ENGLISH
07 ޖުލައި 2026
މި އަހަރުގެ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު އޯގަސްޓުގެ ނިޔަލަަށް
07 ޖުލައި 2026
|
ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ ތެރެއިން، ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
މި އަހަރު ބާއްވާ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ އޯގަސްޓު މަހުގެ ނިޔަލަށް ހަމަވާނެތީ އަވަހަށް ރަޖިސްޓްރީވުމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)އިން އިލްތިމާސްކޮށްފިއެވެ.
ބީސީސީން ބުނެފައިވާ ގޮތުގައި މައުރަޒުގައި ބައިވެރިވުމަށް ފޯމު ހުށަހެޅުމުގެ ސުންގަޑި ހަމަވާނީ އަންނަ އޯގަސްޓު މަހުގެ 31 ވަނަ ދުވަހުއެވެ. މިހާތަނަށް އެ މައުރަޒުގައި ބައިވެރިވުމަށް 300 އަށްވުރެ ގިނަ ފަރާތް ރަޖިސްޓްރީވާން ހުށަހަޅާފައިވާކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
ބީސީސީން ބުނި ގޮތުގައި 2025 ވަނަ އަހަރު ބޭއްވި އެކްސްޕޯގައި ބައިވެރިވީ 240 ފަރާތެވެ. އެހެންކަމުން މި އަހަރު އެކްސްޕޯގައި ބައިވެރިވި ފަރާތްތަކުގެ އަދަދުވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަކީ ދިވެހި ހުނަރުވެރިންގެ ހުނަރާއި ގާބިލުކަން ދައްކައިލުމަށް ލިބޭ ބޮޑު ފުރުސަތެއްކަން ފާހަގަކޮށް ބީސީސީންވަނީ މަޑުނުކޮށް ވީހާވެސް އަވަހަށް މި މައުރަޒުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފިއެވެ.
މި އަހަރުގެ މައުރަޒުގައި 16 ދާއިރާއަކުން 73 ގިންތިއެއްގެ އުފެއްދުމާއި ހިދުމަތްތައް ދައްކައިލުމަށް ފުރުސަތު ލިބޭނެއެވެ. އުމުރުން 13 އަހަރުން މަތީގެ ދިވެހި ފަރުދުންނާއި، ދިވެހި ވިޔަފާރިތަކާއި، ސަރުކާރުގެ ކުންފުނިތަކާއި ތައުލީމީ މުއައްސަސާތަކާއި ކައުންސިލުތަކަށް އަދި ވަކިން ހާއްސަ ކެޓަގަރީއެއްގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެއެވެ.
2026 ވަނަ އަހަރަކީ އުފެއްދުންތެރިކަމުގެ ގައުމީ އަހަރުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާކަން ފާހަގަކޮށް ބީސީސީން ބުނެފައިވަނީ އެ ކުންފުނިން މަސައްކަތްކުރަނީ މި އަހަރުގެ މައުރަޒަކީ އުފެއްދުންތެރިންގެ އުފެއްދުންތަކާއި ހިދުމަތްތައް ދައްކާލުމަށާއި މާކެޓުކުރުމަށް ލިބޭ އެންމެ ފަހި ފުރުސަތަށް ހެދުން ކަމަށެވެ.
މި މައުރަޒުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަަށް ފަސޭހަކޮށްދިނުމުގެ ގޮތުން ހާއްސަ ޕޯޓަލެއް ގާއިމުކޮށްފައިވެއެވެ. expo.mv ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީވުމުގެ ހުރިހާ ކަންކަމެއް ކުރިއަށްގެންދެވޭނެއެވެ.
މި މައުރަޒަކީ ބީސީސީއާއި އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާއި ދަތުރުފަތުރާ ބެހޭ ވުޒާރާއާއި ބީސީސީ ގުޅިގެން ދިވެހި އުފެއްދުންތެރިންގެ އުފެއްދުންތަކާއި ހިދުމަަތްތައް މާކެޓުކުރުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ކުރިއަށްގެންދާ މައުރަޒެކެވެ. މި އަހަރު މައުރަޒު އޮންނާނީ އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހަށެވެ.