ENGLISH

10 ޖުލައި 2026

Advertisement

ސްޕެއިން ބަލިކޮށް، ހައިރާންކަން ގެނެވިދާނެ ކަމަށް ބެލްޖިއަމުން ގަބޫލުކުރޭ

10 ޖުލައި 2026

|

މުޙައްމަދު އަދުހަމް

ނޫސްވެރިންގެ ބައްދަލުވުމުގައި ބެލްޖިއަމްގެ ކޯޗު ގާސިއާ ވާހަކަ ދައްކަނީ -- ފޮޓޯ: ރޮއިޓަރސް

ފީފާ ވޯލްޑް ކަޕް 2026 ގެ ކުއާޓާ ފައިނަލުގައި މިރޭ ސްޕެއިނާ ދެކޮޅަށް ކުޅޭ މެޗުގައި ބެލްޖިއަމުން ހައިރާންކަން ގެނެސްދީ ބަލިކުރުމުގެ ގާބިލްކަން ލިބިފައިވާ ކަމަށް އެ ޓީމުގެ ކޯޗު، ރުޑީ ގާސިއާ ބުނެފިއެވެ.

މެޗުގެ ކުރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބެލްޖިއަމްގެ ކޯޗު، ގާސިއާ ބުނީ، ސްޕެއިން ޓީމު ބަލިކުރެވޭ ވަރުގެ އެޓޭކިންގ ކުޅުންތެރިން އޭނާގެ ޓީމުގައި އެބަތިބި ކަމަށާއި، އެކަމަށް ބޭނުންވާ އިތުބާރުވެސް އެބައޮތް ކަމަށެވެ.

"އަހަރެމެން މި ކުޅެނީ މުބާރާތުގެ އެންމެ ވަރުގަދަ އެއް ޓީމާ ދެކޮޅަށްކަން އެނގޭ. ސްޕެއިނަކީ ބޯޅަ ހިފަހައްޓައިގެން ކުޅުމުގައި ދުނިޔޭގެ އެންމެ މޮޅު ޓީމު، އަދި ފާއިތުވި 15 ނުވަތަ 20 އަހަރު ވަންދެން އެމީހުން ކުޅެމުން އަންނަނީ ވަކި ހާއްސަ ސްޓައިލަކަށް." ގާސިއާ ބުންޏެވެ.

ގާސިއާ ބުނީ، އޭނާގެ ބެލްޖިއަމް ޓީމަކީ ވެސް މޮޅު ޓީމެއް ކަމަށާއި، މިހާތަނަށްއައިއިރު މި ފަހަރުގެ ވޯލްޑް ކަޕުގައި ތިންވަނަ އަށް އެންމެ ގިނައިން ލަނޑުޖަހާފައިވަނީ ބެލްޖިއަމްކަން އޭނާ ފާހަގަކުރިއެވެ. މުބާރާތުގައި އެންމެ ގިނައިން ގޯލުޖެހުމުގެ ފުރުސަތު ތަނަވަސްކުރާ ޓީމު ކަމަށްވާ، ސްޕެއިނާ ދެކޮޅަށް ކުޅޭ މި މެޗު ކާމިޔާބުކުރެވިދާނެ ކަމަށް ގަބޫލުކުރާ ކަމަށްވެސް ގާސިއާ ބުންޏެވެ.

ސްޕެއިނަކީ މުބާރާތް ކާމިޔާބުކުރާނެ ކަމަށް އެންމެ ބޮޑަށް ބެލެވުނު އެއް ޓީމެވެ. މުބާރާތުގެ ކުރީކޮޅު އެ ޓީމުގެ ކުޅުން ކުޑަކޮށް ދަށްވި ނަމަވެސް، ގަދަ 32 ޓީމުގެ ބުރުގައި އޮސްޓްރިއާ އަތުން 3-0 އިން މޮޅުވެ، އެ ޓީމުން ވަނީ އަސްލު ކުޅުމާ ގާތްކުރާވަރުގެ ރަނގަޅު ކުޅުމެއް އެ މެޗުގައި ދައްކައިފައެވެ. އެއަށްފަހު، މުބާރާތުގެ ގަދަ 16 ޓީމުގެ ބުރުގައި ވަރުގަދަ ކުރިމަތިލުމެއްގައި ޕޯޗުގަލް އަތުން މޮޅުވީ 1-0 އިންނެވެ.

ބެލްޖިއަމް ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން -- ފޮޓޯ: ރޮއިޓަރސް

ސްޕެއިނާ ދެކޮޅަށް ކުޅޭ މެޗާ ގުޅޭގޮތުން ބެލްޖިއަމްގެ ފޯވާޑް، ރޮމެލޫ ލުކާކޫ ބުނީ، ތަފާތު މޮޅު ކުޅުމެއް ކުޅެގެން ނޫން ގޮތަކަށް ސްޕެއިނުގެ މައްޗަށް ކުރިނުހޯދޭނެ ކަމަށެވެ.

"މިހާ ހިސާބަށް އާދެވުމުން އެއްވެސް ބަޔަކު ބަލިވެގެން އެނބުރި ގައުމަށްދާކަށް ބޭނުމެއް ނުވާނެ،" ލުކާކޫ ބުންޏެވެ.

ލުކާކޫ ބުނީ، ސްޕެއިނަކީ ވަރަށް މޮޅު ޓީމެއް ކަމަށާއި، އެ ޓީމުގައި ހަލުއި ކުޅުންތެރިން އެބަތިބި ކަމަށެވެ. އަދި، ސްޕެއިނާ ދެކޮޅަށް ކުޅުމަށް ބެލްޖިއަމް ޓީމުން އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށާއި، އެ ޓީމަށް އުނދަގޫތައް ކުރިމަތިކުރުމުގެ ގާބިލްކަން ލިބިފައިވާ ހުނަރުވެރި ކުޅުންތެރިންވެސް އޭނާގެ ޓީމުގައި އެބަތިބި ކަމަށް ލުކާކޫ ބުންޏެވެ.

ބެލްޖިއަމް ޓީމުގައި ލުކާކޫގެ ދައުރާ ގުޅޭގޮތުން ބުނީ، މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ކޯޗު ގާސިއާ އާއެކު އެކަމާ ގުޅޭ މަޝްވަރާތަކެއް ކޮށްފައިވާ ކަމަށެވެ. އަމިއްލަ ކާމިޔާބީއަށްވުރެ ބޮޑަށް ޓީމަށް އެހީތެރިވުމަށް އިސްކަންދޭން ބޭނުންވާކަން ލުކާކޫ ފާހަގަކުރިއެވެ.

މުބާރާތުގައި ބެލްޖިއަމަށް ލަނޑުޖަހައިދިނުމަށްފަހު ލުކާކޫ އުފާ ފާޅުކުރަނީ -- ފޮޓޯ: އޭޕީ

"އަހަރެންގެ ހުރިހާ ވިސްނުމެއް އޮތީ ޓީމަށް އެހީވުމަށް.... ދަނޑުމަތީގައި އާއި ދަނޑު ބޭރުގައިވެސް އެގޮތަށް މަސައްކަތް މިކުރަނީ،" ލުކާކޫ ބުންޏެވެ.

ގާސިއާ ވަނީ، މުބާރާތުގެ ގަދަ 16 ގެ ބުރުގައި އެމެރިކާގެ މައްޗަށް ހޯދީ އުނދަގޫ މޮޅާ ގުޅޭގޮތުން ވާހަކަ ދައްކާފައެވެ. އޭނާ ބުނީ، އެމެރިކާގެ ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގައި އެ ޓީމު ބަލިކުރުމަށްޓަކައި ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ. އެހެންކަމުން، ދަނޑުގައި ތިބޭ ސަޕޯޓަރުންގެ ކިބައިން ކުރިމަތިވެދާނެ އުނދަގޫތަކާ މެދު ބެލްޖިއަމް ޓީމުން ފަހަތަށްޖެހި، ކަންބޮޑުނުވާނެކަން އޭނާ ފާހަގަކުރިއެވެ.

ގާސިއާގެ ވާހަކަ ނިންމާލަމުން ބުނީ، ސްޕެއިނަކީ މޮޅު ޓީމަކަށްވުމާއެކު އޭނާގެ ޓީމުން ފުރިހަމައަށް ތައްޔާރުވާން ޖެހޭ ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި، އެ ޓީމު އަތުން ބެލްޖިއަމަށް މޮޅުވުމުގެ ފުރުސަތު ކިތަންމެ ކުޑަކަމަށްވިޔަސް ރަނގަޅު ފައިޓެއްދޭނެ ކަމަށް އޭނާ ބުންޏެވެ.

މުބާރާތުގެ ކުއާޓާ ފައިނަލުގައި ސްޕެއިނާ ދެކޮޅަށް ބެލްޖިއަމް ކުޅޭ މެޗު ފަށާނީ ރާއްޖެގަޑިން މިރޭ މެންދަމު 12 ޖަހާއިރުއެވެ.

ކިޔުންތެރިންގެ ހިޔާލު