ENGLISH

07 ޖުލައި 2026

Advertisement

މޫސުމީ ކަންކަމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށް އޭޑީބީއާއެކު މަޝްވަރާކޮށްފި

07 ޖުލައި 2026

|

އައިމިނަތު ޝަފާ

އޭޑީބީއާއެކު ވުޒާރާއިން ކުރިއަށްގެންދިޔަ ބައްދަލުވުމުގެ ތެރެއިން.

ރާއްޖެއަށް މޫސުމީ ކަންކަމަށް ބޭނުންވާ އިތުރު މާލީ އެހީތެރިކަން ހޯދިދާނެ ގޮތްތަކާ ގުޅޭގޮތުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި އެކު މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރިއަށްދިޔައީ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ފަރާތުން ހިންގަމުންދާ "މޫސުމަށް އަންނަ ބަދަލުތަކަށް ކެތްތެރިކަން އިތުރުކުރުމާއި ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަޝްރޫޢު" ކުރިއަށްދާ ގޮތާ ގުޅޭގޮތުން، ވަޒީރު ޢަލީ ޝަރީފާއި އޭޑީބީގެ ވަފުދު ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.  

އޭޑީބީއާއެކު ވުޒާރާއިން ކުރިއަށްގެންދިޔަ ބައްދަލުވުމުގެ ތެރެއިން. 

މި ބައްދަލުކުރެއްވުމުގައި ވަޒީރުގެ އަރިހުގައި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (އެމް.އެމް.އެސް) ގެ މެނޭޖްމަންޓް ޓީމުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ މިހާރު ކުރިއަށްދާ މަޝްރޫޢުގެ އެންމެ ފަހުގެ އަދާހަމަތަކާއި، މަސައްކަތްތައް ގޮސްފައިވާ ހިސާބު ބަލައި، ކުރިއަށް ހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުންކަމަށް ވުޒާރާއިން ބުންޏެވެ.

މި ބައްދަލުވުމުގައި އައްޑޫ ސިޓީ އާއި މާލޭގައި މޫސުމީ ރާޑަރު ބެހެއްޓުމަށް ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ތަފްސީލީ ގޮތެއްގައި މަޝްވަރާކޮށްފައިވެއެވެ. މިއީ ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.

އޭޑީބީއާއެކު ވުޒާރާއިން ކުރިއަށްގެންދިޔަ ބައްދަލުވުމުގެ ތެރެއިން. 

މީގެ އިތުރުން، އޭޑީބީގެ ފަންނީ އެހީތެރިކަމާއެކު ރާއްޖެއަށް މޫސުމީ ކަންކަމަށް ބޭނުންވާ އިތުރު މާލީ އެހީތެރިކަން ހޯދިދާނެ ގޮތްތަކާ ގުޅޭގޮތުން ވެސް ދެ ފަރާތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވެއެވެ.

ވުޒާރާއިން ބުނީ މޫސުމަށް އަންނަ ބަދަލުތަކަށް ކެތްތެރިކަން އިތުރުކުރުމާއި ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަޝްރޫއަކީ ރާއްޖެއަށް ކުރިމަތިވަމުންދާ މޫސުމީ ނުރައްކާތަކުން ސަލާމަތްވުމަށާއި، ކާނާގެ ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ ވަރަށް މުހިންމު މަސައްކަތެއްކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު