ENGLISH
10 ޖުލައި 2026
ރަތް ކާޑާ ގުޅިގެން ކުއަންސާ ދެ މެޗަށް ސަސްޕެންޑްކޮށްފި
10 ޖުލައި 2026
|
އިންގްލެންޑުގެ ޑިފެންޑަރު ޖަރެލް ކުއަންސާ --- ފޮޓޯ: ގެޓީ
އެންމެ މަޤްބޫލު
ފީފާ ވޯލްޑް ކަޕް 2026 ގެ ގަދަ 16 ގެ ގައި މެކްސިކޯއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އިންގްލެންޑުގެ ޑިފެންޑަރު ޖަރެލް ކުއަންސާ ދެ މެޗަށް ސަސްޕެންޑް ކޮށްފިއެވެ.
މި ސަސްޕެންޝަންގެ ސަބަބުން، ހޮނިހިރު ދުވަހުގެރޭ އެމެރިކާގެ މަޔާމީގައި ނޯވޭއާ ދެކޮޅަށް ކުޅޭ ކުއާޓާ ފައިނަލް މެޗާއި، އިންގްލެންޑް ކުރިއަށް ދަތުރުކޮށްފިނަމަ ސެމީ ފައިނަލް މެޗުވެސް ކުއަންސާއަށް ގެއްލޭނެއެވެ. ކުއަންސާއަށް ރަތް ކާޑު ދެއްކީ ވީޑިއޯ ރިވިއު ބެލުމަށްފަހު، އޭނާ ކުރި ނުރައްކާތެރި ޓެކުލް އަކާ ގުޅިގެންނެވެ.
ޖޫޑް ބެލިންހަމްގެ ދެ ލަނޑާއި، ހެރީ ކޭން ކާމިޔާބުކުރި ޕެނަލްޓީއާއެކު، 10 ކުޅުންތެރިންނާއެކު ކުޅުނު އިންގްލެންޑުން ވަނީ މެކްސިކޯގެ މައްޗަށް 3-2 ގެ ނަތީޖާއަކުން ކުރިހޯދައި ކުއާޓާ ފައިނަލުން ޖާގަ ހޯދާފައެވެ.
މުބާރާތުގެ ކުރީކޮޅު އެމެރިކާގެ ފޯވާޑް ފޮލަރިން ބަލޮގަންގެ ސަސްޕެންޝަން ފީފާއިން ލުއދީފައިވާތީ، އިންގްލެންޑުންވެސް ދިޔައީ ކުއަންސާގެ މައްސަލަ އިސްތިއުނާފުކުރުމާ މެދު ވިސްނަމުންނެވެ. ނަމަވެސް މިހާރު އޮތް ގޮތުން، ކުއަންސާއަށް ދެން ކުޅުމުގެ ފުރުސަތު ލިބޭނީ އިންގްލެންޑް މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފި ނަމައެވެ.
މިއީ މުބާރާތުގައި ކުރިއަށް ދިއުމަށް މަސައްކަތްކުރާ ކޯޗު ތޯމަސް ޓުޗެލްގެ ޓީމަށް ލިބުނު ބޮޑު ނުތަނަވަސްކަމެކެވެ. ވަކިން ޚައްސަކޮށް ޓީމުގެ ޑިފެންޑަރުންނަށް ދިމާވެފައިވާ އަނިޔާގެ މައްސަލަތަކާ ހުރެ މިއީ އިތުރު ގޮންޖެހުމެކެވެ.
އިންގްލެންޑުގެ މިޑްފީލްޑަރު ޖޯޑަން ހެންޑަސަންގެ ވައަތު އަތްތިލައަށް ލިބުނު އަނިޔާއަކާ ގުޅިގެން ވަނީ އޮޕަރޭޝަނެއް ކޮށްފައެވެ. އޭނާއަށް މި އަނިޔާ ލިބުނީ މެކްސިކޯ މެޗުގެ މޮޅުވުން ފާހަގަކުރުމުގެ ތެރޭގައި އިޝްތިހާރު ބޯޑެއްގައި އަޅައިގަނެގެން ވެއްޓުމުގެ ސަބަބުންނެވެ. އޭނާ މިހާރު ކެންސަސް ސިޓީގައި ހުރި ޓީމުގެ ކޭމްޕާ ގުޅިފައިވީ ނަމަވެސް، މުބާރާތުގެ ބާކީ ބައިގައި އޭނާއަށް ނުކުޅެވޭނެކަން ވަނީ ކަށަވަރުވެފައެވެ.