ENGLISH
11 ޖުލައި 2026
ތާރީޚީ ދަތުރެއް؛ ޤައުމީ އެއާލައިނުގައި ދިވެހި ޢުމްރާވެރިން އައްޑޫން ސަޢުދީއަށް
11 ޖުލައި 2026
|
އުމްރާވެރިންތަކެއް ގައުމީ އެއާލައިނުގެ ފުލައިޓަކަށް އަރަނީ
އެންމެ މަޤްބޫލު
ފުރަތަމަ ފަހަރަށް ދިވެހި އުމްރާވެރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ފިޔަވައި އެހެން އެއާޕޯޓަކުން ސައުދީ އަރަބިއްޔާއަށް ދަތުރުކުރުމަށް ހަމަޖެހިއްޖެއެވެ.
ފަތުރުވެރިކަމާއި މަދަނީ ވައިގެ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީނު އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައި އިއުލާނުކުރެއްވި ގޮތުގައި މި ދަތުރުކުރަން ހަމަޖެހިފައިވަނީ އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.
މި ދަތުރުކުރާނީ ގައުމީ އެއާލައިނުންނެވެ. އެ ދަތުރުގައި ބޭނުންކުރާނީ އެ އެއާލައިނުގެ އޭ-330 މަރުކާގެ މަތިންދާބޯޓުކަމަށް އަމީނު ވިދާޅުވިއެވެ. އަމީނު ސިފަކުރެއްވި ގޮތުގައި މިދަތުރަކީ އައްޑޫއާއި ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ފަސޭހައެކެވެ.
އައްޑޫ ގަން އެއާޕޯޓުން ސައުދީ އަރަބިއްޔާއަށް ދަތުރުކުރަން ހަމަޖެހިފައިވާއިރު، ދެކުނުގެ ހަތަރު އަތޮޅުގެ މެދުގައި ވައިގެ ދަތުރުފަތުރުކުރުމަށް ހާއްސަ ވިއުގައެއް ގައުމީ އެއާލައިނުންވަނީ ގާއިމުކޮށްފައެވެ. ސައުތު ކަނެކްޓިވިޓީ ނެޓްވޯކުގެ ނަމުގައި ގާއިމުކުރި ވިއުގައިގެ ތެރެއިން އައްޑޫއާއި ފުވައްމުލަކާއި ހުވަދު އަތޮޅުގެ ތިން ބުރީގެ މެދުގައި ޝެޑިއުލު ދަތުރުތައް ފަށާފައިވެއެވެ.
މި ދަތުރުތަކުގެ ސަބަބުން ދެކުނުގެ އަތޮޅުތަކާއި އައްޑޫ ގަން އެއާޕޯޓު ގުޅުވައިލެވި އެ އެއާޕޯޓަކީ ދެކުނުގެ ވައިގެ ދަތުރުފަތުރުގެ މައި މަރުކަޒަށް ބަދަލުވާނެ ކަމަށް ގައުމީ އެއާލައިނުން ބުނެފައިވެއެވެ.
މާދަމާ އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުން ސައުދީއަށް ގައުމީ އެއާލައިނުގެ ފުރަތަމަ ދަތުރުކުރަން ހަމަޖެހުމާ ގުޅިގެން އަމީނުވަނީ، މި ދަތުރު ހަގީގަތަކަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ގެންގުޅުއްވި ތަަސައްވުރާއި ލީޑާޝިޕު ފާހަގަކުރައްވައި އެމަނިކުފާނަށް އިހުލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.