ENGLISH

11 ޖުލައި 2026

Advertisement

ހަތަރު އަހަރުގެ އެއްބަސްވުމެއްގެ ދަށުން ޕޯޗުގަލްގެ ކޯޗަކަށް ޖެސޫސް

10 ޖުލައި 2026

|

އިސްމާއިލް ޝާހު

ޕޯޗުގަލްގެ ކޯޗުގެ މަގާމަށް ހަމަޖެއްސި ޖޯޖޭ ޖެސޫސް --- ފޮޓޯ: ރޮއިޓަރސް

2030 ވަނަ އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕާ ހަމައަށް ޕޯޗުގަލްގެ ކޯޗުގެ މަގާމަށް ޖޯޖޭ ޖެސޫސް އައްޔަންކޮށްފިއެވެ. ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގައި އޭނާ ސޮއިކުރިއިރު، 2030 ވަނަ އަހަރުގެ ވޯލްޑް ކަޕަކީ ޕޯޗުގަލް އިސްވެ އޮވެ ބާއްވާ މުބާރާތެކެވެ.

މިފަހަރުގެ ވޯލްޑް ކަޕުގެ ގަދަ 16 އިން ޕޯޗުގަލް ކެޓީ ސްޕެއިން އަތުން 1-0 ގެ ނަތީޖާއަކުން ބަލިވުމުންނެވެ. އެއާއެކު، ޖެނުއަރީ 2023 އިން ފެށިގެން އެ މަގާމުގައި ހުރި ރޮބާޓޯ މާޓިނޭޒް ވަނީ މަގާމުން ވަކިވާނެކަން އިއުލާންކޮށްފައެވެ.

އުމުރުން 71 އަހަރުގެ ޖެސޫސްއަކީ ސައުދީ އަރަބިއްޔާގެ އަލް-ނަސްރުގައި ހޭދަކުރި އެއް އަހަރުގެ ތެރޭގައި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއާއެކު މަސައްކަތްކޮށް، މިދިޔަ ސީޒަނުގެ ސައުދީ ޕްރޯ ލީގު ކާމިޔާބުކޮށްފައިވާ ކޯޗެކެވެ.

މިދިޔަ ހޯމަ ދުވަހު ޕޯޗުގަލް މުބާރާތުން ކެޓުމާ އެކު، ރޮނާލްޑޯ ވަނީ މިއީ އޭނާގެ ފަހު ވޯލްޑް ކަޕުކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް ބައިނަލްއަގުވާމީ ފުޓްބޯޅައިން މުޅިން ރިޓަޔާކުރުމާ ބެހޭގޮތުން އޭނާ އަދި ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަމުން ޖެސޫސް ބުނީ، ފަސް ފަހަރު ބަލޮންޑޯ އެވޯޑު ހޯދާފައިވާ އުމުރުން 41 އަހަރުގެ ރޮނާލްޑޯއަކީ "ޕޯޗުގަލް ފުޓްބޯޅައިގެ ރަމްޒެއް" ކަމަށެވެ. ރޮނާލްޑޯ މިހާރު ކުޅެމުންދާ ނަސްރުގެ އެއްބަސްވުން ހަމަވަނީ 2027 ވަނަ އަހަރެވެ.

ޖެސޫސް އިތުރަށް ބުނި ގޮތުގައި، ރޮނާލްޑޯ ކުޅުން ހުއްޓާނުލާހާ ހިނދަކު އަދި ޓީމަށް ނެގޭ ފަދަ ފިޓްނަސްއެއްގައި ހުރި ނަމަ، ޤައުމީ ޓީމަށް އެންމެ ފައިދާހުރި ގޮތަށް ބަލައި އޭނާއަށް ފުރުސަތު ދޭނެ ކަމަށެވެ.

"އަދި ރޮނާލްޑޯއާ ވާހަކައެއް ނުދައްކަން. އޭނާއަކީ ދުވަހަކުވެސް ޤައުމީ ޓީމަށް ނުވަތަ އަހަންނަށް އޮތް މައްސަލައަކަށް ނުވާނެ. މިދިޔަ އަހަރު އޭނާއާއެކު މަސައްކަތް ކުރުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް. އޭނާއަކީ މަސައްކަތް ކުރަން ފަސޭހަ ކުޅުންތެރިއެއް،" ޖެސޫސް ބުންޏެވެ.

ޖެސޫސްގެ އިރުޝާދުގެ ދަށުން ޕޯޗުގަލް ކުޅޭ ފުރަތަމަ މެޗަކީ އަންނަ ސެޕްޓެމްބަރު 24 ގައި ޔުއެފާ ނޭޝަންސް ލީގުގައި ވޭލްސްއާ ދެކޮޅަށް ކުޅޭ މެޗެވެ. 2030 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވަނީ ޕޯޗުގަލް، ސްޕެއިން އަދި މޮރޮކޯ ގުޅިގެންނެވެ.

ޖެސޫސްއަކީ 2023/24 ވަނަ އަހަރުގެ ސީޒަނުގައި ސައުދީގެ އަލް-ހިލާލަށް ތިން ތަށި ހޯދައިދީ، އަދި މީގެ ކުރިން ޕޯޗުގަލްގެ ބެންފީކާގެ ކޯޗުކަމުގައި 2010، 2014 އަދި 2015 ވަނަ އަހަރު ލީގު ތަށި ކާމިޔާބުކޮށްފައިވާ ތަޖުރިބާކާރު ކޯޗެކެވެ. މީގެ އިތުރުން ބްރެޒިލްގެ ފްލެމެންގޯއާއެކު 2019 ވަނަ އަހަރު ބްރެޒިލް ލީގާއި، ކޮޕާ ލިބަޓަޑޯރެސް ހިމެނޭހެން ފަސް ބޮޑު މުބާރާތެއް އޭނާ ވަނީ ކާމިޔާބުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު