ENGLISH

11 ޖުލައި 2026

Advertisement

އިނގިރޭސި ޓީމުގައި އަނިޔާގެ މާ ބޮޑު މައްސަލައެއް ނެތް: ޓުޗެލް

11 ޖުލައި 2026

|

މުޙައްމަދު އަދުހަމް

ނޫސްވެރިންގެ ބައްދަލުވުމުގައި އިންގްލެންޑުގެ ކޯޗު ޓުޗެލް -- ފޮޓޯ: ފީފާ.ކޮމް

ފީފާ ވޯލްޑް ކަޕް 2026 ގެ ކުއާޓާ ފައިނަލުގައި މިރޭ ނޯވޭއާ ދެކޮޅަށް ނިކުންނައިރު އިނގިރޭސި ޓީމުގައި މިވަގުތު އަނިޔާގެ މާ ބޮޑު މައްސަލައެއް ނެތް ކަމަށާއި، އެ މެޗަށް މުޅި ޓީމުވެސް ފުރިހަމައަށް ތައްޔާރަށް އޮތްކަމަށް އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް ބުނެފިއެވެ.

މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އިނގިރޭސި ކޯޗު ޓުޗެލް ބުނީ، ސަސްޕެންޝަނުގައި ހުރި ޑިފެންޑަރު، ޖަރެލް ކުއަންސާ ފިޔަވައި އެ ޓީމުގެ ހުރިހާ ކުޅުންތެރިންނަށް ކުރިއަށް އޮތް ނޯވޭ މެޗުގައި ބައިވެރިވެވޭނެ ކަމަށެވެ.

އެގޮތުން އެ ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނޭ މިޑްފީލްޑަރު ޑެކްލަން ރައިސް އާއި ޑިފެންސްގެ މުހިއްމު ކުޅުންތެރިންކަމަށްވާ، މާކް ގޭހީ އާއި ރީސް ޖޭމްސް އަށް ކުރިމަތިވީ އަނިޔާގެ ސަބަބުން ބުރާސްފަތި ދުވަހުގެ ފަރިތަކުރުންތައް ވަކިން ކުރިއަށްގެންދިޔަނަމަވެސް، މުބާރާތުގެ ގަދަ 16 ގެ ބުރުގައި މެކްސިކޯއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ހިނގި ހާދިސާއެއްގައި އަތް ބިންދައިގެންދިޔަ މިޑްފީލްޑަރު ޖޯޑަން ހެންޑަސަން ނޫން ބާކީ ދެންތިބި ހުރިހާ ކުޅުންތެރިން ވަނީ އެންމެ ފަހުން ބޭއްވި ފަރިތަކުރުންތަކުގައި ބައިވެރިވެފައެވެ.

"މިއީ ވަރަށް އުފާވެރި ޚަބަރެއް. ހުރިހާ ކުޅުންތެރިން ފަރިތަކުރުންތަކުގައި ބައިވެރިވުމަކީ އަހަރެމެން އަބަދުވެސް އެދޭ ގޮތް،" ޓުޗެލް ބުންޏެވެ.

ޓުޗެލް ބުނީ، މުޅި ސްކޮޑުގެ ގިނަ ކުޅުންތެރިން ހިމެނޭ ގޮތަށް ޓީމު ނަގަން ފުރުސަތު ލިބުމުން ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ.

ޓުޗެލްގެ ވާހަކައިގައިވަނީ، އެންމެ ފަހުން މެކްސިކޯއާ ދެކޮޅަށް ކުޅުނު މެޗުގައި ބޮޑު ކުރިއެރުންތަކެއް ހޯދާފައިވާކަން ފާހަގަކޮށް އެހެންނަމަވެސް އެއީ ފެށުމެއް ކަމަށް ބުނެފައެވެ. އޭނާގެ ޓީމުގެ ކުޅުންތެރިން ތިބީ ކާމިޔާބީ ހޯދުމަށް ފެންބޮވައިގެންފައި ކަމަށާއި، ހުވަފެންތައް ހަގީގަތަކަށް ހަދައި، ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑި އެބަހުރި ކަމަށް ޓުޗެލް ބުންޏެވެ.

"ދެން ކުރިއަށް މިއޮތީ ކުއާޓާ ފައިނަލް މެޗު ކާމިޔާބުކުރުން. އެންމެ މުހިންމީ އެ މެޗަށް ފޯކަސް ކުރުން. އެ ނޫން ކަމެއް މިވަގުތަށް މުހިއްމެއް ނޫން." ޓުޗެލް ބުންޏެވެ.

މެކްސިކޯ މެޗުގައި ކުއަންސާއަށް ދެއްކި ރަތް ކާޑާ ގުޅިގެން ދެ މެޗުގެ ސަސްޕެންޝަނެއް އައީ ކީއްވެގެން ކަމެއް މިހާތަނަށް ސާފުކޮށްދީފައިނުވާ ކަމަށް ޓުޗެލް ބުންޏެވެ. އަދި އޭނާގެ ބަދަލުގައި ކަނާތް ފަޅިން ފަހަތަށް ކުޅޭނީ ކޮން ކުޅުންތެރިއެއް ކަމުގެ އެއްވެސް އިޝާރާތެއް އޭނާ ނުދެއެވެ.

ޓުޗެލް ބުނީ، އިނގިރޭސީން ޒަމާނުއްސުރެ ކުޅެމުންއަންނަ ސްޓައިލް ބަދަލުކުރުމަށް ނުވަތަ ކުޅުމުގެ ވައްޓަފާޅިއަށް ބަދަލުތަކެއް ގެންނަން މަސައްކަތްނުކުރާ ކަމަށާއި، އޭގެ ބަދަލުގައި އޭނާ ބޭނުންވަނީ މިހާރު ވެސް ޓީމު ކުޅެމުންއަންނަ ސްޓައިލް އިތުރަށް ފުރިހަމަކޮށް، މިހާރަށްވުރެ ކުޅުން ރަނގަޅު ކުރުމަށް ކަމަށެވެ.

މުބާރާތުގެ މިހާ ހިސާބަށްއައިއިރު ވަރުގަދަ ގިނަ ޓީމުތަކެއް ކަޓައިގެން ގޮސްފައިވާ ކަމަށާއި، އެހެންކަމުން ކުއާޓާ ފައިނަލަށް އާދެވުމުންވެސް ފަހުރުވެރިވާ ކަމަށް ޓުޗެލް ބުންޏެވެ.

ޓުޗެލްގެ ވާހަކަ ނިންމާލަމުން ބުނީ، މުބާރާތުގެ މިހާ ހިސާބަށް ދަތުރުކުރެވުނަސް އަދި ނިމުނީކީ ނޫން ކަމަށާއި، އަދިވެސް އިތުރު ކާމިޔާބީ ހާސިލްކުރަން ބޭނުންވާ ކަމަށެވެ. މުބާރާތުގެ ބްރެކެޓު އޮތްގޮތުން އަނެއް ފަޅީގައި ފްރާންސް ނުވަތަ ސްޕެއިން އޮތުމާއެކު އެފަދަ ވަރުގަދަ ޓީމަކާ ދެކޮޅަށް ކުޅެން ޖެހުމަކީ އިނގިރޭސީން ކުރިމަތިލާން ބޭނުންވާ ފަދަ ޗެލެންޖެއް ކަމަށް ޓުޗެލް ފާހަގަކުރިއެވެ.

މި މުބާރާތުގެ ކުއާޓާ ފައިނަލުގައި ނޯވޭއާ ދެކޮޅަށް އިންގްލެންޑް ކުޅޭ މެޗު ފަށާނީ ރާއްޖެގަޑިން މިރޭ މެންދަމު 2 ޖަހާއިރުއެވެ.

ކިޔުންތެރިންގެ ހިޔާލު