ENGLISH
07 ޖުލައި 2026
ފަލަސްތީނުގެ ހައްގުގައި މިސްރުގެ ކޯޗުގެ އިލްތިމާސެއް
07 ޖުލައި 2026
|
މިސްރުގެ ކޯޗު ހުސާމް ހަސަން --- ފޮޓޯ: ރޮއިޓަރސް
އެންމެ މަޤްބޫލު
ފީފާ ވޯލްޑް ކަޕް 2026 ގަދަ 16 ގައި އާޖެންޓީނާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކޮށްދިނުމަށް މިސްރުގެ ކޯޗު ހުސާމް ހަސަން ގޮވާލައިފިއެވެ.
ގަދަ 16 ގައި މިރޭ މިސްރުން އާޖެންޓީނާއާ ދެކޮޅަށް ނުކުންނައިރު، ލިއޮނެލް މެސީ އާއި މިސްރުގެ ފުރުސަތުތަކާ ބެހޭގޮތުން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދިނުމުގެ އިތުރުން، ހަސަން ވަނީ ފަލަސްތީނުގެ މައްސަލައާ ގުޅޭގޮތުން ތަފުސީލުކޮށް ވާހަކަދައްކާފައެވެ.
ޑަލަސްގައި މިދިޔަ ހުކުރު ދުވަހު އޮސްޓްރޭލިއާ ބަލިކޮށް މިސްރު މޮޅުވި މެޗަށްފަހު، ފަލަސްތީނުގެ ދިދަ ވިހުރުވި މައްސަލަ އާއި، އާޖެންޓީނާ އަތުން މޮޅުވެއްޖެނަމަ އެކަން ތަކުރާރު ކުރާނެތޯ ނޫސްވެރިއަކު ސުވާލުކުރުމުން އޭނާ ބުނީ، "ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރި މީހަކު ކަމުގައިވީ ނަމަވެސް، ފަލަސްތީނުގެ ރައްޔިތުންނަށްޓަކައި ހިތުގައި ހަމްދަރުދީއެއް ނެތް ނަމަ، އެމީހެއްގެ އިންސާނިއްޔަތުކަމުގެ ބައެއް އުނިވެއްޖެ،" ކަމަށެވެ.
"އަހަރެންގެ ފަރާތުން ފެނިގެންދިޔައީ އިންސާނީ އިހުސާސްތަކެއް. އަހަރެންނަކީ އަރަތްބަކަށް، މުސްލިމަކަށްވުމުގެ ކުރިން އިންސާނެއް. ދުނިޔޭގެ ނުފޫޒުގަދަ ވަސީލަތެއް ކަމަށްވާ ފުޓްބޯޅައިގެ ޒަރީއާއިން އަހަރެން ބޭނުންވަނީ މެސެޖެއް ދޭން؛ އާދޭސްކޮށްފައި ބުނަން ފަލަސްތީނުގެ ރައްޔިތުންނަށް ދިރިއުޅުމުގެ ފުރުސަތު ދީ. މި މެސެޖު ފޯރުކޮށްދިނުމަށް ހުރިހާ ކުޅިވަރު ކުޅުންތެރިންނާއި ނޫސްވެރިންގެ ކިބައިން އަހަރެން އެދެން،" ހަސަން ބުންޏެވެ.
އޮސްޓްރޭލިއާ ބަލިކޮށް މިސްރު މޮޅުވި މެޗަށްފަހު، ފަލަސްތީނުގެ ދިދަ ކޯޗު ހަސަން ވިހުރުވަނީ --- ފޮޓޯ: ރޮއިޓަރސް
މީގެ އިތުރުން އޭނާ ބުނީ، "އިންސާނީ ހައްގުތަކާއި، ޖަނަވާރުންގެ ހައްގުތަކާއި އަދި އިންސާފުގެ ވާހަކަ ދައްކާއިރު، ފަލަސްތީނުގެ އާންމު ރައްޔިތުންގެ ވާހަކަވެސް ދައްކަންވާނެ" ކަމަށެވެ.
ޣައްޒާއަށް އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ އެތައް ހާސް ބަޔަކު ޝަހީދުވެ، ބަނޑުހައިހޫނުކަމުގެ ކާރިސާއެއް ކުރިމަތިވެ، މުޅި ޣައްޒާގެ އާބާދީހެން ވަނީ ހާލުގައި ޖެހިފައެވެ. އދ. ގެ ބައެއް ތަޖުރިބާކާރުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމުއިއްޔާތަކުން މި އަމަލުތައް ސިފަކުރަނީ ނަސްލު ނައްތާލުމުގެ އަމަލުތަކެއްގެ ގޮތުގައެވެ.
ފީފާގެ ގަވާއިދުތައް ބުނާގޮތުން ކުޅިވަރުގެ ސާމާނުތަކުގައި ސިޔާސީ ޝިއާރުތައް ބޭނުންކުރުމަކީ މަނާކަމެކެވެ. ނަމަވެސް، ނޫސްވެރިންގެ ބައްދަލުވުންތަކުގައި ކޯޗުން ސިޔާސީ ޚިޔާލު ފާޅުކުރުން މަނާކުރާ ސީދާ ގަވާއިދެއް ފާހަގަކުރެވިފައެއް ނުވެއެވެ.
ހަސަންގެ މި ވާހަކަތައް އައީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތައުރީފު ކުރެއްވި ނިންމުމެއް ކަމަށްވާ، ފޮލާރިން ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަބަބުން އައި ސަސްޕެންޝަން އުވާލުމަށް ފީފާއިން ނިންމި ނިންމުމަށް ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.
މިރޭގެ މެޗުން މޮޅުވުމުގެ ފުރުސަތު ބޮޑީ އާޖެންޓީނާއަށް ކަމަށް ހަސަން ގަބޫލުކުރި ނަމަވެސް، އޭނާގެ ޓީމު އޮތީ އެކަމާ ޖެހިލުންވެފައި ނޫން ކަމަށް ބުންޏެވެ.
"އަހަރެމެންނަށް އެނގޭ އަހަރެމެން މި ކުޅެނީ ދުނިޔޭގެ ޗެމްޕިއަނުންނާއި އަދި ދުނިޔެދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާ (މެސީ) އާ ދެކޮޅަށްކަން. އެކަމަކު އަހަރެމެން އެމީހުން ދެކެ ބިރެއް ނުގަނޭ."
"މިސްރާއި، އަރަބި ދުނިޔެއާއި އަދި އެފްރިކާއަށްޓަކައި އަހަރެމެންގެ ބޮޑު ޒިންމާއެއް އެބައޮތް. އަހަރެމެން ތަމްސީލުކުރަނީ އެ އެންމެން. އެ ޒިންމާގެ ސަބަބުން އަހަރެމެންގެ މުޅި ސަމާލުކަން ހުރީ ދަނޑުމަތީގައި ދެއްކޭނެ އެންމެ ރަނގަޅު ކުޅުމަކަށް،" އޭނާ އިތުރަށް ބުންޏެވެ.