ENGLISH

08 ޖުލައި 2026

Advertisement

ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ޚާރިޖީ ވުޒާރާއާ ހަމައަށް ތާރުއަޅަައި ނިންމާލައިފި

08 ޖުލައި 2026

|

އާމިނަތު ނުޒްލާ

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތްތައް ކުރިއަށްދަނީ. ފޮޓޯ: އެމްޓީސީސީ

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ޚާރިޖީ ވުޒާރާއާ ހަމައަށް ތާރުއަޅައި ނިންމާލައިފިއެވެ.

އެމްޓީސީސީން މައުލޫމާތު ދިން ގޮތުގައި ފުތަރަމަ ފިޔަވަހީގެ ސެގްމަންޓް ހަތަރެއް އަދި ފަހެއްގައި ތާރު އަޅަން ފަށާފައިވަނީ ރެއެވެ. ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ، މިހާރު ކުރަމުންދަނީ ފުރަތަމަ ފިޔަވަހީގައި ހިމެނޭ ފަސް ސެގްމަންޓެއްގެ މަސައްކަތެވެ. އެއީ، ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް އޮންނަ ސަރަހައްދެވެ. މި މަޝްރޫއުގެ ދަށުން މިއަދު ހެނދުނާ ހަމައަށް  ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ޚާރިޖީ ވުޒާރާއާ ހަމައަށް ތާރު އަޅައި ނިންމާލާފައިވެއެވެ.

އިތުރަށް އެމްޓީސީސީން ބުނި ގޮތުގައި ޚާރިޖީ ވުޒާރާއިން ފެށިގެން ރަސްމީ ފާލަމާ ހަމައަށް އޮންނަ ސަރަޙައްދުގައި ތާރު އެޅުމުގެ މަސައްކަތް އަންނަ ހަފުތާ ތެރޭ ފަށާނެއެވެ. އަދި މަގު ހުޅުވާލުމަށް ނިންމާފައިވަނީ އެއްކޮށް ތާރުއަޅައި ނިންމުމަށްފަހު ކަމަށްވެސް އެމްޓީސީސީން ބުންޏެވެ.

އެކި ސަބަބުތަކާހުރެ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތް ނިންމުމަށް ކަނޑައެޅި ތާރީޚަށް ބަދަލުތަކެއް އައި ނަމަވެސް، މިހާރު މުޅި މަޝްރޫޢު ޖުލައި 26 އަށް އެއްކޮށް ނިންމާލެވޭނެ ކަމަށް އެކުންފުނިން ބުނެފައިވެއެވެ.

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތްތައް ކުރިއަށްދަނީ. ފޮޓޯ: އެމްޓީސީސީ

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މި ސަރަޙައްދުވެސް ފަރުމާކޮށްފައިވަނީ މަގުގެ ޖާގަ ބޮޑު ކުރުމަށްޓަކައި މަގު އިތުރަށް ފުޅާކުރާ ގޮތަށެވެ. އެ މަސައްކަތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ، ކުރިން ނިމުނު ދެ ސެގްމެންޓުވެސް ކުރިޔަށްގެންދިއަ ފަރުމާއަށެވެ. މަގުގެ މިހާރު ހަދަމުންދާ ސަރަހައްދު ނިމޭއިރު ޕާކުކުރެވޭނެ ބޮޑު ސަރަހައްދެއް ހަމަޖެހިގެންދާނެއެވެ.

ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ މަސައްކަތް ފަށައި މިހާތަނަށް ވަނީ ދެ ސެގްމަންޓުގެ މަސައްކަތް ނިންމައި އާއްމުންނަށް ހުޅުވާލާފައެވެ. އެއީ، ރަސްމީ ފާލަން ހިމެނޭ އެމްއެމްއޭ ސަރަޙައްދާއި ކާރުބާރޫ ބޮޑު މާރުކޭޓު ސަރަޙައްދެވެ. މި ދެ ސަރަޙައްދު ހުޅުވާލުމުން ބޮޑެތި ލުއިތަކެއް ވަނީ ލިބިގެންގޮސްފައެވެ.

މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް 22 ގައެވެ. ސެގްމަންޓުތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން 830 މީޓަރުގެ މަގެއް ހަދާއިރު، އޭގެ ތެރެއިން 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް ކުރުމުގެ މަސައްކަތް ކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު