ENGLISH
10 ޖުލައި 2026
ޔޫތު ޗެމްޕިއަންޝިޕް: ކެޔޮދޫ ބަލިކޮށް މާޒިޔާ އަލުން އެއްވަނައަށް
10 ޖުލައި 2026
|
ޔޫތު ޗެމްޕިއަންޝިޕުގައި މާޒިޔާ އާއި ކެޔޮދޫ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: މާޒިޔާ
އެންމެ މަޤްބޫލު
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް 2026 ގައި ކެޔޮދޫ ބަލިކޮށް، ތާވަލުގެ އެއްވަނައަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަލުން ޖެހިލައިފިއެވެ.
މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕުގައި ހަ ޓީމެއް ވާދަކުރާއިރު، އެ ޓީމުތަކަކީ ކެޔޮދޫ އާއި، މާޒިޔާގެ އިތުރުން ޓީސީ ސްޕޯޓްސް ކުލަބާއި، އޮޑި ސްޕޯޓްސް ކުލަބާއި، ބުރު ސްޕޯޓްސް ކުލަބު އަދި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބެވެ. ލީގު އުސޫލުން މުބާރާތުގެ ކުޅުން ކުރިއަށްދާއިރު، ފައިނަލަށް ދަތުރުކުރާނީ ލީގު ބުރު ނިމޭއިރު އެންމެ ކުރީގައި އޮންނަ ދެ ޓީމެވެ.
ޤައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ކުޅުނު މެޗުން މާޒިޔާ މޮޅުވީ ކެޔޮދޫ އަތުން ފަސޭހަކަމާއެކު 7-0 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި މާޒިޔާގެ ކެޕްޓަން މުޙައްމަދު އިލާން އިމްރާން ހަތަރު ލަނޑު ޖެހިއިރު، މިހާތަނަށް މި މުބާރާތުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗެއްގައި އޭނާ ވަނީ ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ. މި މެޗުގައި މާޒިޔާގެ އަނެއް ލަނޑުތައް ޖަހައިދިނީ އަނޫފް ޢަބްދުالله އާއި، ނައްސާހު އިބްރާހީމް ނާސިރު އަދި ނަހީކު އަޙްމަދު ނިޔާޒެވެ.
މި މޮޅާއެކު ތާވަލުގެ އެއްވަނައަށް މާޒިޔާ އަލުން ޖެހިލީ ކުޅުނު ހަތަރު މެޗުން ލިބުނު 10 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް އޮޑި ސްޕޯޓްސްއަށްވެސް ހަތަރު މެޗުން 10 ޕޮއިންޓް ލިބިފައިވާއިރު، މާޒިޔާއަށް ކުރި ލިބެނީ ފައިދާ ލަނޑުގެ ތަފާތުންނެވެ. އަދި މިއަދުގެ މެޗުން ބަލިވި ކެޔޮދޫ އޮތީ ތާވަލުގެ ފުލުން ދެވަނައިގައި ކުޅުނު ހަތަރު މެޗުން ލިބުނު ތިން ޕޮއިންޓާއެކުއެވެ.
މި މުބާރާތުގެ ލީގު ބުރުގެ ފަހު މެޗުތައް ކުޅޭނީ އަންނަ ހޯމަ އަދި އަންގާރަ ދުވަހެވެ. ހޯމަ ދުވަހުގެ ހަވީރު ކުޅޭ މެޗުގައި ބުރު ސްޕޯޓްސް އާއި ނިއު ރޭޑިއަންޓް ބައްދަލުކުރާއިރު، އެ ރޭ ކުޅޭ މެޗުގައި ކެޔޮދޫ ނުކުންނާނީ ޓީސީއާ ދެކޮޅަށެވެ. އަދި އަންގާރަ ދުވަހުގެ ހަވީރު ކުޅޭ މެޗުގައި އޮޑި ސްޕޯޓްސް ނުކުންނާނީ މާޒިޔާއާ ދެކޮޅަށެވެ.