ENGLISH
07 ޖުލައި 2026
ތިން ގައުމަކަށް ނޮން-ރެސިޑެންޓް ސަފީރުން އައްޔަނުކުރަން ރުހުންދީފި
07 ޖުލައި 2026
|
މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން.
އެންމެ މަޤްބޫލު
ތިން ގައުމަކަށް ރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުން އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.
ރާއްޖެއިން ނޮން-ރެސިޑެންޓް ސަފީރުން ކަނޑައަޅަނީ ދެކުނު އެފްރިކާއަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުގެ މަގާމަށް ހާލާ ހަމީދު، ޗެކް ރިޕަބްލިކަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރަކަށް ގދ. ތިނަދޫ، ގުލްޒާރުގޭ، އައިމިނަތު އަބްދުﷲ ދީދީ އަދި މޮރިޓޭނިއާ އަދި ކެންޔާއަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރަކަށް ހ. އަތިރީގެ، އަމީން ޖާވިދު ފައިސަލެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ހުށަހެޅުއްވި ނަންތައް ދިރާސާކުރުމަށްފަހު، މަޖިލީހުން ވަނީ އެ ބޭފުޅުންނަށް ރުހުން ދިނުމަށް ފާސްކޮށްފައެވެ.
އެގޮތުން ދެކުނު އެފްރިކާއަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުގެ މަގާމަށް ހާލާ ހަމީދު އައްޔަނު ކުރުމަށާއި ޗެކް ރިޕަބްލިކަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރަކަށް އައިމިނަތު އަބްދުﷲ ދީދީ އައްޔަނުކުރުމަށާއި އަދި މޮރިޓޭނިއާ އަދި ކެންޔާގެ ނޮން ރެސިޑެންޓް ސަފީރު ކަމަށް އަމީން ޖާވިދު ފައިސަލް އައްޔަން ކުރުމަށް 64 މެމްބަރުން ވޯޓު ދެއްވިއެވެ.
މިބޭފުޅުންގެ ތެރެއިން ޑރ. ހާލާ މިވަގުތު ހުންނެވީ ހާރިޖިއްޔާގެ ސެކްރެޓަރީގެ މަގާމުގައެވެ. އަމީން ޖާވިދަކީ ހާރިޖީ ދާއިރާގެ އިސް މަގާމުތަކެއް ފުރުއްވައި އެދާއިރާގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. އަދި އާމިނަތު އަބްދުﷲ ދީދީ ވަނީ ހާރިޖީ ދާއިރާގައި 23 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވަފައެވެ. އޭނާއަކީ ރާއްޖެއިން ބޭރު ގައުމެއްގައި ގާއިމްކުރި ފުރަތަމަ ކޮންސިއުލޭޓް ޖެނެރަލްގެ މަގާމު ފުރުއްވި ބޭފުޅާއެވެ. އެގޮތުން އިންޑިއާގެ ތިރުވަނަންތަޕޫރަމްގައި ހުންނަ ރާއްޖޭގެ ކޮންސުލް ޖެނެރަލްގެ މަގާމަށް 2019 ވަނަ އަހަރު އޭނާ އައްޔަނުކުރެވުނެވެ.