ENGLISH

11 ޖުލައި 2026

Advertisement

އިސްލާމީ އުންމަތަށް އުޒްބެކިސްތާނުން ދައްކައިދެނީ ރީތި ނަމޫނާއެއް: ވަޒީރު ޝަހީމް

10 ޖުލައި 2026

|

އަޙުމަދު ޙަމީދު

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު --

އުޒްބެކިސްތާނުގައި އަލަށް ފެށި އިސްލާމީ ސިވިލައިޒޭޝަންއާ ބެހޭ ބައިނަލްއަޤްވާމީ ފޯރަމަކީ މި ޒަމާނުގައި ދުނިޔެއަށް ދިމާވެފައިވާ އެކި މައްސަލަތަކާ މެދު ވާހަކަދެއްކުމަށް ލިބުނު އަގުހުރި ފުރުސަތެއް ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެ އެވެ.

އެ ޤައުމުގެ މީޑިއާއަކަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ވަޒީރު ވިދާޅުވި ގޮތުގައި، އިސްލާމީ އުންމަތަށް އުޒްބެކިސްތާނުން ދައްކައިދެނީ ރީތި ނަމޫނާއެކެވެ. އެ ޤައުމުގެ މުއްސަނދި ތާރީޚީ ތަރިކަ ރައްކާތެރިކުރުމަށާއި އިސްލާމީ ތާރީޚު އާލާކުރުމަށް އެ ޤައުމުން ކުރަމުންދާ މަސައްކަތްތައް ވަޒީރު ފާހަގަކުރެއްވި އެވެ. އަދި މި ފޯރަމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޢިލްމުވެރިންނާއި ފިކުރުވެރިން އެއްތަންވެ، މިއަދުގެ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މަޝްވަރާކުރުމަށް ހުޅުވުނު މުހިންމު ދޮރެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވި އެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ދިވެހިރާއްޖެއަކީ އަބަދުވެސް ދީނީ ހަރުކަށި ފިކުރާއި، ތަކްފީރުކުރުމާއި، ޓެރަރިޒަމާ ދެކޮޅަށް ސާބިތުކަމާއެކު ދެމިއޮތް ޤައުމެއްކަމަށާއި އަދި އުޒްބެކިސްތާނުގެ އަޚުންނާއި އުޚުތުންނަށް، އިސްލާމްދީނުގެ މެދުމިންގަނޑުގެ މަގުގައި ސާބިތުވެ ތިއްބެވުމަށް ބާރުއަޅުއްވާ ކަމަށެވެ. އަދި އެއީ ކެތްތެރިކަމާއި، ހަމަހަމަކަމާއި، އަދި ދީނުގައި ހައްދުފަހަނަޅައިދިއުމުން ދުރުހެލިވުމަށް ގޮވާލާ މަގުކަމަށްވެސް ވަޒީރު ފާހަގަކުރެއްވި އެވެ.

ވަޒީރުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، އަޅުގަނޑުމެންނަކީ ހެޔޮކަމާއި، ސުލްޙައާއި، އޯގާތެރިކަމަށް ގޮވާލާ އުންމަތެއްކަމަށާއި އިސްލާމްދީނަކީ ސުލްޙައިގެ ދީންކަމަށާއި އެހެންކަމުން، މުސްލިމުންގެ ހައިސިއްޔަތުން، ހަރުކަށި ފިކުރާއި، ދީނީ ގޮތުން ހައްދުފަހަނަޅައިދިއުމާއި، ޓެރަރިޒަމާ ދެކޮޅަށް އަޅުގަނޑުމެން އެކަތިގަނޑަކަށް ވާންޖެހޭ ކަމަށެވެ. އަދި ޓެރަރިޒަމަކީ އިސްލާމްދީނުގައި ކަނޑައެޅިގެން ޙަރާމްކުރައްވާފައިވާ ކަމެއްކަން ވަޒީރު ފާހަގަކުރެއްވި އެވެ.

އުޒްބެކިސްތާނަކީ ޢިލްމާއި ޙިކުމަތުގެ ގޮތުން ފާހަގަކޮށްލެވޭ ތާރީޚެއް އޮތް ތަނެއްކަން ފާހަގަކުރައްވަމުން، ރާއްޖެއާއި އުޒްބެކިސްތާނަކީވެސް އިސްލާމީ އުންމަތުގެ ބައެއްގެ އިތުރުން އޯއައިސީގެ މެންބަރު ދެ ޤައުމުކަން ވަޒީރު ހަނދާންކޮށްދެއްވި އެވެ.

މީގެއިތުރުން، އުޒްބެކިސްތާނުގެ ގިނަ އަދަދެއްގެ ޒުވާނުންނާއި ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާކަން ފާހަގަކުރައްވައި، ރާއްޖެއަކީ ފަތުރުވެރިކަމަށް މަޝްހޫރު ޤައުމަކަށްވާއިރު، ބޭރުގެ މެހެމާނުންނަށް މަރުޙަބާ ކިއުމަކީ ދިވެހިންނަށް ލިބޭ ބޮޑު އުފަލެއް ކަމަށް ވިދާޅުވި އެވެ.

އުޒްބެކިސްތާނުގެ ޤުދުރަތީ ރީތިކަމާއި ތާރީޚީ މުއްސަނދިކަމަށް ތަޢުރީފު ކުރައްވަމުން، އެ ޤައުމުގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމުގައި ދިވެހިރާއްޖޭގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަންވެސް ވަޒީރު ޑރ. ޝަހީމް ދެއްވި އެވެ.

ކިޔުންތެރިންގެ ހިޔާލު