ENGLISH
07 ޖުލައި 2026
ހދ.އަތޮޅު ބޯޑު އެކުލަވާލުމުގެ މަސައްކަތް ހުއްޓާލަން އަންގައިފި
07 ޖުލައި 2026
|
ޅުދުއްފުށީ ސިޓީ ކައުންސިލުގެ މިއަހަރުގެ ފުރަތަމަ ބައްދަލުވުމުގެ ތެރެއިން. ފޮޓޯ؛ ކުޅުދުއްފުށި ސިޓީ ކައުންސިލުގެ އިދާރާ.
އެންމެ މަޤްބޫލު
އަތޮޅުގެ ތަރައްގީއަށް ހުރިހާ ރަށެއް ބައިވެރިވެގެން މަސައްކަތް ކުރަން ހާއްސަ ބޯޑެއް އެކުލަވާލަން ހދ. އަތޮޅުގެ ރަށްތަކުން ފެށި މަސައްކަތް ކުރިއަށް ނުގެންދިޔުމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ -- އެލްޖީއޭއިން އަންގައިފިއެވެ.
ހދ. އަތޮޅު ރަށްތައް ތަމްސީލު ވާނެހެން ބޯޑެއް އުފެއްދުމަށް ނިންމުމާއި ގުޅޭ ގޮތުން އެ އަތޮޅުގެ އެންމެހާ ކައުންސިލުތަކުގެ ރައީސުންނާއި އެކު އޮންލައިން މަޝްވަރާތަކެއް ވަނީ ބާއްވާފައެވެ. އެ މަޝްވަރާތަކުގައި އަތޮޅުގެ ތަރައްގީއާއި ރަށްރަށުގެ ރައްޔިތުންގެ ކުރިއެރުމަށް މަސައްކަތްކުރުމަށް އަތޮޅު ތަރައްގީއަށް މަސައްކަތްކުރާނެ ބޯޑުގެ މަގުސަދުތައް ކަނޑައަޅާ މަސައްކަތްކުރާނެ ގޮތުގެ އުސޫލެއް މި މަހު 15 ގެ ކުރިން އެކުލަވާލުމަށް ނިންމާފައިވާ ކަން ކުޅުދުއްފުށީ ސިޓީ ކައުންސިލުން އާއްމުކުރިއެވެ.
އެކަމާ ގުޅިގެން އެލްޖީއޭއިން ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފަށް ފޮނުވި ސިޓީގައި ބުނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނެވުނު އިސްލާހާ ގުޅިގެން އަތޮޅު ކައުންސިލުތައް އުވާލާ، އަތޮޅު ކައުންސިލުން ދެމުން ގެންދިޔަ އިދާރީ ދާއިރާގެ ހިދުމަތްތަކާއި މަސްއޫލިއްޔަތުތައް ވަނީ އެލްޖީއޭގެ ދަށަށް ބަދަލުކޮށްފައިކަމަށެވެ.
އެ ނިންމުމަށް ބަލާއިރު މުޅި އިދާރީ ދާއިރާގެ ތަރައްގީއަށް ކުރަންޖެހޭ ކަންކަން ކުރުމަކީ އެ އޮތޯރިޓީގެ ގާނޫނީ މަސްއޫލިއްޔަތެއްކަން ފާހަގަކޮށްފައިވެއެވެ. އެހެންކަމުން ހދ. އަތޮޅު ކައުންސިލާއި ހދ. އަތޮޅުގެ އެންމެހާ ކައުންސިލުތައް އެކުވެގެން ވަކި ބޯޑެއް އެކުލަވާލާ މަސައްކަތް ކުރުމަކީ ކުރެވިދާނެކަމެއް ކަމަށް އެ އޮތޯރިޓީން ނުދެކޭކަމަށް ސިޓީގައިވެއެވެ. އަދި ކައުންސިލްތަކުގެ މައްޗަށް އެކުލެވިގެންވާ ވަކި ބޯޑެއް އަތޮޅެއްގައި ގާއިމުކޮށްގެން އުފައްދައިގެން މަސައްކަތްކުރުމަކީ ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުގެ މަފްހޫމާ ފުށުއަރާކަމެއްކަމުގައި ބަޔާންކޮށްފައިވެއެވެ.
ވުމާއެކު، ހދ. އަތޮޅު ކައުންސިލާއި ހދ. އަތޮޅުގެ އެންމެހާ ކައުންސިލުތައް އެކުވެގެން އުފެއްދުމަށް ނިންމާފައިވާ ބޯޑުގެ މަސައްކަތް ކުރިޔަށް ނުގެންގޮސް، މި ފަދަ ބޯޑެއް އެކުލަވާލުމަށް ކައުންސިލާއި ހދ. އަތޮޅުގެ އެންމެހާ ކައުންސިލުތައް އެކުވެގެން ނިންމަވާފައިވާ ނިންމުމަށް ވާސިލުވުމަށް ކަނޑައެޅި ގާނޫނީ މިންގަނޑު ސާފުކޮށްދިނުމަށް އެލްޖީއޭއިން އެދިފައިވެއެވެ.