ENGLISH
07 ޖުލައި 2026
މާލޭ ސަރަހައްދުން ބޯހިޔާވަހިކަން ހޯދައިދިނުމަށް އެމްޑީޕީގެ ވެރިކަމެއްގައި ވެލިފުކެއްވެސް ބޭއްވިފައި ނެތް: މުސްތަފާ
07 ޖުލައި 2026
|
ރައްޔިތުންގެ މަޖިލީހުގެ މާފަންނު މާފަންނު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު މުސްތަފާ، ފޮޓޯ: ރައްޔިތުންގެ މަޖިލިސް
އެންމެ މަޤްބޫލު
މާލޭ ސަރަހައްދަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު މައްސަލަކަމަށްވާ ބޯހިޔާވަހިކަމުގެ ދަތިކަމުގެ މައްސަލަ ހައްލުކުރުމަށް އިދިކޮޅު އެމްޑީޕީގެ ވެރިކަންތަކުގައި ވެލިފުކެއްވެސް ބޭއްވިފައި ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގުރާމުގައި ބައިވެރިވެވަޑައިގެން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން މެންބަރު ވިދާޅުވީ، ބޯހިޔާވަހިކަމުގެ މައްސަލައަކީ ރާއްޖޭގައި ހުރި ގިނަ މައްސަލަތަކެއްގެ އަސްލުކަން ގަބޫލުކުރައްވައި، އެ މައްސަލައަށް އެކަށީގެންވާ ދެމެހެއްޓެނެވި ހައްލެއް ހޯއްދެވުމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވަމުންދާ ކަމަށެވެ.
އިތުރަށް މުސްތަފާ ވިދާޅުވީ އެ މަސައްކަތްްޕުޅުގައި ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. ރައީސަށް ކުރިމަތިލައްވަން ޖެހިވަޑައިގަތް ގޮންޖެހުންތަކުގެ ތެރެއިން ފުރަތަމަ ގޮންޖެހުމެއްގެ ގޮތުގައި މެންބަރު ފާހަގަކުރެއްވީ ވެރިކަމާ ހަވާލުވެވަޑައިގެން ފުރަތަމަ އަހަރު ދުވަސް ރައީސް ބޭނުންފުޅުވާ ގޮތަށް މަސައްކަތްކުރެއްވުމަށް މަޖިލީހުން ޖާގަނުދިނުމެވެ. ފައިސާ ހަމަޖައްސައިނުދިނުމާއި، މަޝްރޫއުތައް ކުރިއަށްގެންދިއުމަށް މަގުފަހިކޮށްނުދިނުމުގެ ސަބަބުން ރައީސްގެ ދައުރުގެ ފުރަތަމަ އަހަރު ފާއިތުވީ އެ މަސައްކަތްތައް ކުރިއަށްގެންދަވަން ބޭނުންފުޅުވި ހަލުއިމިނުގައި މަސައްކަތްނުކުރެއްވިކަން މެންބަރު ފާހަގަކުރެއްވިއެވެ.
"އެއިރުގެ ކަންކަން ބައްލަވައިލެއްވީމާ، ހަނދުމުފުޅަށް ގެންނެވީމާ އެނގިވަޑައިގަންނަވާނެ، ރަސްމާލެ ހިއްކެވުމަށްޓަކައި އުޅުއްވީމާ، އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް 19 ވަނަ މަޖިލީހުން އެކަމަށް ހުރަސްއަޅަމުންގެންދިޔަ މިންވަރު. ބަޖެޓު ފާސްކޮށްނުދިނުމާއި، ލާރި ދޫކޮށްނުދިނުމާއި މިހެން ގޮސް އެތައް ގޮންޖެހުމެއްގެ ތެރެއިން އެކަން ފެއްޓެވީ،" މުސްތަފާ ވިދާޅުވިއެވެ.
މާލޭ ސަރަހައްދުގައި ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ ގޮންޖެހުން ހައްލުކުރުމަށް އެމްޑީޕީގެ ދެ ވެރިކަމުގައިވެސް މާލޭ ސަރަހައްދުގައި ބިމެއް ހިއްކާފައިނުވާކަން ފާހަގަކުރައްވަމުން މުސްތަފާ ވިދާޅުވީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެވެން އޮތީ ބިން ހިއްކައިގެން ކަމަށެވެ. އަދި އެމްޑީޕީން ކުރާ ކަމަކީ ކުރީގެ ސަރުކާރުތަކުން ހިއްކައި ތަރައްގީކޮށްފައި ހުރި ބިންތައް ބަހައިލުންކަމަށްވެސް މެންބަރު ތުހުމަތުކުރެއްވިއެވެ.
"އެހެންވީމާ އެމްޑީޕީގެ ދެވެރިކަން ނިމިގެންދިޔައިރު މާލޭ ސަރަހައްދުގައި ނެތޭ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެންމެ ތަންކޮޅެއްވެސް ހިއްކާފައި ނެތޭ. އެބޭފުޅުން ކުރައްވާ ކަމަކީ މައުމޫނުގެ ވެރިކަމުގައި ފޭސް އެކެއްގައި ހިއްކަވާފައި އޮތް ތަން މުހައްމަދު ނަޝީދު ވަޑައިގެން ބަހައިލެއްވީ. ފޭސް ދޭއް ހަމަ އަޅުގަނޑުމެންގެ ވިސްނުމުގައި ހިއްކައި، އިމާރާތްތައް އަޅައި ތަރައްގީކޮށްފައި ނުވަތަ ތަރައްގީކުރުމަށް މަސައްކަތްކުރަމުންދިޔަ ތަނެއް، އިބްރާހީމު މުހައްމަދު ސޯލިހު ވެރިކަމަށް އައިސް ބަހައި ހުސްކޮށްލީ،" މުސްތަަފާ ވިދާޅުވިއެވެ.
"އަޅުގަނޑު މިދަންނަވަނީ ބޯހިޔާވަހިކަން ނުވަތަ ގޯތި ފޯރުކޮށްދިނުމުގެ ނިޔަތެއް އޮތްނަމަ، އެމްޑީޕީގެ އެވެރިކަމުގައި ގައިމުވެސް ތަންކޮޅެއް ހިއްކާފައި ރައްޔިތުންނަށް ދިނީހޭ،"
މުސްތަފާ އިތުރަށް ވިދާޅުވީ ބިން ހިއްކުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް މިއަދުގެ ސަރުކާރުން ހުޅުމާލޭ ތިންވަނަ ފިޔަވައްސާއި ގުޅިފަޅު ހިއްކައި، ގިރާވަރުފަޅާއި އުތުރުތިލަފަޅާއި ހުޅުމާލޭގެ ތިން ފިޔަވަހީގެ ތިންގުނަ ބޮޑު ރަސްމާލެ ހިއްކުމުގެ މަސައްކަތްކުރެވެމުންދާ ކަމަށެވެ. އަދި ބޯހިޔާވަހިކަން ހޯދައިދިނުމަށް ކުރެވޭނެ އެންމެ މުހިއްމު މަސައްކަތަކީ ބިން އުފައްދައި ބިން ރައްކާކުރުން ކަމަށްވެސް މެންބަރު ވިދާޅުވިއެވެ.
އަދި މެންބަރުވަނީ ރައީސް ޑރ.މުޢިއްޒާއި ވަޒީރު ޑރ.އަބްދުﷲ މުއްތަލިބު ތަކުރާރުކޮށް ވިދާޅުވަމުންދާ ފަދައިން މި ސަރުކާރުން މިހާރު ފަށާފައި ހުރި ގެދޮރުވެރިކަމުގެ މަޝްްރޫއުތައް މި ދައުރުގެ ތެރޭގައި ނިންމައި، އެތަންތަނުގެ ހައްގުވެރިންނަށް އެތަންތަނަށް ވަދެވޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި މި ސަރުކާރަކީ ދައުރުގެ ތެރޭގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ފަށައި ދައުރު ނިމުމުގެ ކުރިން އެތަންތަނަށް ހައްގުވެރިން ވައްދައިދޭ ފުރަތަމަ ސަރުކާރަށްވާނެކަމާމެދު ޝައްކުނުކުރައްވާކަމަަށް މުސްތަފާ ވިދާޅުވިއެވެ.