ENGLISH

21 އޭޕްރީލު 2025

Advertisement

ރޭގެ އެކްސިޑެންޓުގައި ފުލުހުންގެ އުޅަނދު ދުއްވި އޮފިސަރުގެ އިހުމާލެއް ވޭތޯ ދަނީ ބަލަމުން: ފުލުހުން

27 ޑިސެމްބަރު 2024

|

ޢަލީ ޝާހީން

ހުޅުމާލޭ ފޭސް 2 ގެ ނިރޮޅުމަގުގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓް ހިނގުމުގައި ފުލުހުންގެ އުޅަނދު ދުއްވި އޮފިސަރުގެ އެއްވެސް އިހުމާލެއް ވޭތޯ ތަޙުޤީޤުގެ ތެރެއިން ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. 

މި އެކްސޑެންޓާ ގުޅިގެން ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، 2024 ޑިސެންބަރު 26 ވަނަ ދުވަހުގެ ރޭ 01:50 ގައޮ ހުޅުމާލޭ ފޭސް 2، ގުލްއަލާމަގުން އިރުން ހުޅަނގަށް ނިރޮޅު މަގު ހުރަސްކުރަމުންދިޔަ ފުލުހުންގެ އުޅަނދެއްގައި، ނިރޮޅު މަގުން އުތުރުން ދެކުނަށް ބާރު ދުވެލީގައި ދުއްވާފައި އައި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި ހިމެނޭ ސައިކަލު ދުއްވި މީހާއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ.

މި ހާދިސާގައި އަނިޔާވި މީހާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު، ހާލަތު ސީރިއަސްވުމާ ގުޅިގެން މިހާރު ފަރުވާ ދެމުންދަނީ އައި.ޖީ.އެމް. ހޮސްޕިޓަލުގައެވެ. އަދި މި ވަގުތު އޭނާއަށް ވެންޓިލޭޓަރުގެ އެހީގައި ފަރުވާ ދެމުންދާކަމަށް އައި.ޖީ.އެމް. ހޮސްޕިޓަލުން މައުލޫމާތު ދެއްވާފައިވާ ކަމަށް ފުލުހުންގެ ބަޔާނުގައިވެއެވެ.

މި އެކްސިޑެންޓްގައި ހިމެނޭ ސައިކަލު ދުއްވާފައި ވަނީ އެއްގަމު ދަތުރުފަތުރު ކުރުމުގެ ޤާނޫނާ ޚިލާފުވެގެން އެ ޤާނޫނުގެ ދަށުން ޑިސެންބަރު 21 ވަނަ ދުވަހު ލައިސަންސް ހިފަހައްޓާފައިވާ މީހެއް ކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ. 

މީގެ އިތުރުން ފުލުހުން ވިދާޅުވީ، މިފަދަ ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުމަކީ ދިވެހި ފުލުހުންގެ ޚިދުމަތުން ނުހަނު ކަންބޮޑުވާ އަދި ހިތާމަކުރާ ކަމެއް ކަމަށެވެ. އަދި އެފަދަ އެކްސިޑެންޓްތައް ހުއްޓުވުމަށާއި މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް، ގިނަ ވަސީލަތްތަކެއް ބޭނުންކޮށްގެން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާކަން ވެސް ފުލުހުން ފާހަގަކުރައްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު