ENGLISH
21 އޭޕްރީލު 2025
އިސްރާއީލުގެ ޤައުމީ ސަލާމަތާބެހޭ ވަޒީރު އަލް-އަޤްޞާ މިސްކިތަށް ވަނުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
27 ޑިސެމްބަރު 2024
|
އިސްރާއީލުގެ ޤައުމީ ސަލާމަތާބެހޭ ވަޒީރު، މަސްޖިދުލް އަޤްޞާއަށް ވަދެގަތުމާއި ގުޅިގެން، އެކަން ދިވެހި ސަރުކާރުން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކޮށްފިއެވެ.
ޚާރިޖީ ވުޒާރާ އިން ނެރުނު ބަޔާނުގައި ވިދާޅުވީ މިއީ އިސްލާމީ މުޤައްދަސް ބިނާތަކުގެ ޙުރުމަތް ކަނޑާލުމުގެ އިތުރުން، އެފަދަ ތަންތަނުގެ ދީނީ އަދި ތާރީޚީ ޙައިސިއްޔަތު ބަދަލުކުރުމަށް ތަކުރާރުކޮށް އިސްރާއީލުން ކުރަމުންދާ އަމަލެއްކަން ފާހަގަކޮށް، މިއީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ޢަމަލެއްކަމުގައި ދިވެހި ސަރުކާރުން ޤަބޫލުކުރައްވާ ކަމަށެވެ. އަދި މިއީ ފަލަސްޠީނުގެ ލޮބުވެތި ރައްޔިތުންނާ އެކު ދުނިޔޭގެ ދެ ބިލިއަނަށްވުރެ ގިނަ މުސްލިމުންގެ ޙައްޤުތަކަށް އަރައިގަތުމުގެ ޢަމަލެއް ކަމުގައިވެސް ދިވެހި ސަރުކާރުން ދެކޭ ކަމަށް ބަޔާނުގައި ވިދާޅުވެފައިވެއެވެ.
މިފަދަ އަނިޔާވެރި ޢަމަލުތައް ހިންގުން ހުއްޓުވުމަށާއި ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އިންސާނީ ޙައްޤުތަކަށް އިޙްތިރާމުކުރުން ކަށަވަރުކުރުމަށް ހަރުދަނާ، އަވަސް ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ދިވެހިރާއްޖެއިން ގޮވާލާފައިވެއެވެ.
މި ހަމަނުޖެހުމަށް ދެމެހެއްޓެނިވި، ޞުލްޙަވެރި ޙައްލެއް ގެނެވޭނީ 1967 ވަނަ އަހަރުގެ ކުރިން އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، އެއީ މިނިވަން، މުސްތަޤިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ދައުލަތެއްގެ ގޮތުގައި ފަލަސްޠީނުގެ ދައުލަތް ޤާއިމުކުރެވުމުންކަމުގައި ދިވެހި ސަރުކާރުން ދެކެއެވެ.