ENGLISH
21 އޭޕްރީލު 2025
ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން މޯލްޑިވިއަން އިން ބައި ލައްކަ ގަސް އިންދަނީ
27 ޑިސެމްބަރު 2024
|
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިފްތިތާހުކޮށްދެއްވި ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން، މޯލްޑިވިއަން އިން 50،000 ގަސް އިންދުމުގެ ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ.
ގައުމީ އެއާލައިން، މޯލްޑިވިއަންގެ ސީއީއޯ މުޙައްމަދު ރިޝާދު ވިދާޅުވީ އެ ކުންފުނީގެފަރާތުން މި ޕްރޮގްރާމްގައި ބައިވެރިވެ، 50،000 ގަސް އިންދުމަށް ޕްލެޖްކޮށްފައިވާ ކަމަށެވެ. މި ޕްރޮގްރާމް ފަށާފައި ވަނީ މިއަދު ހުޅުލޭގައެވެ.
ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢު އިފްތިތާހް ކުރައްވާފައި ވަނީ މި އަހަރުގެ ތިމާވެށީގެ ދުވަހު އެވެ. މިއީ މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކޮށް، ރާއްޖޭގެ ތިމާވެށީގައި ނެތިދިޔުމުގެ ބިރު ހީވެފައިވާ ގަސްގަހާގެހި އާލާކޮށް، ރާއްޖެ ހޫނުވުން ކުޑަކުރުމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރެއްވި ޤައުމީ ޕްރޮގްރާމެކެވެ. މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް، މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް ކުޑަކުރުމެވެ.
މި ޕްރޮގްރާމަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް، ގްރީން ހައުސް ގޭސް އުފެދުން މަދުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން ފަށާފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖުމްލަ ފަސް މިލިއަން ގަސް އިންދުމަށް ވަނީ ރޭވިފައެވެ.
ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ތިމާވެށީގެ މާހިރުން ގަބޫލްކުރެއެވެ.