ENGLISH

11 ޖުލައި 2026

Advertisement

ލިވަޕޫލްގެ ސީއީއޯ އޮފް ފުޓްބޯލްގެ މަގާމުން އެޑްވާޑްސް ވަކިވެއްޖެ

10 ޖުލައި 2026

|

އިސްމާއިލް ޝާހު

ލިވަޕޫލްގެ ވެރިން ކަމަށްވާ އެފްއެސްޖީގެ ސީއީއޯ އޮފް ފުޓްބޯލްގެ މަގާމުން ވަކިވި މައިކަލް އެޑްވާޑްސް --- ފޮޓޯ: ގެޓީ

ލިވަޕޫލްގެ ވެރިން ކަމަށްވާ ފެންވޭ ސްޕޯޓްސް ގްރޫޕް (އެފްއެސްޖީ) ގެ ޗީފް އެގްޒެކެޓިވް އޮފް ފުޓްބޯލްގެ މަގާމުން މައިކަލް އެޑްވާޑްސް ވަކިވެއްޖެއެވެ.

އެފްއެސްޖީން ބުނި ގޮތުގައި އެޑްވާޑްސްގެ ވަކިވުމަކީ "މުހިންމު ލަނޑުދަނޑިތަކެއް ހާސިލުވުމުން، ކުރިންވެސް ރޭވިފައިވާ ބަދަލެއް" ކަމަށެވެ. ނަމަވެސް އެ ގްރޫޕުގެ ރައީސް މައިކް ގޯޑަން ވިދާޅުވީ އޭނާ މަގާމުން ވަކިވުމަކީ ވެރިންނަށް ލިބުނު މާޔޫސްކަމެއް ކަމަށެވެ.

އެޑްވާޑްސް މަގާމުން ވަކިވީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައި، ދެ އަހަރު ފުރިހަމަކުރުމަށްފަހުގައެވެ. އޭނާ ދެވަނަ ފަހަރަށް ލިވަޕޫލާ ގުޅުނީ 2024 ވަނަ އަހަރުގެ މާރިޗު މަހުގައެވެ. އެއީ ޔާގަން ކްލޮޕުގެ ދައުރަށްފަހު ކުލަބަށް އަންނަ ބަދަލުތައް މެނޭޖުކުރުމަށް އެފްއެސްޖީން އޭނާ އައްޔަނުކުރި ހިސާބުންނެވެ.

މިކަމާ ގުޅިގެން އެޑްވާޑްސް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ލިވަޕޫލަކީ މިހާރުވެސް ވަރުގަދަ އަސާސްތަކެއްގެ މައްޗަށް ބިނާވެފައިވާ، ކުރިއަށްދާނެ ސާފު މިސްރާބެއް އޮތް ކުލަބެއް ކަމަށެވެ. އަދި އޭނާ އެނބުރި އައީ ހަމައެކަނި ލިވަޕޫލްގެ ބަދަލުތަކުގައި އެހީތެރިވުމަށް ނޫން ކަމަށާއި، އެފްއެސްޖީގެ ފުޓްބޯޅަ އަމާޒުތައް ބައްޓަންކުރުމުގެ ފުރުސަތު އޮތުމުން ކަމަށްވެސް އޭނާ ފާހަގަކުރިއެވެ. މީގެ އިތުރުން ބައެއް ކަންކަން އެންމެ ފުރަތަމަ ރޭވި ގޮތަށް ނުދިޔަ ނަމަވެސް، މުސްތަގުބަލަށްޓަކައި އޭނާގެ ޓީމުން ކުރި މަސައްކަތްތަކާ މެދު ފަޚުރުވެރިވާ ކަމަށްވެސް ބުންޏެވެ.

މިދިޔަ ސީޒަނަށްފަހު ލިވަޕޫލްގެ ތަރި މުޙައްމަދު ސަލާހު ކުލަބު ދޫކޮށްލާފައިވާތީ، އޭނާގެ ބަދަލުގައި އެ ފެންވަރުގެ ކުޅުންތެރިއަކު ހޯދުމަކީ އައު ސީޒަނުގައި ލިވަޕޫލަށް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމެވެ. މީގެ އިތުރުން ކުލަބުގެ ސްޕޯޓިންގ ޑައިރެކްޓަރ ރިޗަޑް ހިއުސްވެސް މަގާމުން ވަކިވެދާނެ ކަމުގެ އަޑުތައް ވަނީ ގަދަވެފައެވެ.

އެޑްވާޑްސް އެންމެ ފުރަތަމަ ލިވަޕޫލާ ގުޅުނީ 2011 ވަނަ އަހަރެވެ. އަދި 2016 ގައި ސްޕޯޓިންގ ޑައިރެކްޓަރުގެ މަގާމަށް އޭނާ އައްޔަނުކުރެވުނެވެ. 2022 ވަނަ އަހަރު ކުލަބު ދޫކޮށްލުމުގެ ކުރިން އޭނާ ވަނީ ޓްރާންސްފާ ބާޒާރުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދައިދީފައެވެ. އޭނާގެ ދައުރުގައި ކުލަބަށް ގެނައި ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި ސަލާހު، ރޮބާޓޯ ފިރްމީނޯ، ސަޑިއޯ މާނޭ، އެންޑީ ރޮބަޓްސަން އަދި ވާޖިލް ވެން ޑައިކް ހިމެނެއެވެ. މި ކުޅުންތެރިންނަކީ 2020 ވަނަ އަހަރު ލިވަޕޫލުން 30 އަހަރަށްފަހު ލީގު ތަށި އުފުލާލުމުގައި މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިންނެވެ.

ކްލޮޕުގެ ބަދަލުގައި އައި އާނޭ ސްލޮޓް ވަނީ 2024/25 ވަނަ އަހަރުގެ ސީޒަނުގައި ޕްރިމިއާ ލީގު ކާމިޔާބުކޮށްދީފައެވެ. ނަމަވެސް މިދިޔަ ސީޒަނުގައި ނަތީޖާތައް ދަށްވުމުގެ ސަބަބުން، އޭނާގެ ބަދަލުގައި މިހާރު ވަނީ އެންޑޯނީ އިރައޯލާ ހަމަޖައްސާފައެވެ.

ކިޔުންތެރިންގެ ހިޔާލު