތިޚާބުގައި ވާދަކުރެއްވުމަށް ކުރިމަތިލެއްވި ކަމަަށެވެ. 

އެމަނިކުފާނު ވިދާޅުވީ މިއަދުގެ އިންތިޚާބަކީ މިހާތަނަށް ރާއްޖޭގެ ސިޔާސީ ޕާޓީއަކުން ބޭއްވި އެންމެ ބޮޑު އެތެރޭގެ އިންތިޚާބު ކަމަށެވެ. އެ އިންތިޚާބު އޮތް ދާއިރާތަކުގައި 40،000 އެއްހައި މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވާކަންް ފާހަގަކުރައްވަމުން ޢަބްދުއްރަޙީމް ވިދާޅުވީ ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ 85 އިންސައްތަ މީހުން ވޯޓުލި ކަމަށެވެ. 

"އަޅުގަނޑުމެން ވޯޓު ފޮށި ބަންދުކުރުމާ ހަމައަށް އައިއިރު ވޯޓުލުމުގެ ޙައްޤު ލިބިފައިވާ ބޭފުޅުންގެ 85 އިންސައްތަ ބޭފުޅުން ގާތްްގަނޑަކަށް މިވަނީ ވޯޓުލާފައި. އެއީ ގާތްގަނޑަކަށް 33،000 އާއި 32،000 އާ ދެމެދުގެ އަދަދަކަށް،" ޢަބްދުއްރަޙީމް ވިދާޅުވިއެވެ. 

އެމަނިކުފާނު ވިދާޅުވީ 119 ވޯޓުފޮއްޓަށް އެހައި ގިނަ އަދަދެއްގެ މީހުން ވޯޓުލުމާއި، ޕާޓީއާއި ޕާޓީގެ ސަރުކާރާއި، ޕާޓީގެ ރައީސަށް ރައްޔިތުންގެ މެދުގައި އޮތް އިތުބާރު ކަމަށެވެ. އެތެރޭގެ އިންތިޚާބެއްގައި 2،000 އަށްވުރެ ގިނަ ކެންޑިޑޭޓުން ވާދަކޮށް، 40،000 މީހުންގެ 85 އިންސައްތައެއްހައި މީހުން ވޯޓުގައި ބައިވެރިވުމަކީ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާއަށާއި ޕާޓީގެ ސަރުކާރަށް ރައްޔިތުންގެ އޮތް އިތުބާރުގެ ރަމްޒެއް ކަމަށް ޗެއާޕާސަން ވިދާޅުވިއެވެ. 

ޗެއާޕާސަން ވިދާޅުވީ ޕާޓީގެ ކެންޑިޑޭޓުންނާއި އެބޭފުޅުންގެ މަންދޫބުންނާއި، އެބޭފުޅުންނަށް ތާއީދުކުރައްވާ ހުރިހާ ބޭފުޅުންވެސް ޕާޓީގެ މަސްލަހަތު ނަގަހައްޓަވައި، ސުލްހަވެރިކަމާއި ރައްކާތެރިކަން ދެމެހެއްޓެވުމަށް ވަރަށް ބޮޑަށް އިސްކަންދެއްވި ކަމަށެވެ. އެހެން ޕާޓީތަކުގެ އިންތިޚާބުގައި ފެންނަ ނޭދެވޭ އެއްވެސް ކަމެއް ނުފެނި އިންތިޚާބު ނިންމައިލެވުމަކީ އެ ޕާޓީއަކީ ތަފާތު ޕާޓީއެއްކަން ދައްކުވައިދޭ ކަމެއްކަން ޢަބްދުއްރަޙީމް ފާހަގަަކުރެއްވިއެވެ. 

ކިޔުންތެރިންގެ ހިޔާލު