ENGLISH
11 ޖުލައި 2026
ދެކުނު އެފްރިކާގެ ކޯޗުގެ މަގާމުން ބްރޫސް ވަކިވެއްޖެ
10 ޖުލައި 2026
|
ދެކުނު އެފްރިކާގެ ކޯޗުގެ މަގާމުން ވަކިވި ހޫގޯ ބްރޫސް --- ފޮޓޯ: ރޮއިޓަސް
އެންމެ މަޤްބޫލު
ދެކުނު އެފްރިކާގެ ޤައުމީ ޓީމު ފުރަތަމަ ފަހަރަށް ފީފާ ވޯލްޑް ކަޕުގެ ނޮކްއައުޓް ބުރަށް ކޮލިފައިކޮށްދިނުމަށްފަހު، އެ ޓީމުގެ ކޯޗު ހޫގޯ ބްރޫސް މަގާމުން ވަކިވެއްޖެއެވެ.
މި ފަހަރުގެ މުބާރާތް ފެށުމުގެ ކުރިން އުމުރުން 74 އަހަރުގެ ބްރޫސް ބުނެފައިވަނީ އޭނާ ރިޓަޔާކުރަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް ޖޫން މަހުގެ 28 ގައި ކެނެޑާއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، މުބާރާތުން ވަކިވުމާ ގުޅިގެން އޭނާގެ ނިންމުމަށް ބަދަލެއް އަތުވެދާނެކަމުގެ އިޝާރާތެއް ކުރިން ދީފައިވެއެވެ.
އެކަމަކު އޭނާގެ އުފަން ޤައުމު ކަމަށްވާ ބެލްޖިއަމްގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ބްރޫސް ބުނީ ކޯޗެއްގެ ގޮތުގައި އިތުރަށް ކުރިއަށް ނުދާނެ ކަމަށާއި، އެއީ ބަދަލެއް ނުވާނެ ނިންމުމެއް ކަމަށެވެ. އެކަމަކު ޓީމަށް އެހީތެރިވުމުގެ ގޮތުން ކޮންސަލްޓަންޓެއް ނުވަތަ ސްކައުޓެއްގެ ދައުރު އަދާކުރުމުގެ ފުރުސަތު އޮތްކަން އޭނާ ފާހަގަކުރިއެވެ. "ދެން ފުޓްބޯޅައަކީ ދުވާލަކު 24 ގަޑިއިރު އަހަރެންގެ ދިރިއުޅުމުގެ ބައެއްގެ ގޮތުގައި އޮންނާނެ ކަމެއް ނޫން،" ބްރޫސް ބުންޏެވެ.
ބްރޫސް އިތުރަށް ބުނީ ދެކުނު އެފްރިކާގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސާ ވާހަކަދެކެވިފައިވާ ކަމަށާއި، އޭނާ މަގާމުގައި ބެހެއްޓުމަށް ރައީސް ބޭނުންފުޅުވާ ކަމަށެވެ. އެގޮތުން އެޑްވައިޒަރެއްގެ މަގާމު ފަދަ ކަމެއް ހުށަހަޅައިފިނަމަ އެކަމާ މެދު ވިސްނާނެ ކަމަށާއި، އަންނަ ޖުލައި މަހު އެނބުރި ދެކުނު އެފްރިކާއަށް ގޮސް ވަދާއީ ސަލާންކުރާނެ ކަމަށްވެސް އޭނާ ބުންޏެވެ.
ވޭތުވެދިޔަ ފަސް އަހަރު ދެކުނު އެފްރިކާގެ ކޯޗުކަން ކޮށްދިން ބްރޫސްއަކީ އެ ޤައުމުގައި އެންމެ ދިގު މުއްދަތަކަށް ކޯޗުކަން ކުރި ފަރާތެވެ. އަދި 16 އަހަރަށްފަހު އެ ޤައުމު ވޯލްޑް ކަޕަށް ކޮލިފައިކޮށްދިނީވެސް އޭނާގެ އިރުޝާދުގެ ދަށުންނެވެ.
މަގާމުން ވަކިވުމާ ގުޅޭގޮތުން ވާހަކަދައްކަމުން ބްރޫސް ބުނީ، އޭނާ ރިޓަޔާކުރުމުން އަނބިމީހާ އުފާވާ ކަމަށެވެ. ނަމަވެސް ގޭގައި އެއްވެސް މަސައްކަތެއް ނެތި ހުރުމުގެ ބަދަލުގައި، ކޮންމެ ދެ މަހަކުން އެއްފަހަރު ކަހަލަ ގޮތަކަށް މަދު ހަފުތާތަކަކަށް ދެކުނު އެފްރިކާއަށް ގޮސް މަސައްކަތް ކޮށްލުމަކީ އޭނާ ބޭނުންވާ ގޮތް ކަމަށް ބްރޫސް ހާމަކުރިއެވެ.