ENGLISH
07 ޖުލައި 2026
އަހަރަކު 66.7 މިލިއަން ރުފިޔާ ލިބޭނެ ހަ އައުގާފު އިމާރާތުގެ މަސައްކަތް ފެށިގެން ކުރިއަށް
07 ޖުލައި 2026
|
މާލޭގައި ބިނާކުރާ ދާރުލް އަރުގަމް އައުގާފު އިމާރާތުގެ ކުރެހުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުން، ފޮޓޯ: އިސްލާމިކް މިނިސްޓްރީ
އެންމެ މަޤްބޫލު
ރާއްޖޭގެ އައުގާފުގެ ދާއިރާ އިތުރަށް ތަރައްގީކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް ހަ އައުގާފު އިމާރާތެއް ތަރައްގީކުރުމުގެ މަސައްކަތް އެކި މަރުހަލާގައި ކުރިއަށްދާކަމަށް އިސްލާމީ ކަންތަައްތަކާއި އައުގާފާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެމްއެމްޓީވީން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އައުގާފު އިމާރާތްތަކާ ގުޅޭ މައުލޫމާތު ހޯދުމަށް އެދުމުން އެ ވުޒާރާއިން ހާމަކުރި މައުލޫމާތުތަކަށް ބަލާއިރު މި ސަރުކާރުން އަންނަނީ ހަ އައުގާފު އިމާރާތެއް އެޅުމުގެ މަސައްކަތް ކުރަމުންނެވެ. އެ އިމާރާތްތަކުގެ މަސައްކަތް ހުރީ އެކި މަރުހަލާގައިކަމަށް އެ ވުޒާރާއިން މައުލޫމާތު ދިނެވެ.
އެ ވުޒާރާއިން ބުނި ގޮތުގައި ހުޅުމާލޭގައި 244.5 މިލިއަން ރުފިޔާ ހަރަދުކޮށްގެން އަޅާ ދާރުއްސަލާމުގެ މަސައްކަތުގައި މިހާރު ކުރިއަށްދަނީ އަމަލީ މަސައްކަތް ފެށުމަށް އެކި އިދާރާތަކުން ނަގަންޖެހޭ ހުއްދަތައް ނެގުމުގެ މަސައްކަތެވެ. ސަރުކާރުން އަޅާ އައުގާފު އިމާރާތްތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބޭނެކަމަށް އެ ވުޒާރާއިން ލަފާކުރަނީ މި އިމާރާތުންނެވެ. ދާރުއްސަލާމުން އަހަރަކު 52.4 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެކަމަށް އިސްލާމީ ވުޒާރާއިން ލަފާކުރެއެވެ. މި އމާރާތުގެ މަސައްކަތް 730 ދުވަހުން ނިމޭނެކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.
މާލޭގައި އަޅަމުންދާ ދާރުލްއަރުގަމަކީ 39.4 މިލިއަން ރުފިޔާ ހަރަދުކޮށްގެން އަޅާ އިމާރާތެކެވެ. އެ އިމާރާތުން އަހަރެއްގެ މައްޗަށް 10.8 މިލިއަން ރުފިޔާ ލިބޭނެއެވެ. 530 ދުވަހުން ނިމޭނެކަމަށް ބެލެވޭ މި އިމާރާުން އަހަރެއްގެ މައްޗަށް 10.8 މިލިއަން ރުފިޔާ ލިބޭނެއެވެ. މިހާރު އެ އިމާރާތުގެ ޝީޓް ޕައިލްކުރުމުގެ މަސައްކަތްވަނީ ފެށިފައެވެ.
ކުޅުދުއްފުށީ ސިޓީގައި އަޅާ އައުގާފު އިމާރާތަކީ ދިހަ މިލިއަން ރުފިޔާ ހަރަދުކޮށްގެން އަޅާ މަސައްކަތެކެވެ. އެ މަޝްރޫއު 540 ދުވަހުން ނިމޭނެކަމަށް ވުޒާރާއިން ބުނެފައިވާއިރު އެތަނުން އަހަރަކު އެއް މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމުގައި އަންދާޒާކުރެވެއެވެ.
ދިހަ މިލިއަން ރުފިޔާ ހަރަދުކޮށްގެން ގއ.ވިލިނގިލީގައި އަޅާ އައުގާފު އިމާރާތުގެ ފުރަތަމަ ފަންގިފިލާގެ މަސައްކަތް ފެށިފައިވާއިރު 540 ދުވަހުން އެ އިމާރާތް އަޅައި ނިމޭނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެއެވެ. މި އިމާރާތަކީ އަހަރެއްގެ މައްޗަށް 500،000 ރުފިޔާގެ އާމްދަނީއެއް ލިބޭނެ އިމާރާތެކެވެ.
ގދ.ތިނަދޫގައި ދިހަ މިލިއަން ރުފިޔާ ހަރަދުކޮށްގެން އަޅާ އައުގާފު އިމާރާތުގެ މަސައްކަަތް ފެށުމަށް ބޭނުންވާ މެޓީރިއަލް ހޯދުމުގެ މަރުހަލާ ކުރިއަށްދާއިރު، މި އިމާރާތް 540 ދުވަހުން ނިމޭނެކަމަށް ލަފާކުރެވެއެވެ. އެއީ 744،000 ރުފިޔާގެ އާމްދަނީއެއް އަހަރަކު ލިބޭނެކަމަށް ބެލެވޭ އިމާރާތެކެވެ.
މާލެއިން ބޭރުގައި އަޅާ އެންމެ އަގުބޮޑު އައުގާފު އިމާރާތަކީ 20 މިލިއަން ރުފިޔާ ހަރަދުކޮށްގެން އައްޑޫ ސިޓީގައި އަޅާ އިމާރާތެވެ. އެ އިމާރާތުގެ ކުރެހުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާއިރު، އެއީ 540 ދުވަހުން ނިންމަން އަމާޒުކުރާ އިމާރާތެކެވެ. އެ އިމާރާތުން އަހަރަކު 1.3 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމުގައި ވުޒާރާއިން އަންދާޒާކުރެއެވެ.