ENGLISH
07 ޖުލައި 2026
ތައުލީމީ ދާއިރާގެ ބިނާރުތައް ތަރައްގީކުރުމުގައި އިސްކަންދެނީ ހަލާކުނުވާނެ ގޮތަށް އިމާރާތްކުރަން: ވަޒީރު
07 ޖުލައި 2026
|
ތައުލީމާއި މަތީ ތައުލީމާ ބެހޭ ވަޒީރު ޑރ.އިސްމާއީލް ޝަފީއު
އެންމެ މަޤްބޫލު
ތައުލީމީ ދާއިރާގެ ބިނާރުތައް ތަރައްގީކުރުމުގައި މި ސަރުކާރުން އެންމެ ބޮޑަށް އިސްކަންދޭ އެއްކަމަކީ ތަރައްގީކުރާ އިމާރާތްތައް ހަލާކުނުވާނެ ފެންވަރަށް ތަރައްގީކުރުމަށް ކަމަށް ތައުލީމާއި މަތީ ތައުލީމާ ބެހޭ ވަޒީރު ޑރ.އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދާރީވެވަޑައިގަންނަވަމުން ވަޒީރު ވިދާޅުވީ ތައުލީމީ ދާއިރާގެ މަސައްކަތްތައް ކުރިއަށްގެންދިއުމުގައި ބައެއް ލަސްކަން އެބަހުރި ކަމަށެވެ. ސްކޫލު އިމާރާތްތައް ބިނާކުރުމުގައި އެ މަޝްރޫއުތައް އިތުރަށް ހަލުއިކުރަންޖެހޭކަން ގަބޫލުކުރައްވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރުމަކީ ސަރުކާރުން އިސްކަންދޭކަމެއް ނަމަވެސް އެންމެ ބޮޑަށް އިސްކަންދެނީ ސަރުކާރުން ބިނާކުރާ އިމާރާތެއް ދުވަސްކޮޅެއްނުވަނީސް ހަލާކުވެ ވީރާނާނުވާނެ ގޮތަށް އިމާރާތްކުރުމަށްކަން ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރުވަނީ މީގެ ކުރިން ބައެއް ސްކޫލުތައް އެޅުމުގައި އިހުމާލުވުމުގެ ސަބަބުން އެ ސްކޫލުތައް ތަޅައިލާ އަލުން ބިނާކުރަންޖެހިފައިހުރިކަމަށް ވިދާޅުވެފައެވެ.
"އަދި މިއާއެކު އަޅުގަނޑުމެން އެންމެ ބޮޑު އިސްކަމެއްމިދެނީ އަޅާ އިމާރާތެއް ހަލާކުވެގެންގޮސްގެންނުވާނެ. މިސާލަކަށް އެނގިވަޑައިގަންނަވާނެ މާލޭގައި އިމާރާތްކުރި އަރަބިއްޔާގެ އިމާރާތަށް ވެގެންދިޔަ ގޮތް،" ވަޒީރު ވިދާޅުވިއެވެ.
"އަބަދުވެސް އަޅުގަނޑަށް ރައީސް ދެއްވާފައިވާ އިރުޝާދަކީ މަސައްކަތްކުރެވެމުންދާއިރު، ރައްޔިތުންގެ ފައިސާގައި މަސައްކަތްކުރެވޭއިރު އެކުރެވޭ މަސައްކަތަކީ އެކަށީގެންވާ ކޮލިޓީގައި ރަނގަޅު ފެންވަރުގައި ކުރެވޭ މަސައްކަތެއްކަން ކަށަވަރުކުރަންވާނޭ،"
ވަޒީރު ވިދާޅުވި ގޮތުގައި މާލޭގައި އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި 2010 ވަނަ އަހަރު އެޅި އަރަބިއްޔާ ސްކޫލުގެ އައު އިމާރާތް ދިހަ ވަރަކަށް އަހަރުފަހުން ހަލާކުވެ ސުންނާފަތިވުމަށް މެދުވެރިވި މައިގަނޑު ސަބަބަކީ އިމާރާތް ބިނާކުރުމުގެ މަރުހަލާގައި އެކަށީގެންވާ ގޮތަށް ސުޕަވައިޒްކުރެވި ބަލަންޖެހޭ ވަރަށް ކަންކަން ބެލިފައި ނެތުމެވެ. އަދި އެކަމުގެ ސަބަބުން ގެއްލިގެންދިޔައީ ރައްޔިތުންގެ ފައިސާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ރަށްރަށުގައި ހިނގާ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރުމަށް މަސައްކަތްކުރައްވާއިރު އެ އިމާރާތްތަކަކީ ރަނގަޅު ފެންވަރުގެ އިމާރާތްތަކެއްކަން ކަށަވަރުކުރެއްވުމަށް ފިޔަވަޅުތައް އަޅުއްވާނެ ކަމަށެވެ.