ENGLISH

11 ޖުލައި 2026

Advertisement

ކޮންގްރެސް ޕާޓީއަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޕާޓީގެ ކުރިއެރުމަށް ރައީސް ދެއްވާ އަހަމިއްޔަތުކަން: މެންބަރު ޝާހިދު

11 ޖުލައި 2026

|

ޢަލީ ޝަހީމް

މެންބަރު ޝާހިދު ކޮންގްރެސް ޕާޓީގެ ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަނީ.

ޕީޕަލްސް ނޭޝަނަލް ޕާޓީގެ އެންމެ ބޮޑު ކާމިޔާބީއަކީ އަދި އެންމެ ބޮޑު ކުރިއެރުމަކީވެސް ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ އަހަމިއްޔަތުކަން ކަމަށް ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ވިދާޅުވެއްޖެއެވެ. 

ކޮންގްރެސް ޕާޓީގެ އެތެރޭގެ އިންތިޚާބާ ގުޅިގެން "އެމްއެމް" ޓީވީން ގެނެސްދިން ލައިވް ކަވަރޭޖުގައި ވާހަކަފުޅުދައްކަވަމުން ޝާހިދު ވަނީ ޕާޓީގެ ރައީސްގެ ހައިސިއްޔަތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ ފުރުޞަތު ފާހަގަކުރައްވައިފައެވެ. 

ޝާހިދު ވިދާޅުވީ، މިއަދު ކުރިއަށްދާ އެތެރޭގެ އިންތިޚާބަކީ ވަރަށް ގިނަ ކަންކަން ނިމިގެންދާނެ މުހިއްމު އިންތިޚާބެއް ކަމަށެވެ. އަދި ފުރިހަމަ އިންތިޚާބެއް ކުރިއަށްދާއިރު، ޕާޓީގެ ކުރިއެރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ އަހައްމިއްޔަތުކަން މެންބަރު ފާހަގަކުރެއްވިއެވެ. 

"އަޅުގަނޑުމެންގެ ޕާޓީއަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ އަދި އަޅުގަނޑުމެންގެ ޕާޓީއަށް ލިބޭނެ އެންމެ ބޮޑު ކާމިޔާބީއަކީ، ކުރިއެރުމަކީ ޕާޓީގެ ރައީސް ޕާޓީއަށް ދެއްވާ އަހައްމިއްޔަތުކަން. އޭގެ މާނައަކީ ޕާޓީ ބާރުވެރިކުރުމަށްޓަކައި ދެއްވާ ފުރުސަތު" ޝާހިދު ވިދާޅުވިއެވެ.  

ކޮންގްރެސް ޕާޓީގެ ފިކުރަކީ ރާއްޖޭގައި ޕާޓީ ސިސްޓަމް ފެށުނީއްސުރެ އޮންނަ ފިކުރެއް ކަމަށާއި، އޭރުވެސް ތިއްބެވި ބޭފުޅުން މިހާރުވެސް ތިއްބެވީ ލިޑަރޝިޕާ އެކުގައި ކަމަށާއި، ކޮންގްރެސް ޕާޓީގައި ފަހަތުގައި އޮތީ ވަރުގަދަ ޓީމެއް ކަމަށް މެންބަރު ވިދާޅުވިއެވެ. އަދި ޓީމު އެތުރިފައި އޮތީ ޖޯޝާއި ފޯރީގައި ކަމަށާއި، ޕާޓީގެ ކަންކަން އެގޮތަށް ކުރިއަށްދަނީ ޕާޓީ ހިންގެވުމުގައި ރައީސުލްޖުމްހޫރިއްޔާ ފުރުޞަތު ދެއްވާތީ ކަމަށް ޝާހިދު ވިދާޅުވިއެވެ. 

ޝާހިދު ވަނީ އިދިކޮޅު އެމްޑީޕީން ޕާޓީ ހިންގުމުގައި ގެންގުޅޭ އުޞޫލުތަކަށް ފާޑުވިދާޅުވެފައެވެ. މިގޮތުން އެމްޑީޕީ ހިންގަނީ ވަކި ބަޔަކަށް ނޫނީ ފުރުޞަތު ނުލިބޭގޮތަށް ކަމަށާއި، ޑިމޮކްރަސީ ގެނައިކަމަށްބުނެ އެ ޕާޓީގެ ހިންގުން އޮތީ ހުދުމުހުތާރުކޮށް ކަމަށް ޝާހިދު ވިދާޅުވިއެވެ. 

ޑިމޮކްރަސީގެ ނަމުގައި އެމްޑީޕީން ދަނީ ގައުމު ހަލާކުކޮށްލަމުން ކަމަށާއި، އެމްޑީޕީގެ ވިސްނުމަކީ ގައުމު ސުންނާފަތި ކޮށްލުމާއި، ފިތުނަ ފަސާދަ އުފެއްދުން ކަމަށް މެންބަރު ވިދާޅުވިއެވެ. 

މެންބަރު ޝާހިދު އެދިވަޑައިގެންނެވީ އެގޮތަށް ގައުމުގައި ހަލަބޮލިކަން ނުއުފައްދައި ޒިންމާދާރުކަމާއެކު ޖަވާބުދާރީ ކުރުވަން މަސައްކަތްކުރުމަށެވެ. 

ތަރައްޤީގެ މަޝްރޫޢުތަކާއި ގުޅޭގޮތުން ވެސް މެންބަރު ޝާހިދު ވަނީ ފާޑުވިދާޅުވެފައެވެ. މިގޮތުން އެމްޑީޕީގެ ވެރިކަމުގައި އަމީނީ މަގުގެ މަސައްކަތް ނިންމާނުލެވުނު ކަމަށާއި، އެކަމަކު މި ސަރުކާރުން ބޮޑުތަކުރުފާނު މަގު ތަރައްޤީކުރާތީ އެކަމަށް އެމްޑީޕީން ފާޑުކިޔަމުންދާކަން ފާހަގަކުރެއްވިއެވެ. 

ކިޔުންތެރިންގެ ހިޔާލު