ENGLISH

07 ޖުލައި 2026

Advertisement

ކަމަދޫ ސްކޫލް އިމާރާތުގެ މަސައްކަތް އަންނަ ދިރާސީ އަހަރުގެ ފުރަތަމު ޓާމުގައި ނިންމަނީ

07 ޖުލައި 2026

|

އައިމިނަތު ޝަފާ

ތައުލީމާއި، މަތީތައުލީމާއި ހުނަރުތައް ތަރައްްގީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު.

ބ. ކަމަދޫ ސްކޫލް އިމާރާތުގެ މަޝްރޫއުގެ އަމަލީ މަސައްކަތް އަންނަ ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގެ ތެރޭގައި ނިމޭނެ ކަމަށް ތައުލީމާއި، މަތީތައުލީމާއި ހުނަރުތައް ތަރައްްގީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް މަަޖިލީހަށް ހާޒިރުވެވަޑައިގެން ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. 

މެމްބަރު އެދިވަޑައިގެންނެވީ ކަމަދޫގައި އިމާރާތްކުރުމަށް ރައީސްް ޑރ.މުޙައްމަދު މުޢިއްޒު ވައުދުވެވަޑައިގެންފައިވާ ސްކޫލުގެ އައު އިމާރާތުގެ މަސައްކަތް މިހާތަނަށް އެއްވެސް ވަރަކަށް ކުރިއަށް ނުދާ ސަބަބު ވިދާޅުވެދެއްވުމާއެކު، މި ދައުރުގެ ތެރޭގައި ސްކޫލްގެ މަސައްކަތް ނިންމާ ދަރިވަރުންނަށް ބޭނުންކުރެވޭނެ ތާރީހު އޮޅުންފިލުވައިދެއްވުމަށެވެ. 

ވަޒީރު ވިދާޅުވީ ކަމަދޫ ސުކޫލުގެ އައު އިމާރާތުގެ މަޝްރޫއަކީ ދެ ކްލާސްރޫމާއި އޮފީސް އިމާރާތް ހިމެނޭގޮތަށް، 2023 ވަނަ އަހަރު އޭރު އޮތް އެމްޑީޕީ ސަރުކާރުން ކުރިއަށްގެންދަން ހަމަޖައްސާފައިވާ މަޝްރޫއެއްކަމަށެވެ. ނަމަވެސް ވެރިކަން ބަދަލުވި އިރުވެސް އެ މަޝްރޫއު ކުރިއަށް ގެންދެވޭ ވަރަށް ފައިސާ ބަޖެޓުގައި ހިމަނާފައިނުވާކަން ފާހަގަކުރެއްވިއެވެެ. 

"2023 ވަނަ އަަހަރު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ފެށުނުއިރު، އޭރުގެ މަޖިލީހުން އެ މަޝްރޫއަށް ބޭނުންވާ ފައިސާ އެ އަހަރަށް ބަޖެޓްކޮށްފައި ނުވޭ، ކަންމިހެން ހުރުމުން މި ޕްރޮޖެކްޓާއި މިނޫނަށް އެކަށީގެންވާ މިންވަރަށް އެކަށީގެންވާ އަދަދަށް ފައިސާ ނުހިމަނާ ހުރި ޕްރޮޖެކްޓްތައް ހިމެނޭގޮތަށް 2024 ވަނަ އަހަރު ތައުލީމީ ދާއިރާގެ އިންފްރާސްޓްރަކްޗާ ޕްލޭނެއް ވަނީ އެކުލަވާލެވިފައި،". ވަޒީރު ވިޑާޅުވިއެވެ. 

އެމްޑީޕީ ސަރުކާރުން، ދެ ކްލާސްރޫމް އަދި އޮފީސް އިމާރާތް ހިމެނޭގޮތަށް ކުރިއަށް ގެންދަން ހަމަޖައްސާފައި އޮތް މަޝްރޫއު އިތުރަށް ފުޅާކޮށް، މި ސަރުކާރުން ވަނީ އެ މަޝްރޫއު ހަ ކްލާސްރޫމާއި އޮފީސް އިމާރާތެއް އެކުލެވޭގޮތަށް ބަދަލުކޮށްފައިކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މަޝްރޫއަށް ބޭނުންވާ ބިމުގެ ދަތިކަންހުރުމާއެކު، ލިބިފައިވާ ޖާގައިގެ ބޭނުން އެންމެ އެކަށީގެންވާ ގޮތުގައި ހިފުމަށް ފަންނީ މީހުންނާއެކު މަސައްކަތްކޮށްގެން ރަނގަޅު ޕްލޭނެއް އެކުލަވާލާފައިވާކަން ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ މި މަޝްރޫއުގެ ޑިޒައިންގެ މަސައްކަތާއި، އިމާރާތުގެ އޮނިގަނޑުގެ ކުރެހުންތައް ނިމި މިއަހަރުގެ ދެވަނަ ޓާމުގެ ކުރީކޮޅު އިމާރާތް ބިނާކުރުމުގެ އަމަލީ މަސައްކަތް ފެށޭނެކަމަށާއި އަމާޒަކީ އަންނަ ދިރާސީ އަހަރުގެ ފުރަތަމަ ޓާމަށް މަސައްކަތް ނިންމާލުންކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު