ENGLISH
08 ޖުލައި 2026
ފަރެސްމާތޮޑާ ބަނދަރާއި ދޯނި އެހެލާ ސަރަހައްދު ތަރައްޤީކުރުމުގެ މަޝްރޫޢު ހުއްޓުމެއް ނެތި ކުރިއަށް
08 ޖުލައި 2026
|
ފަރެސްމާތޮޑާ ބަނދަރާއި ދޯނި އެހެލާ ސަރަހައްދު ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން - ފޮޓޯ: އެމްޓީސީސީ
އެންމެ މަޤްބޫލު
ގދ. ފަރެސްމާތޮޑާ ބަނދަރު ތަރައްޤީކުރުމާއި އުޅަނދުފަހަރު އެހެލާ ސަރަޙައްދު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރަމުން އަންނަކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީން މައުލޫމާތު ދިން ގޮތުގައި މިހާރު ކުރިއަށްދަނީ އައު ބަނދަރުގެ ފަޅު ފުންކުރުމުގެ މަސައްކަތާއި، ބޭރުތޮށީގެ ރިވެޓްމަންޓް ޖެހުމަށްޓަކައި ބޭނުންވާ ސަރަޙައްދުތައް ކޮނުމުގެ މަސައްކަތްތަކެވެ.
ފަރެސްމާތޮޑާ ބަނދަރާއި ދޯނި އެހެލާ ސަރަހައްދު ތަރައްޤީކުރުމުގެ މަޝްރޫޢު ދަށުން 465,726 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުމާއި، 300 މީޓަރުގެ އެއްގަމުތޮށި ލުމާއި، 1,462 މީޓަރުގެ ބޭރުތޮށިލުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވެއެވެ. އަދި 733 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 133 މީޓަރުގެ ޖިއޯޓިއުބް ރިވެޓްމަންޓް ޖެހުމުގެ އިތުރުން 329 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމަށް ވެސް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން 9,206 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއި، 6 މީޓަރު ދިގު 36 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް އެޅުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ މަސައްކަތުގެ ތެރޭގައި ހިމެނެއެވެ.
ބަނދަރާއި ދޯނި އެހެލާ ސަރަހައްދު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 226.18 މިލިޔަން ރުފިޔާއަށް 780 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
މި މަޝްރޫއަކީވެސް ފަރެސްމާތޮޑާގެ އުމްރާނީ ތަރައްގީއަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ މަޝްރޫއެވެ. މި މަސައްކަތްތައް ނިމުމުން އެ ރަށުގެ ރައްޔިތުންނަށް ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ، އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.